ސޯޝަލް މީޑިއާގެ އެންމެ ނުފޫޒު ގަދަ ޒުވާނުންގެ ތެރޭގައި ހިމެނޭ ރިއެލިޓީ ތަރި ކައިލީ ޖެނާ ސިންގަލް ވެއްޖެ ކަމަށް ބުނެފިއެވެ.

ކައިލީ ސިންގަލް ވެފައިވަނީ އޭނާ އެކީގައި އުޅުނު ރެޕް ލަވަކިޔުންތެރިޔާ ޓްރެވިސް ސްކޮޓް އާއެކު އޮތް ގުޅުން ކަނޑާލުމާއެކުގައެވެ. މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެ ރުޅިވި މިއީ ދެވަނަ ފަހަރެވެ. އެންމެ ފަހުން ދެމީޙުން އެކީގައި ގުޅިފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

ކައިލީގެ ގާތް މީހުން ތެރޭގައި ހިމެނޭ މަސްދަރެއް، އެމެރިކާގެ އަސް ވީކްލީ ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިދިޔަ އާ އަހަރާއި ކްރިސްމަސްގެ ޗުއްޓީއަކީ ދެމީހުން އެކީގައި ހޭދަކުރުމަށް ހަމަޖެހިފައިވާ ޗުއްޓީއެއް ކަމަށެވެ.

ނަމަވެސް ދެމީހުން ޗުއްޓީ ހޭދަކުރީ ވަކިން ކަމަށާއި އެގޮތަށް އެކި ފަހަރުގެ މަތިން މިހާރު ދެމީހުން ވަކީން ދުވަސްތައް ހޭދަކުރާ ކަމަށް މައުލޫމާތު ދީފައިވެއެވެ.

ދެމީހުން ވަކިވި ނަމަވެސް ދެމީހުން ގާތް އެކުވެރިންގެ ގޮތުގައި އަބަދުވެސް ތިބޭނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.

ދެމީހުން މިފަހަރު ވަކިވިއިރު އެ ގުޅުން ރޫޅާލުމުގައި ޓްރެވިސް 2021 ގައި ބޭއްވި ކޮންސާޓުވެސް ކޮންމެވެސް ވަރެއްގެ ރޯލެއް ކުޅެފައިވާ ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.

އެގޮތުން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ކޮންސާޓު ޝޯއެއްގެ ތެރޭގައި ޓްރެވިސްގެ މެނޭޖްމެންޓުގެ ފަރުވާ ކުޑަކަމުގެ ސަބަބުން އެތާ ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލު ނުވެ އަށް މީހަކު މަރުވިއެވެ. އެކަމުގެ ޒިންމާ ޓްރެވިސް ނަގާފައިވާ ނުވާއިރު ކައިލީ އޭރު ހުރީ ޓްރެވިސްގެ ސަޕޯޓުގައެވެ.

ނަމަވެސް އެ ނިންމުން ގޯސްކަމަށް އެތައް ބަޔަކު ބުނަން ފެށުމުން ކައިލީ އެކަމުން ދުރުވާން މަސައްކަތް ކުރަނީ ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.

ކައިލީ އާއި ޓްރެވިސް އެންމެ ފުރަތަމަ ދިމާވެފައިވަނީ 2017 ވަނަ އަހަރު ރައްޓެއްސެއްގެ ފަރާތުންނެވެ. އެއަށްފަހު ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވެފައިވަނީ 2019 ވަނަ އަހަރެވެ.