މިދިޔަ އަހަރު އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ހޯދާފައިވާ ފިލްމަކަށް ޖޭމްސް ކެމެރަންގެ އެވެޓާ: ދަ ވޭ އޮފް ވޯޓާ ވެއްޖެއެވެ.

މިދިޔަ މަހުގެ 15 ގައި ދައްކަން ފެށި ފިލްމު އެވެޓާ އަދި ސިނަމާތަކުގައި އެޅުވި ފަހުން މަހެއް ވެފައި ނުވާއިރު އެ ފިލްމު އަންނަނީ ބޮކްސް އޮފީހުގެ ޗާޓުތައް މުގުރަމުންނެވެ.

މިހާތަނަށް އެ ފިލްމަށް ލިބުނު އާމްދަނީގެ މިންވަރު 1.5 ބިލިއަން ޑޮލަރަށް ވަނީ އަރައިފައެވެ.

އެއީ މިދިޔަ އަހަރު ނެރުނު އެއްވެސް ފިލްމަކަށް ލިބިފައި ނުވާ އާމްދަނީއެކެވެ. އެވެޓާގެ ކުރިން މިދިޔަ އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ ޓޮމް ކްރޫޒް ލީޑް ރޯލުން ފެނިގެންދިޔަ "ޓޮޕް ގަން: މެވަރިކް"އެވެ. 'ޓޮޕްގަން'އަށް ވަނީ 1.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

https://www.youtube.com/watch?v=d9MyW72ELq0

އެވެޓާއަށް ލިބިފައިވާ އާމްދަނީއާއެކު އެ ފިލްމު ވަނީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުތަކުގެ ލިސްޓުގެ ނުވަވަނައިގައި ހިމެނިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ފިލްމަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އެ ފިލްމަށް ބޮޑު އާމްދަނީއެއް ލިބެމުން އައި ނަމަވެސް ފުރަތަމަ ފިލްމާ ވާދަކުރުމަށް އެ ފިލްމަށް 1.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ބޭނުންވާނެއެވެ. އެވެޓާގެ ފުރަތަމަ ފިލްމަކީ 2.9 ބިލިއަން ޑޮލަރާއެކު މިހާތަނަށް އެންމެ ބޮޑު އާމްދަނީ ލިބިފައިވާ ފިލްމެވެ.