08 Jan 2023, 09:02
ބަތަލާ މަދޫރީ ޑިކްސިޓް ބޮލީވުޑުގައި ފައިތިލަ ސާބިތުކޮށްލި މަޝްހޫރު ފިލްމު "ތޭޒާބް"ގެ ރިމޭކްއިން ފެންނާނީ ބަތަލާ ޖާންވީ ކަޕޫރާއި ބަތަލު ރަންވީރު ސިންގްކަމަށް ފިލްމީ ރިޕޯޓުތަކުން ބުނެފިއެވެ.
މީގެ ދެ އަހަރުކުރިން މި ފިލްމުގެ ކޮޕީ ރައިޓްސް ގަނެފައިވަނީ ކާމިޔާބު ފިލްމު"ކަބީރް ސިންގް"ގެ ޕްރޮޑިއުސަރު މުރާދު ޚެތާނީގެ ފިލްމު ކުންފުނިންނެވެ. ސައިން1 ސްޓޫޑިއޯއިން މިފިލްމު އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ފިލްމީ ތަރިންކަމަށްވާ ޝްރަދާ ކަޕޫރާއި ކާތިކް އާރްޔަންއަށް ކަމަށް މީގެ ކުރިން ވަނީ ޚަބަރު ފެތުރިފައެވެ. އެހެންނަމަވެސް މިހާރު ފިލްމު ހުށަހަޅާފައިވަނީ ޖާންވީ ކަޕޫރާއި ރަންވީރު ސިންގްއަށް ކަމަށް އިތުބާރުހުރި ފަރާތަކުން މީޑިއާއަށް ވަނީ މަޢުލޫމާތުދީފައެވެ.
މި ދެ ތަރިން ފިލްމުކުޅޭކަން ކަށަވަރުވެއްޖެނަމަ މިއީ ޖާންވީއާއި ރަންވީރް ސިންގް ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމަށްވާނެއެވެ. މިހާތަނަށް ރަންވީރް ސިންގް ފިލްމުކުޅެފައިވާ ހަގު ބަތަލާއިންގެތެރޭގައި ސާރާ ޢަލީ ޚާން އަދި އާލިއާ ބަޓް ހިމެނެއެވެ.
ބަތަލާ ޖާންވީ ކަޕޫރަކީ، އެކްޓަރު އަނިލް ކަޕޫރަށް ބޮޑު ބޭބެ ކިޔާ ބަތަލާއެކެވެ. އެހެންކަމުން ބޮޑު ބޭބެގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ފިލްމަކުން ފުރުޞަތު ލިބުމަކީ، ޖާންވީ ކަޕޫރަށް ލިބިގެންދާނެ ޝަރަފަކަށް ވެގެންދާނެއެވެ. ހަމައެއާއެކު އެކްޓަރު ރަންވީރް ސިންގްއަކީ އަނިލް ކަޕޫރުގެ ވަރަށް ބޮޑު ފޭންއެއްކަމުން މިފަދަ ފުރުޞަތެއް ބީވެގެންދިއުމަށް ރަންވީރް ވެސް ނޭދެނެއެވެ.
1988 ވަނަ އަހަރު ރިލީޒްކުރެވުނު ފިލްމު "ތޭޒާބް"އަކީ، އަނިލް ކަޕޫރް އަދި މަދޫރީ ޑިކްސިޓް ލީޑް ރޯލްއިން ފެނިގެންދިޔަ ވަރަށް މަޤުބޫލު ފިލްމެކެވެ. ފިލްމުގައި ހިމެނޭ "އޭކް ދޯން ތީން"ލަވަޔަކީ މަދޫރީއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ އެއް ސަބަބެވެ. މި ފިލްމަށްފަހު ބަތަލާއަށް ބޮލީވުޑްގެ ގިނަ ދޮރުތައް މަރުޙަބާ ކިޔާފައިވާއިރު މިއަދާ ހަމައަށްވެސް ގިނަ ބައެއްގެ ހިތުގައި މި ލަވަ ވަނީ ބިންވަޅު ނެގިފައެވެ.