12 Apr 2012, 09:48
ރޭ މާލޭގައި ޒުވާނަކަށް ހަމަލަދިން މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މއ. ލެއްގި، ގައިސުﷲ އަބްދުލްޣަފޫރު، 26، އަށް ރޭ 12 ޖަހާ އެހާކަންހާއިރު، އަމީނީމަގު ބަނޑޭރި ކޮށި ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
ރޭގެ ވަޅިޖެހުމުގެ ހާދިސާގައި ގައިސުގެ ކަރަށާއި ބަނޑަށް އަދި އަތަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފަ އެވެ.
މަންޒަރުދުށް މީހަކު ބުނީ ވަޅިހެރި ޒުވާނާ ދުވަމުން އައިސް ވެއްޓިފައި އޮތީ ނިކަގަސް މަގުން، ކުރީގެ ބާ ޖަމާލުއްދީން ސަރަހައްދަށް ކަމަށާއި ވަޅިހެރުމުގެ ސަބަބުން އެމީހާ އޮތީ ލެއިން ތަތްތެޅިފައި ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ދިޔުމަށް އިންކާރު ކުރިކަމަށާއި ނަމަވެސް ހޭނެތިގެން ވެއްޓުމުން ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް ވެސް ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ ޒަޚަމްވި މީހާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލަފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސިނަމާލޭ ފްލެޓް ތެރެއިން ޒުވާނެއްގެ ގަޔަށް ވަޅިހަރައި ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފަ އެވެ.
މާލޭގައި ވަޅިޖެހުމާއި ވައްކަމާއި ފޭރުން މިހާރު ވަނީ އާންމުކަމަކަށް ވެފަ އެވެ. މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވަޅި ޖަހައި ވަނީ ދެ ޒުވާނަކު މަރާލައިފަ އެވެ.