10:00


ދިވެހި ވިޔަފާރިންވެރިންނަށް ހުރި ފުރުސަތުތައް މަދުވެ، ކެޕިޓަލް ހޯދުމަށް ދަތިވެފައިވާތީ، ދިވެހި ވިޔަފާރިންވެރިންނަށް ފައިސާ ހޯދޭނެ މަގުތައް ތަނަވަސްކުރުމުގެ ގޮތުން އިތުރު ބޭންކުތަކުގެ ޚިދުމަތް ރާއްޖޭގައި ލިބޭނެ ގޮތް ހަދައިދިނުމަށް ގުޅިފައިވާ އިއްތިހާދުން ސަރުކާރަށް ގޮވާލައިފި އެވެ.


ޑީއާރްޕީއޭ ކޯލިޝަނާއި، ގައުމީ ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ ހިމެނޭ ގުޅިފައިވާ އިއްތިހާދުން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޕްރައިވަޓައިޒޭޝަން ސިޔާސަތުގެ ދަށުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ މުހިންމު ވިޔަފާރިތަކާއި ދައުލަތުގެ ހަރުމުދާ ދޫކުރަމުންދާއިރު، ދިވެހި ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ދަނީ މަދުވަމުން ކަމަށެވެ. އަދި ކެޕިޓަލް ހޯދުމާއި ވިޔަފާރިފުޅާކުރުމަށް ހުރި މަގުތައްވެސް ދަނީ ހަނިވެ، ބަންދުވަމުން ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.


އެހެންކަމުން، ހާލަތު ނިކަމެތިވަމުންދާ މި ދަނޑިވަޅުގައި، ދިވެހި ވިޔަފާރިވެރިންނަށް ފައިސާހޯދޭނެ މަގުތައް ތަނަވަސްކުރުމުގެ ގޮތުން އިތުރު ބޭންކުތަކުގެ ޚިދުމަތް ރާއްޖޭގައި ލިބޭނެ އަވަސް މަގެއް ސަރުކާރުން ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށް އެނޫސްބަޔާނުގައިވެ އެވެ. މީގެ އިތުރުން، އިތުރު ބޭންކުތަކަށް ބޭނުންވެފައިމިވާ ދަނޑިވަޅުގައި އިސްލާމިކް ބޭންކިންއަކީވެސް ރާއްޖެ ކަހަލަ ގައުމެއްގައި ތައާރަފްކުރުން މިހާރުވެސް ލަސްވެފައިވާ ޚިދުމަތެއްކަން ފާހަގަކޮށް އެ ނޫސްބަޔާނުގައި ބުނެފައިވަނީ، އިތުރު ބޭންކުތައް ރާއްޖެއަށް ތައާރަފްކުރުމުގެ ވާހަކަ ހަގީގަތަކަށް ނުވެ، ލަސްވަމުންދާކަމީ ސުވާލުއުފެދޭ ކަމެއް ކަމަށެވެ. އަދި ހުސްވާހަކަ ދެއްކުމުގެ ބަދަލުގައި، އިތުރު ބޭންކުތަކުގެ ޚިދުމަތާއި އިސްލާމިކް ބޭންކިންގެ ޚިދުމަތުގެ އިންތިޒާރުގައި ތިބި ދިވެހިންނަށް އެ ޚިދުމަތް އަވަހަށް ލިބޭނެ މަގުފަހިކޮށްދިނުމަށް ގުޅިފައިވާ އިއްތިހާދުން ސަރުކާރަށް ގޮވާލާފައިވެ އެވެ.