08 Jan 2023, 16:28
ސްމާޓް ވޮޗް، ވެއާ އޯއެސް ތިނެއްގައި ގޫގުލް މެޕްސް އެޕްލިކޭޝަން ފޯނު މެދުވެރިނުކޮށް މަސައްކަތް ކުރާގޮތް ގޫގުލް އިން ހަދައިފިއެވެ.
ގޫގުލް ވެއާއޯއެސްގެ އެންމެ ފަހުގެ އަޕްޑޭޓާއެކު މި މުހިއްމު ފީޗާ ތަޢާރަފުކޮށްފައިވާއިރު، މީގެ ކުރިން ސްމާޓްވޮޗްގައި ގޫގުލް މެޕްސް އެޕް ބޭނުންކުރާ ފަރާތްތަކުން ސްމާޓްވޮޗާއެކު ފޯނުވެސް ބޭނުންކުރަންޖެހެއެވެ.
ނަމަވެސް މިހާރު ގޫގުލް މެޕްސްގެ އެންމެ ފަހުގެ އަޕްޑޭޓާއެކު ސްމާޓްފޯންތައް ކައިރީގައި ނެތަސް އެމީހުންގެ ވެއާ އޯއެސް 3 ޕަވާޑް ސްމާޓްވޮޗްތަކުގައި ޓާން ބައި ޓާން ނެވިގޭޝަން ބޭނުން ކުރެވޭނެއެވެ.
އޭގެ މާނައަކީ، ފަތިހު ކަސްރަތަށް ނުވަތަ ދުވަން ނުކުންނައިރު، ފޯނުގެ އުނދަގޫ ތަހައްމަލު ކުރާން ނުޖެހޭނެކަމެވެ. މިއީ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.
ގޫގުލްގެ ފަހުގެ އަޕްޑޭޓާއެކު މިލިބުނު ޚާއްޞަ ފީޗާގައި ގޫގުލްމެޕްސްގެ ގިނަ އޮޕްޝަންތަކެއް އިތުރަށް ލިބިގެންދިޔައިރު، ތިމާހުރި ޕޮޒިޝަން ހޯދުމާއި، އެހެން ސިޓީއެއް ހޯދުމާއި، ކައިރީގައިހުރި ރެސްޓޯރެންޓެއް ނުވަތަ ކެފޭއަކުން ކޮފީއެއް ހޯދާލަން ކުރިން ފޯނު ބޭނުންވިޔަސް މިހާރު ހަމައެކަނި ސްމާޓްވޮޗް އޮތުމުން ފުދޭނެއެވެ.
އެކަމަކު މި ފީޗާ މަސައްކަތް ކުރާނީ ހަމައެކަނި ސްމާޓްވޮޗް އެލްޓީއީ ނެޓްވޯކަކާ ނުވަތަ ވައިފައި ނެޓްވޯކަކާ ގުޅާލުމުންނެވެ.
"މިހާރު ގޫގުލް މެޕްސް ޓާން ބައި ޓާން ނެވިގޭޝަން އެލްޓީއީ ގަޑިތަކަށް ލިބޭނެ. އެއްވެސް ފޯނެއް ބޭނުމެއް ނުވޭ. އެލްޓީއީ އެނަބަލްޑް ގަޑިއެއް ނަމަ، ނުވަތަ ވައިފައި މެދުވެރިކޮށް އިންޓަނެޓާ ގަޑި ގުޅާލެވިއްޖެނަމަ، މިހާރު މެޕްސް މަސައްކަތްކުރާނެ،" ގޫގުލްގެ ކޮމިއުނިޓީ ޕޭޖުގައި ލިޔެފައިވެއެވެ.
މި ފީޗާ އޮފްލައިން މޯޑުގައި މަސައްކަތް ނުކުރާތީ، ވައިފައި ނެޓްވޯކްތަކުގެ ޚިދުމަތްދޭ ފަރާތްތަކުން ފްރީ ވައިފައި ސްމާޓް ވޮޗްތަކަށް ލިބޭނެ ގޮތެއް ހެދުމަށް ގޫގުލްއިން ޑިމާންޑް ކުރާއިރު، އެކަން ކުރާނެގޮތެއް ގޫގުލްއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުރިހަމަ ވައިފައިއެއް ނުލިބޭނަމަ "ޓާން ބައި ޓާން ނެވިގޭޝަން" ފީޗާ ރަނގަޅަކަށް މަސައްކަތެއް ނުކުރާނެއެވެ.
ފޯނާ ނުލައި ގޫގުލް މެޕްސްގެ ނެވިގޭޝަން ފީޗާ ބޭނުންކުރާނެ ގޮތް
ސްޓެޕް 1: ވެއާ އޯއެސް 3 ޕަވާޑް ސްމާޓްވޮޗްގައި ގޫގުލް މެޕްސް އެޕް ހުޅުވުން.
ސްޓެޕް 2: ސާޗްކޮށް މަންޒިލްގެ ނަން ޖަހާށެވެ.
ސްޓެޕް 3: ދަތުރުފަތުރުގެ ބައި އިޚްތިޔާރުކުރާށެވެ. މިތަނުން ތިބާގެ އީޓީއޭ (އެސްޓީމޭޓް ޓައިމް އޮފް އަރައިވަލް) ބަލާލެވޭނެއެވެ.
ސްޓެޕް 4: ހިނގުން، ބައިސްކަލް ނުވަތަ ކާރު ދަތުރު ފެށުން.
ގޫގުލްގެ ސަޕޯޓް ޕޭޖުގައި ބުނެފައިވަނީ ސްމާޓްވޮޗާއި އެންޑްރޮއިޑް ފޯނާއި ކަނެކްޓް ކޮށްގެންވެސް މިފީޗާ މަސައްކަތް ކުރާއިރު، ވަކި ހިސާބަކުން ފޯނު ޑިސްކަނެކްޓްވިޔަސް ސްމާޓް ވޮޗްގައި ގޫގުލް މެޕްސް ނެވިގޭޝަން އެއްވެސް މައްސަލައެއް ނުޖެހި ބޭނުން ކުރެވޭނެ ކަމަށެވެ.