މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫގައި މިރޭ ބޭއްވި އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބު އެއްބުރުން ބޮޑުތަކުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ الله ގެ ރަޙްމަތާއެކު އޯގަސްޓް މަހު ބާއްވާ ރިޔާސީ އިންތިޚާބު އެއްބުރުން، އެއްބުރުން ބޮޑުތަނުން ކާމިޔާބު ކުރާނަން," ރައީސް ޞާލިހް ވިދާޅުވިއެވެ.

އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް އެވެރިކަން ދަމަހައްޓާނެ ކަމަށް ވެސް ހަރު އަޑުން ރައީސް ޞާލިހް ވިދާޅުވިއެވެ.

އޭގެ ކުރިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބު ކޮށްދެއްވުމަށް ރައީސް ޞާލިހް ވަނީ އެ ޕާޓީގެ މެންބަރުންގެ ގާތު އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެންގެ ވިސްނުމާ ފިކުރާ ހުރިހާ ހަރަކާތެއް އަމާޒުކުރަންވާނީ އެ އިންތިޚާބު އަނެއްކާ ވެސް އެމްޑީޕީއަށް ކާމިޔާބުކޮށް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ ސަރުކާރެއް އެކުލަވާލުމަށް. އަޅުގަނޑު ނިކުމެ މިހުރީ އެކަން ތިބޭފުޅުންނަށް ކޮށްދޭން," ރައީސް ޞާލިހް ވިދާޅުވިއެވެ.

ވެލިދޫގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން ---

މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތްތަކަށް ވިސްނަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ޞާލިހް ވިދާޅުވީ, މާޒީގައި ކުރި ހިތި ތަޖުރިބާ އިޔާދަ ނުކޮށް އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެވޭނީ އެމަނިކުފާނަށް ކަމަށެވެ.

"އެކަން ކުރެވެން އޮތީ ތަފާތު ފިކުރުތައް އެއްކޮށް އުފެއްދޭ ސަރުކާރެއް އުފެއްދުމުގެ ވިސްނުމާއި ފިކުރު ހުރި މީހަކަށް އަދި އެފަދަ ތާއީދެއް ވެސް އޮތް މީހަކަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ޕާޓީގައި އެކަން ކުރެވޭނެ މީހަކަށް ހުރީ އަޅުގަނޑު," ރައީސް ޞާލިހް ވިދާޅުވިއެވެ.

ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރަނީ ވަކި މީހަކު ބާކީކޮށް ވަކި މީހަކާ އިދިކޮޅަށް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ޕްރައިމަރީ ނިމުމުން އެމްޑީޕީ ކުރިއަށްދާނީ އެކީގައި ކަމަށެވެ.

"ރާއްޖޭގެ ތައުލީމް ކުރިއެރުވުމަށްޓަކައި ވެސް އާ ޖީލެއް ބިނާކުރުމަށްޓަކާ ވެސް އަޅުގަނޑުމެން އެބަޖެހޭ މި ޕްރައިމަރީ ކާމިޔާބު ކުރަން," ރައީސް ޞާލިހް ވިދާޅުވިއެވެ.

ވެލިދޫގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން ---

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހާ ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެެވެ.

ރާއްޖެއަށް ސިޔާސީ ޕާޓީތައް ތައާރަފްކުރި ފަހުން އެއްވެސް ޕާޓީއަކަށް ނުވަތަ ކެނޑިޑޭޓަކަށް ވެސް އެއްބުރުން ރިޔާސީ އިންތިޚާބު ކާމިބުކުރެވިފައެއް ނުވެއެވެ.