ތަރައްގީ ލިބެންވާނީ ވެރިންގެ ތައްޕާހުން ނޫން ކަމަށާއި ތަރައްގީ ލިބެންވާނީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ހަމަހަމަ ގޮތެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުން މިއަދު ދ. މީދޫއަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ ވެރިންގެ ތައްޕާހުން ތަރައްގީ ގެނައުމަކީ އެމްޑީޕީ ސިޔާސަތު ނޫން ކަމަށެވެ.

"ވެރިއެއްގެ ތައްޕާހުން ކަންކަމެއް ނުވާނެ. އަޅުގަނޑު މި ރަށަށް މިއައީ މި ދެންނެވި ކަމާ ކަންބޮޑުވެގެން." އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރަށްރަށަށް ތަރައްގީ ލިބެން އޮތީ މާލޭގައި ވަޒީރެއްގައި ގޭ ބުޑުގައި މުގޯޅި އަޅައިގެން ކަމަށް އަނެއްކާވެސް ބައެއް މީހުންނަށް ހީވާން ފަށައިފި ކަމަށެވެ. އަދި، އެއީ އެމްޑީޕީން ނިންމަން އުޅުނު ފިކުރުކަން ފާހަގަކުރައްވާ، އެމަނިކުފާނު ވިދާޅުވީ އެކަން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

"ތަރައްގީ ލިބެން އޮތީ، މާލޭގައި ވަޒީރެއްގެ ގޭ ބުޑުގައި މުގޯލި އަޅައިގެންނޭ، އޭނާއަށް މަހެއް ވެސް ގައިންދީގެންނޭ، އޭނާއަށް ބާޒާރު ވެސް ކޮށްދީގެންނޭ، ތިމަންނާގެ ދަރިން އެގޭގައި ބައިންދައިގެންނޭ، [އަނެއްކާވެސް މީހުންނަށް ހީވާން ފަށައިފި]" އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް ޑިމަކްރަޓިކް ނިޒާމެއް ގެނައީ ވެރިންގެ ތައްޕާހުން ކަންކަން ކުރާ ޒަމާން މާޒީކޮށް، އެކަން ބަދަލުކުރަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހަގީގީ ހެޔޮ ބަދަލެއް ގެނެވޭނީ ރަށްރަށް ތަރައްގީވާނެ ނިޒާމެއް އުފައްދައިގެން ކަމަށެވެ. އެ ނިޒާމަކީ ޑިމަކްރަސީ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ. އެހެންވެ، ނިޒާމު ގަޑުބަޑު ނުކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

"ސްވިޗު ޖައްސާލީމާ ބޮކި ދިއްލެނީ ރަނގަޅަށް ކަރަންޓު ވައިރުކޮށްފައި ހުންނާތީ. އިސްކޫރު އަނބުރާލީމައި ފެން އަންނަނީ ފެން ވައިރުކޮށްފައި ހުންނާތީ. ތަރައްގީގެ ވައިރިން އަކީ ޑިމަކްރަސީ، ތަރައްގީއެއް ނުލިބޭނެ މި ނިޒާމު ގަޑުބަޑު ކުރަން އުޅެފި ނަމަ" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވާއިރު، ދެން އެ އިންތިޚާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެސް ގެންދަވަނީ ކެމްޕޭނަށް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.

މިގޮތުން އެމަނިކުފާނު މިހާރު ގެންދަވަނީ ނ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.