ރ. އަލިފުށީގައި އެ ރަށު ކުނި ގޮނޑުގައި ހުރި ފައިބަރު ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެ ހާދިސާ ހިނގީ މިއަދު މެންދުރުފަހު 14:15 ހާއިރެވެ. އަލިފާން ވަރަށް ބޮޑަށް ރޯވި ނަމަވެސް މިހާރު ކޮންޓްރޯލުކުރެވިފައިވާކަމަށް އެ ރަށު ކައުންސިލް ރައީސް އާދަމް އިމްރާން "ސަން"އަށް ވަނީ ވިދާޅުވެފައެވެ.

"ކުނި ގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވީ. ދެން އެކަމަކު މިހާރު ކޮންޓްރޯލްކުރެވިއްޖެ. އެކަމު އެއްކޮށް އަލިފާން ނިއްވާލަން ހަމަ އެންމެ އަޑީގައި ހުރި ކުނިތައް އެކްސްކެވޭޓަރު ބޭނުންކޮށްގެން ކޮނެގެން ވާނީ. އެހެންނޫނިއްޔާ ހަމަ އަލިފާންގަނޑު ފެތުރުމުގެ އެ ބިރު އެބައޮތް،" އިމްރާން ވިދާޅުވިއެވެ.

އެ ހާދިސާ ހިނގުމާއެކު އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ އެ ރަށު ރައްޔިތުންނެވެ.

ހާދިސާ ހިނގަން މެދުވެރިވި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

އަލިފުށީ ކުނި ގޮނޑުގައި ހުރި ފައިބަރު ކުނިތަކެއްގައި ރޯވުން -- ފޮޓޯ/ އަލިފުށިއެމްވީ

ފައިބަރު ކުނި ގިނަ އަދަދަކަށް އުފެދި، އެ ނައްތާލެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމަކީ އެ ރަށަށް ދިމާވެފައި އޮތް މައްސަލައެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވަނީ އަލިފުށީ ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރުކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމްކުރަން ބޭނުންވާކަމަށް އެ ރަށު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލް ރައީސް އިމްރާން ވިދާޅުވި ގޮތުގައި ސަރުކާރުގެ ފެންވަރުގައި އެ ކަމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.

އެ ރަށު ކައުންސިލުން އިސްވެ އަންނަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާއެކު ވެސް ފައިބަރު ކުނި ނައްތާލުމަށް މަސައްކަތްކޮށްދިނުމާމެދު މަޝްވަރާތަކެއް ކުރަމުންނެވެ.