ފެށުނީއްސުރެ ވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި، އިދިކޮޅު ޕީޕީއެމްގެ ފަރާތުން ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަށް ކެމްޕޭން ކުރުމަށް ނ. ކެނދިކުޅުދޫއަށް މިއަދު ވަޑައިގެން އެރަށު އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވަމުންނެވެ.

"ފެށުނީއްސުރެ މި ސަރުކާރަށް ގޮންޖެހުންތަކެއް މަޖިލިސް ތެރެއިންނާއި އަދި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވެސް ކުރިމަތިވި." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ގޮންޖެހުންތަކާއެކުގައި ވެސް އެހެން ސަރުކާރުތަކުން ފަސް އަހަރު ތެރޭ ނުކޮށްދެވުނު އެތައް ކަމެއް މި ސަރުކާރުން ރައްޔިތުންނަށް ކޮށްދީފައިވާ ކަމަށެވެ. ކުރީ ސަރުކާރުތަކުގެ ހިސާބު ޖެހުމުން އެކަން ސާބިތުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެފަދަ ގޮންޖެހުންތަކާއެކުގައި ވެސް ހިދުމަތް ދިނުމުގައި ކުރިޔަށް ދެވެނީ ކެތްތެރިކަން އިސްކުރައްވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، ނ. ކެނދިކުޅުދޫގައި --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވޭނީ ވެރިކަމުގައި ދެމި ހުންނަވައިގެން ކަމަށް ވާތީއާއި އެމްޑީޕީއަށް މިވަގުތު ވެރިކަން ދެހެއްޓޭނެ ގޮތަކީ އެމަނިކުފާނު ނުކުންނެވުން ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

"ތެދެއް ވަރަށް ބޮޑު ޕާޓީއެއް އެމްޑީޕީއަކީ. %48، %49ށް ބައެއް ފަހަރު ދެވިދާނެ، ނަމަވެސް ވެރިކަމެއް ލިބެނީ ވޯޓުލާ ބައެއްގެ %50 ލިބިގެން. އެކަމެއް އެމްޑީޕީއަކަށް ނެތް އަދި ކުރެވިފައެއް" އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެއްވޭނީ ގިނަ ޕާޓީތަކެއް އެކުލެވޭ ކޯލިޝަނަކުން ކަމަށް ރައީސް ގަބޫލުފުޅުކުރައްވައެވެ.

އެމަނިކުފާނު ނ. އަތޮޅަށް ވަޑައިގެންފައިވަނީ މި ހަފުތާ ބަންދާ ދިމާކޮށް، ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައެވެ. ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމުގެ ގޮތުން އެމަނިކުފާނުގެ ކެމްޕޭން ޓީމުން ރޭ ވަނީ މީދޫގައި ހާއްސަ ޖަލްސާއެއް ވެސް ބާއްވައިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވާއިރު، ދެން އެ އިންތިޚާބުގައި ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ކެމްޕޭނަށް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.

މިގޮތުން އެމަނިކުފާނު މިހާރު ގެންދަވަނީ އދ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.