ގަވާއިދާ ޚިލާފަށް އެއްވުންތަކުން މީހުން ހައްޔަރުކުރާނަމަ އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅާނެކަމަށް އިދިކޮޅު ޕީޕީއެމްގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

އިއްޔެ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަކީލުންވަނީ ކޮންމެ ރެއަކު ވެސް އިދިކޮޅުން ކުރިއަށްގެންދާ އެއްވުންތަކަކީ ގާނޫނޫ އަސާސީން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށެވެ.

އެއްވުންތަކުގައި ބައިވެރިވާ މީހުން ހައްޔަރުކުރަނީ އެއްވެސް އުސޫލެއް ނެތި "މީހުންތައް ޖަހައިގަނެގެން" ދާ ފަދަ ގޮތަކަށްކަމަށް ވަކީލުން ވިދާޅުވިއެވެ. އެއީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ކުށެއްކަމަށް ވެސް ވަކީލުން ފާހަގަކުރެއްވިއެވެ.

"މިހެން މި ގޮތަށް މި އަމަލުތައް ދިވެހި ފުލުހުންގެ ފަރާތުން ހިންގަމުންދާނަމަ އަޅުގަނޑުމެން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މި މައްސަލަ ހުށަހަޅާނަން،" ގާނޫނީ ވަކީލު މުހައްމަދު ރާޣިބު އަހްމަދު ވިދާޅުވިއެވެ.

ރާޣިބް ވިދާޅުވީ އެއްވުމުން މީހުން ހައްޔަރުކުރާއިރު އަނގަބަހުން ދޭންޖެހޭ ގާނޫނީ އިންޒާރު ނުދޭކަމަށެވެ. އަދި ހައްޔަރުކުރުމަށްފަހު 12ގަޑިއިރު ތެރޭ ލިޔުމުން ދޭންޖެހޭ ގާނޫނީ އިންޒާރު ދިނުން ފަދަ އުސޫލުތަކަށް އަމަލުނުކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގާނޫނީ ވަކީލު އަހްމަދު ޝާފިއު ވިދާޅުވީ އުސޫލުތަކާ ޚިލާފަށް މީހުން ހައްޔަރުކުރުމުގެ ސަބަބުން އެ މީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭކަމަށެވެ.

"މީހާއަށް ނޭނގޭ ފުރަތަމަ މީނާ ފުލުހުންގެ ޖިޕަަށް ގެންދާއިރު ކީއްވެގެންކަމެއް މީނާ މި ލަނީ ވެސް. ކޮން ކުށެއް ކޮށްގެން ކަމެއް ވެސް. މި ގޮތަކަށް ކަންތައްތަކެއް ނުކުރެވޭނެ،" ޝާފިއު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ފުލުހުުންނަށް. އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން މީގެ ކުރިން ވެސް އަމަލުކުރަނީ ފުލުހުންނަށް ވަރަށް އެއްބާރުލުން ދީގެން،" ޝާފިއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން ވެސް ޑިމޮކްރަޓިކް މުޖުތަމައުތަކުން ބަލައިގަންނަ މުއާހަދާތަކުގައި ބައިވެރިވެފައިވާއިރު، ފުލުހުން އަމަލުކުރަނީ އެ މުއާހަދާތަކާ ޚިލާފަށް ކަމަށެވެ. އަދި އެއީ ސަރުކާރުން ރާވައިގެން ގަސްތުގައި އިދިކޮޅުގެ އަޑު ކަނޑުވާލަން ކުރާ ކަމެއްގެ ގޮތުގައި ވެސް ޝާފިއު ސިފަކުރެއްވިއެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލުމާއެކު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އަންނަނީ ސިލްސިލާގޮތެއްގައި އިހްތިޖާޖު ކުރަމުންނެވެ. އެ އިހްތިޖާޖުގެ ތެރެއިން ކޮންމެ ރެއަކު މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންދެއެވެ.