ސަލަމާތާއި ރައްކާތެރިކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ނިއުޔޯކް ސިޓީގެ ސްކޫލްތަކުގައި ޗެޓްޖީޕީޓީ ބްލޮކްކޮށްފިއެވެ.

ނިއުޔޯކް ކައުންޓީ ސައިކިއޭޓްރިކް ސޮސައިޓީ (އެންވައިސީޕީއެސް)ގެ ތަރުޖަމާނު ޖެނާ ލައިލް މި ހަފްތާގެ ކުރީކޮޅު ލޯކަލް އައުޓްލެޓްޗޮކްބީޓްއަށް ވިދާޅުވީ ދަރިވަރުންގެ އުނގެނުމަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ހުރި ކަންބޮޑުވުންތަކާއި ކޮންޓެންޓްގެ ސަލާމަތާއި ސައްހަކަމާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން ޗެޓްޖީޕީޓީ މަނާކޮށްފައިވާ ކަމަށެވެ.

"ސުވާލުތަކަށް އަވަސް އަދި ފަސޭހަ ޖަވާބުތަކެއް މި ޓޫލް އިން ލިބިދާނެ ނަމަވެސް، ތައުލީމީ އަދި މުޅި އުމުރަށް ކާމިޔާބު ހޯދުމަށް ކޮންމެހެން ބޭނުންވާ ކްރިޓިކަލް ވިސްނުމާއި މައްސަލަ ހައްލުކުރުމުގެ ހުނަރު ބިނާއެއް ނުކުރެވޭ،" ލައިލް ވިދާޅުވިއެވެ.

ޗޮކްބީޓް ސިފަކުރި ގޮތުގައި ޗެޓްޖީޕީޓީ އަކީ "ހައިރާންކުރުވަނިވި ގޮތެއްގައި ހަރުދަނާ ލިޔުންތަކާއި ތަފާތު އެކި އެކި ދާއިރާތަކުގެ ސުވާލުތަކަށް ފުރިހަމަ ލިޔުމުގެ ޖަވާބުތައް" އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެކެވެ.

އޭއައި ޗެޓްބޮޓްތައް އުފެދިފައިވާތާ މަދު އަހަރުތަކެއް ވެފައިވާއިރު، ޗެޓްޖީޕީޓީ އަކީ ހިލޭ، އިންޓަނެޓް ކަނެކްޝަން އޮންނަ ކޮންމެ މީހަކަށް ވެސް ލިބޭނެ ޕްރޮގްރާމެކެވެ.

ނިއުޔޯކަކީ އެމެރިކާގެ އެންމެ ބޮޑު ޕަބްލިކް ސްކޫލް ޑިސްޓްރިކްޓް ކަމަށްވާއިރު، އެ ސިޓީގެ ސްކޫލްތަކުގައި ޗެޓްޖީޕީޓީ މަނާކުރުމުން އެހެން ހިސާބުތަކުގެ ސްކޫލްތަކާއި، ޔުވާސިޓީތައް ފަދަ އުނގަންނައިދޭ މަރުކަޒުތަކުންވެސް މިފަދަ ފިޔަވަޅެއް އަޅާފާނެކަމަށް ބެލެވެއެވެ.

ކުރިމަގުގައި އޯޕަންއޭއައި އަށް ދިމާވެދާނެ މިފަދަ ފިޔަވަޅުތަކަކުން ސަލާމަތް ވުމަށް އޯޕަންއޭއައިން ވަނީ ކުރިއަށް އޮތްތަނުގައި ސްކޫލްތަކާ އެކު މަޝްވަރާތަކެއް ކުރަން ރާވާފައިވާ ކަމަށް ބުނެ ބަޔާނެއް ވެސް ނެރެފައެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ޗެޓްޖީޕީޓީ ސްކޫލްތަކުގައިވިޔަސް ނުވަތަ އެހެން ތަނެއްގައިވިޔަސް ނާޖާއިޒުގޮތެއްގައި ބޭނުންކުރާކަށް. އެހެންވީމާ މިހާރުވެސް މިދަނީ އެ ސިސްޓަމުން އުފައްދާ ޓެކްސްޓް ތައް ދެނެގަތުމަށް އެހީތެރިވެދޭ މިޓިގޭޝަންތައް ތަރައްގީ ކުރަމުން،" އޯޕަން އޭއައި އާއި ހަވާލާދީ އޭޕީން ބުނެއެވެ.

ޗެޓްޖީޕީޓީ ނިއުޔޯކުގައި މަނާކުރިކަމުގައިވިޔަސް އެކަމުގެ އަސަރު ކުރަނީ ހަމައެކަނި ސްކޫލް ތަކުގައި ބޭނުންކުރާ ޑިވައިސްތަކަށް އެކަންޏެވެ. ގޭގައި ދަރިވަރުން ނުވަތަ މުވައްޒަފުންނަށް އޭއައި އަށް ވަނުން ހުއްޓުވޭކަށް އަދި ނެތެވެ.

އޯޕަންއޭއައިގެ ޗެޓްޖީޕީޓީގެ ކަންބޮޑުވުންތައް މިފަހަކަށް އައިސް ބައެއް ފަރާތްތަކުން ފާހަގަކުރަމުންދާއިރު، މީގެ ވިއްސަކަށް އަހަރު ކުރިން ގޫގުލްއާ މެދުވެސް ސްކޫލްތަކުން ކަންތައް ކުރީ ހަމަ އެގޮތަށް ކަމަށް ފާހަގަ ކުރެވެއެވެ.