މިމަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، ނ. އަތޮޅަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ނ. އަތޮޅަށް ވަޑައިގެންފައިވަނީ މި ހަފުތާ ބަންދާ ދިމާކޮށް، ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައެވެ. އެ އަތޮޅުގެ ފުރަތަމަ މަންޒިލަކަށް އެމަނިކުފާނު ވަޑައިގަންނަވާފައިވަނީ ކެނދިކުޅުދޫއަށެވެ.

ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމުގެ ގޮތުން އެމަނިކުފާނުގެ ކެމްޕޭން ޓީމުން ރޭ ވަނީ މީދޫގައި ހާއްސަ ޖަލްސާއެއް ވެސް ބާއްވައިފައެވެ.

ރައީސް ޞާލިހް، ނ. ކެނދިކުޅުދޫގައި --- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވާއިރު، ދެން އެ އިންތިޚާބުގައި ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ކެމްޕޭނަށް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.

މިގޮތުން އެމަނިކުފާނު މިހާރު ގެންދަވަނީ އދ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.

ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގައި ނިޒާމާ ގުޅޭ ގޮތުންނެވެ. ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިހް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ. ދެ ރައީސުން ވެސް މިހާރު ގެންދަވަނީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.