ކާބުލް (7 ޖަނަވަރީ 2023): އިނގިރޭސި ރަސްގެފާނު ޗާލްސް 2 ގެ ދަރިކަލުން ޕްރިންސް ހެރީ އަފްޣާން ރައްޔިތުންގެ 25 މީހަކު މެރިކަމަށް އަމިއްލަ އަށް އިއުތިރާފުވުމުން އަފްޣާން ސަރުކާރުން އެކަން ކުށްވެރިކޮށް އިނގިރޭސި ދައުލަތުން ދުނިޔޭގެ ގައުމުތަކުގައި ހިންގާ ލާއިންސާނީ އަދި އިސްތިއުމާރީ ޖަރީމާތައް ދުނިޔޭގެ ސަމާލުކަމަށް ގެނެސްފިއެވެ.

ޕްރިންސް ހެރީ އަފްޣާނިސްތާނުގައި ހިންގި މީހުން މެރުމުގެ ޖަރީމާތަކަށް ރައްދުދެއްވައި ކުރެއްވި ޓްވީޓްގައި އަފްޣާން ސަރުކާރުގެ ތަރުޖަމާނު ބިލާލު ކަރީމީ ވިދާޅުވީ މީހުންމެރުމުގެ މިފަދަ ޖަރީމާތަކަކީ ޕްރިންސް ހެރީ އެކަނި ހިންގާފައިވާ ޖަރީމާތަކެއްނޫންކަމަށާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ އިސްތިއުމާރީ އެހެން ބާރުތަކަކީވެސް މިފަދަ އެތައް ލާއިންސާނީ ޖަރީމާތަކެއް ހިންގާފައިވާ އަނިޔާވެރި ގައުމުތަކެއް ކަމުގައެވެ.

ބިލާލު ވިދާޅުވިގޮތުގައި އަފްޣާނިސްތާނަށް އަރައިގަނެ އެމެރިކާއާއި އިނގިރޭސިވިލާތާއި އެނޫންވެސް އިސްތިއުމާރީ ގައުމުތަކުން ހިންގި ޖަރީމާތައް އަފްޣާން ރައްޔިތުން ދުވަހަކުވެސް ހަނދާން ނައްތާނުލާނެކަމަށެވެ. އަދި އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކޮށް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތާއި ދީން ހިމާޔަތް ކުރުމުގައި އަފްޣާން ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިސްތިއުމާރީ ބާރުތަކަށް އަފްޣާނިސްތާން އިސްތިއުމާރުކޮށްގެން ދިގުމުއްދަތަކަށް ނުތިބެވޭކަމާއި އެބާރުތައް އެންމެފަހުން ޖެހޭނީ ފާބައިގެންދާންކަން ތާރީޚު ހެކިދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތާލިބާން ސަރުކާރުގެ ތަރުޖަމާން އަބްދުލްގައްހާރު

އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުގެ އެހެން މަސްއޫލުވެރިއެއްކަމަށްވާ އަނަސް ހައްގާނީވެސްވަނީ ޕްރިންސް ހެރީ އަފްޣާން ރައްޔިތުންގެ 25 މީހުން މެރިކަމަށް އެއްބަސްވުމުން އެކަން ކުށްވެރިކުރައްވާފައެވެ. ޙައްގާނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރިންސް ހެރީ ބަޑިޖަހައިމެރީ އާއިލާތަކެއްތިބި އަފްޣާން ރައްޔިތުންތަކެއް ކަމަށާއި އެމީހުންގެވެސް ދަރިން ތިމާގެމީހުން އަދި މައިންބަފައިންވެސް ތިބޭނެކަމުގައެވެ. އަދި ގައުމަކަށް ގަދަބާރުން އަރައި އެގައުމެއްގެ ރައްޔިތުން މެރުމަކީޕްރިންސް ހެރީ ސިފަކުރެއްވިގޮތަށް "ރާޒުވާ ބޯޑެއްގެ މަތިން ރާޒުވާ ކުޅިތަކެއް ވައްޓާލުން" ނޫންކަމަށްވެސް ޙައްގާނީ ވިދާޅުވިއެވެ.

ޕްރިންސް ހެރީ ވިދާޅުވިގޮތުގައި އޭނާ އަފްޣާން ރައްޔިތުންގެ ތެރެއިން 25 މީހުން މެރީ އޭނާ އިނގިރޭސި ސިފައިންނާއެކު އަފްޣާނިސްތާނުގައި މަސައްކަތްކުރިއިރު އަޕާޗޭ ހެލިކޮޕްޓަރެއްގައި ހުންނަވައިގެން އެމީހުންނަށް ބަޑިން ހަމަލާދީގެންނެވެ. އެޖަރީމާ އޭނާ ސިފަކުރައްވާފައިވަނީ "ރާޒުވާ ބޯޑެއްގެ މަތިން ރާޒުވާ ކުޅިތަކެއް ވައްޓާލުން" ފަދަ ކަމެއްގެ ގޮތުގައެވެ.

ޕްރިންސް ހެރީ މިޖަރީމާއަށް އިއުތިރާފުވެފައިވަނީ "ސްޕެއާ" ގެ ނަމުގައި ލިޔެފައިވާ އޭނާގެ އޮޓޯބައޮގްރަފީ ގައެވެ. މި ފޮތް ނެރުމަށް ހަމަޖެހިފައިވަނީ މިޖަނަވަރީ މަހުގެ 10 ވަނަދުވަހުއެވެ. ނަމަވެސް މިފޮތުގެ ބައިތަކުގައިވާ ބައެއް މައުލޫމާތު މިހާރުވަނީ ދުނިޔޭގެ ބައެއް ނޫސްތަކުގައި ޝާއިޢުކޮށްފައެވެ.

ޕްރިންސް ހެރީ ލިޔުއްވި އޮޓޯބައޮގްރަފީގައި ހެރީވަނީ އޭނާގެ ބޭބެ އިނގިރޭސިވިލާތުގެ ވަލީއުލްއަހްދު ޕްރިންސް ވިލިޔަމް އޭނާގެ ގައިގައި ތަޅައިގަނެ ބިންމައްޗަށް ވައްޓާލިކަމަށްވެސް ވިދާޅުވެފައެވެ. މީގެއިތުރުން އުމުރުން 38 އަހަރުގެ ޕްރިންސް ހެރީވަނީ ޒުވާން ދުވަސްވަރު އޭނާ ޑްރަގްސް ނެގިކަމަށްވެސް އެއްބަސްވެފައެވެ.

ޕްރިންސް ހެރީ ގެ ވާހަކަތަކަށް އަފްޣާން ޚާރިޖީ ވުޒާރާއިންވެސްވަނީ ރައްދު ދީފައެވެ. އަފްޣާން ޚާރިޖީ ވުޒާރާގެ ތަރުޖަނާމު އަބްދުލްޤައްހާރު ވިދާޅުވިގޮތުގައި އެމެރިކާއާއި އިނގިރޭސިވިލާތް ހިމެނޭގޮތަށް ހުޅަނގުން އަފްޣާނިސްތާނަށް އަރައި އެގައުމު އިސްތިއުމާރުކޮށް ލައްކައިން މީހުން މަރައި ހިންގާފައިވާ ޖަރީމާތަކަކީ ހުޅަނގުގެ އިސްތިއުމާރީ ތާރީޚުގެ އަނދިރި ސަފްހާތަކުގެ ބައެއްކަމުގައެވެ. އަދި ޕްރިންސް ހެރީގެ އިއުތިރާފަކީ އެމެރިކާއާއި އިނގިރޭސީންގެ އަތްދަށުން އަފްޣާން ރައްޔިތުންނަށް ލިބިފައިވާ ލައިންސާނީ އަނިޔާތަކުގެ ތެރޭން ވަރަށް ކުޑަ މިންވަރެއްކަމަށެވެ.

އެމެރިކާއާއި އިނގިރޭސީންގެ އިސްތިއުމާރީ ވެރިކަމުގައި އަފްޣާން ރައްޔިތުން ތަހައްމަލުކޮށްފައިވަނީ ވަރަށް ވޭންދެނެވި އަނިޔާތަކެއްކަމަށްވެސް އަބްދުލްޤައްހާރު ވިދާޅުވިއެވެ. އަދި އެދެގައުުމުން ހިންގާފައިވާ އަނިޔާތަކާއި އިންސާނީ ހައްގުތަކާ ޚިލާފު ޖަރީމާތަކަށް އެދެގައުމު ޖަވާބުދާރީ ކުރުވުމުގައި ބައިނަލްއަގްވާމީ މުޖަތަމައު ފެއިލްވެފައިވާކަންވެސް އޭނާވަނީ ފާހަގަ ކުރައްވާފައެވެ.

އެމެރިކާއިން 2001 ވަނަ އަހަރު ނޭޓޯގެ ގައުމުތަކާ ގުޅިގެން އަފްޣާނިސްތާނަށް އަރައި ހިންގި ޖަރީމާތަކުގައި އަފްޣާން އާންމުންގެ ދެލައްކައަށްވުރެ ގިނަމީހުންނާއި ތާލިބާން ހަނގުރާމަވެރިންގެ އެތައްހާސް ބަޔަކު މަރާލިކަމަށް ރިޕޯޓްތައް ބުނެއެވެ. 2021 ވަނަ އަހަރު އެމެރިކާއިން އަފްޣާނިސްތާނުން ބޭފުމުގެ ކުރިން އެމެރިކާއިން އަފްޣާނިސްތާނުގައި ގާއިމް ކުރި ގޮނޑިކޮއްކޮ ސަރުކާރުވެސްވަނީ ރޫޅިގެން ގޮސް ވެއްޓިފައެވެ. އަދި އެމެރިކާގެ އިސްތިއުމާރަށް ވާގިވެރިވި ފަރާތްތައްވަނީ ގައުމު ދޫކޮށް ފިލާފައެވެ.