ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ތަރައްގީ ކުރި ހިޔާ ފުލެޓުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު ކުލި ދައްކަމުން ނުދާ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕުރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން "ސަން" އިން ވަނީ ހިޔާ ފުލެޓުތަކުގެ ތެރެއިން ގަވާއިދުން ކުލި ނުދައްކާ ފުލެޓުތަކުގެ ތަފާސް ހިސާބު ހޯދަން އެދިފައެވެ.

މިގޮތުން، އެޗްޑީސީން ދިން އަދަދުތަކަށް ބަލާއިރު، ހިޔާއިން 6,338 ފުލެޓު އާންމުންނަށް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 2,678 ފުލެޓުން ފާއިތުވި ތިން މަހުގެ ކުލި ދައްކާފައެއް ނުވެއެވެ. އެއީ، އެ މަޝްރޫއުގެ 42 އިންސައްތަ ފުލެޓެވެ.

ފްލެޓްތަކުގެ ކުއްޔަށް 7،500 ރުފިޔާ ނަގާއިރު މެއިންޓެނެންސް ފީ އަށް ނަގާ 1،000 ރުފިޔާ އާއެކު ޖުމްލަ 8،500 ރުފިޔާ ދައްކަން ޖެހޭނެއެވެ.

އެހެންކަމުން 2,678 ތިން މަހުގެ ކުލި ނުދައްކާ އޮތް ނަމަ އެއީ ގާތްގަނޑަކަށް 68 މިލިއަން ރުފިޔާއެވެ.

ހިޔާ ފުލެޓު: އެތަނުގެ ގިނަ ފުލެޓުތަކުން ކުލި ނުދައްކާ ކަމުގެ ކަންބޮޑުވުން ބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީ ސަރުކާރުން އެ މަޝްރޫއުގެ ފުލެޓުތަކުގެ ކުއްޔެއްގެ ގޮތުގައި ކަނޑައެޅީ 5،600 ރުފިޔާއެވެ. އެކަމަކު، އެއީ އެ މަޝްރޫއާ އެކަށޭނެ އަދަދެއް ނޫން ކަމަށް ބުނެ، މި ސަރުކާރުން ވަނީ ކުލި ބޮޑުކޮށްފައެވެ. ކުލި ބަހާލާފައިވަނީ ޖުމްލަ 25 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރާ ގޮތަށެވެ.

ރާއްޖެއާ ބެހޭގޮތުން ވޯލްޑް ބޭންކުން މީގެ ކުރިން ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް"ގައި ވެސް ވަނީ ސޯޝަލް ހައުސިން މަޝްރޫއުތަކުން ކުލި ނުލިބޭކަން ފާހަގަކޮށް، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ މަސައްކަތަށް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައި ވާއިރު، މިއީ މިފަދަ މަޝްރޫއަކަށް ބޮޑު އަދަދެއް ކަމަށެވެ.

ތަފާތު ފަންތީގެ މީހުންނަށް ހިޔާ ފްލެޓުތައް ދީފައިވާއިރު، އެ ހުރިހާ ފަރާތްތަކަކަށްވެސް ފްލެޓްތަކުގެ އަގުތައް ކަނޑައަޅާފައި ހުރީ އެއް އަގަކަށްކަން އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި ފްލެޓަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާގެ އަދަދު ދަށްކޮށް، ދައުލަތުން ފްލެޓުގެ ސަބްސިޑީގެ ގޮތުގައި ބޮޑު އަދަދެއް ހޭދަކުރަމުން އަންނަ ކަމަށްވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ.

ދާދިފަހުން އެޗްޑީސީން ވަނީ ހިޔާ ފްލެޓަށް ކުލި ނުދައްކާނަމަ ޖޫރިމަނާ ކުރާނޭކަމުގެ އިންޒާރުދީފައެވެ. ނަމަވެސް ކުލި ނުދައްކައިގެން އެއްވެސް ބަޔަކު ޖޫރިމަނާ ކުރި ކަމެއް އެޗްޑީސީއަކުން ނުބުނެއެވެ.