07 Jan 2023, 00:53
ދެހާސްއަށްވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމަށްފަހު، ދައުރު ފުރިހަމަނުކުރެވި މަގުމަތިވެގެންދިޔަގޮތް ހަނދުމަފުޅު އެބަހުރި ކަމަށާއި، އެކަން ހަނދާނުން ނުފޮހެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރ. މީދޫއަށް ވަޑައިގެން، ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތްތަކާއި މަސައްކަތްތަކާއި އަދި ކާމިޔާބު ކުރެވޭނީ ކާކާއެކުކަން މީގެކުރިންކުރި ތަޖުރިބާގެ އަލީގައި ވިސްނުން މުހިންމު ކަމަށެވެ.
އެގޮތުން، 2012 ވަނަ އަހަރު ދައުރުގެ މެދުތެރެއިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަގޮތަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެއަށްފަހު ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހުނީ އަނިޔާވެރި ދުވަސްތަކަކާ ކަމަށެވެ.
2008 ވަނަ އަހަރު އިންތިޚާބު ކާމިޔާބުކޮށް، އަދި އިންތިޚާބު ކާމިޔާބު ކުރެވުނުގޮތް ތި ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެއަށްފަހުގައި ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ބަދަލުވެ މަގުމަތިވެގެން ދިޔަގޮތް މިއަދުވެސް އަޅުގަނޑުމެންގެ ހިތުގައި ހަރުލާ ހުންނާނެ. ހަނދާނެއް ނުނެއްތޭނެ.ރައީސް އިބްރާހީމް މުހައްމަދު ސާލިހް
ރައީސް ސާލިހް ވިދާޅުވީ 2018 ވަނަ އަހަރުގެ ނިޔަލަށް ރައްޔިތުން ދިރިއުޅުނީ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރޭގައި ކަމަށާއި، އެދުވަސްތަކުގެ މަތީން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި، ކުރިއަށް އޮތް ރިޔާސީ އިންތިޙާބާ ކުރިމަތިލާއިރު، ރައްޔިތުން ބޭނުންވަނީ އެނބުރި އެ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާންތޯ ނުވަތަ މިހާރު މި އޮތް ސުލްހަވެރިކަމާ ހަމަޖެހުމާއެކު ކުރިއަށްދާންތޯ އައްސަވައި ރައީސް ވިދާޅުވީ، އެކަމާމެދު ދިވެހި ރައްޔިތުން ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ.
މީގެއިތުރުން, ރާއްޖޭގެ ސިޔާސީ މަސްރަޚް މިއަދު އޮތީ އެއްވެސް މީހަކަށް އެކަނި ނުކުމެ ވެރިކަމަށް އާދެވޭނެ ގޮތަކަށް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނަށް ތަފާތު ޚިޔާލުތަކާއެކު ފިކުރު އެއްގޮތް ކޮށްގެން ވެރިކަން ކުރެވޭނެ ކަމަށެވެ.
އަދި، އެމްޑީޕީގެ ފިކުރާއި ވިސްނުން ކުރިއަށްނެރެ، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރ އަތޮޅުގައި ސަރުކާރުން މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކާއި ނިމިފައިހުރި މަޝްރޫއުތަކަށް އަލިއަޅުވާލައްވާފައެވެ. އަދި، އެއްވެސް ރަށެއް ބާކީނުކޮށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް، ކުރިއަށް އޮތް ތަނުގައިވެސް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.