07 Jan 2023, 10:19
ވަޓްސްއެޕް ބްލޮކް ކޮށްފައިވާ ޤައުމުތަކުގައި ވެސް އެ އެޕްލިކޭޝަން ބޭނުންކުރެވޭ އާ ފީޗާއެއް އެކުންފުނިން ތަޢާރަފް ކޮށްފިއެވެ.
ވަޓްސްއެޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަޓްސްއެޕްއިން މި އާފީޗާ ތަޢާރަފް ކުރުމުގެ މަޤްޞަދަކީ އިންޓަނެޓް ބަންދުވާ ވަގުތުތަކުގައި، ނުވަތަ ވަޓްސްއެޕް މަނާކޮށްފައިވާ އީރާން ފަދަ ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް ރައްކާތެރިކަމާއެކު ވަޓްސްއެޕް ކަނެކްޝަނެއް ފޯރުކޮށްދިނުން ކަމުގައެވެ.
“އަޅުގަނޑުމެންގެ އެދުމަކީ 2023 ވަނަ އަހަރުން ފެށިގެން މި ފަދަ އިންޓަނެޓް ޝަޓްޑައުންތައް ދުވަހަކުވެސް މެދުވެރި ނުވުން. މިފަދަ ބްލޮކޭޑްތަކަކީ، ވޭތުވެދިޔަ މަސްތަކުގައި އީރާނުގައި އަޅުގަނޑުމެންނަށް ފެނިފައިވާ ފަދައިން، މީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުން. އަދި މިކަމަށް އަވަސް އެހީތެރިކަމެއް ނުލިބޭ " އެބަޔާނުގައި ވަޓްސްއެޕް އިން ބުނެފައިވެއެވެ.
މި އެޕްލިކޭޝަން ބޭނުންކުރާ ހުރިހާ ފަރާތްތަކަށް "ޕްރޮކްސީ ސަޕޯޓް" ގެ ނަމުގައި މުޅިން އާ ފީޗާއެއް ވަޓްސްއެޕުން ތައާރަފްކޮށްފައިވާއިރު، މިފީޗާ ވަރަށް ގިނަ ޤައުމުތަކުގައި މިހާރުވެސް ދަނީ ބޭނުން ކުރަމުންނެވެ.
މި ފީޗާ ބޭނުން ކުރެވޭނީ ވަޓްސްއެޕްގެ އެންމެ ފަހުގެ ވާޝަން ބޭނުން ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.
އެންޑްރޮއިޑް، އައިއޯއެސްގައި ވަޓްސްއެޕް ޕްރޮކްސީ ބޭނުންކުރާނެ ގޮތް
ވަޓްސްއެޕް ހުޅުވާލުމަށްފަހު މަތީ ކަނާތްފަރާތުން ސެޓިންގސް ހުޅުވާލާށެވެ.
ސްޓޯރޭޖް އެންޑް ޑޭޓާ > ޕްރޮކްސީސް > ޕްރޮކްސީ ބޭނުންކުރުން އަށް ފިތާލާށެވެ.
- “Set up proxy” ސެލެކްޓްކޮށް ޕްރޮކްސީ އެޑްރެސް ލިޔެލާށެވެ.
- ނިމުމުން ‘ސޭވް’ އަށް ފިތާލާށެވެ.
- ސެޓްއަޕް ކުރުމުން ފެހި ޗެކެއް ފެންނާނެއެވެ.
މަތީގައިވާ ސެޓިން ހެދިނަމަވެސް މެސެޖުތައް ނުލިބޭ ހާލަތެއް ނުވަތަ މެސެޖު ފޮނުވަން އުނދަގޫވެއްޖެ ނަމަ އަލުންޕްރޮކްސީ ސެޓް ކޮށްލާށެވެ. މިފަހަރު ނަގާނީ ކުރިން ނެގި ޕްރޮކްސީ ނޫން އެހެން ޕްރޮކްސީއެކެވެ. ކުރިން ނެގި ޕްރޮކްސީ ޖެހޭނީ ޑިލީޓް ކޮށްލާށެވެ.
ވަޓްސްއެޕްއިން ބުނީ ޕްރޮކްސީ ސެޓިން ހެދުމުގައި އިތުބާރުހުރި މަސްދަރުތަކުން ޕްރޮކްސީ ނެގުން މުހިންމު ކަމުގައެވެ. އަދި ވަޓްސްއެޕް އިން ބުނާ ގޮތުގައި ޕްރޮކްސީގެ ސަބަބުން ޔޫޒަރުންގެ ޕްރައިވެސީއަށް އަސަރެއް ނުކުރާނެއެވެ. އެއީ ޕްރައިވެޓް މެސެޖުތަކަށް ޕްރޮކްސީ، ނުވަތަ މެޓާ އިން އެކްސެސް ނުކުރެވޭތީ މި މެސެޖުތައް އެންޑް ޓު އެންޑް އެންކްރިޕްޓް ވާނެ ކަމަށެވެ.