އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުއަށް މީސްމީޑިއާގައި މީހަކު މަރުގެ އިންޒާރުދިން މައްސަލަ ބަލައިދިނުމަށް އެ ޕާޓީން ގޮވާލައިފިއެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ޓްވިޓާގައި ޝުޖާއު ކުރި ޓްވީޓަކަށް ރައްދުދިން މީހަކު އޭނާއަށް މަރުގެ އިންޒާރުދީފައިވާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި، ޝުޖާއުއަށް ލިބުނު މަރުގެ އިންޒާރާ ގުޅިގެން އޭނާއަށް ރައްކާތެރިކަން ދިނުމަށާއި، އެކަމުގެ ފަހަތުގައި ހުރި މީހަކު ހޯދައި ފިޔަވަޅު އެޅުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، އިސް ސަފުގައި މަސައްކަތްކުރާ ސިޔާސީ ފަރާތްތަކަށް ފުރައްސާރަކޮށް އެފަދަ އިންޒާރުތައްދޭ މީހުންގެ މައްސަލަތައް ބަލައި، އެފަދަ މީހުންނާމެދު ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ޒިންމާއަކަށްވީ ހިނދު، އެފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ވެސް އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

އެ ކޯލިޝަނުން ބުނީ އެއީ އޮއްގޮތަކަށްވެސް އަޅައިނުލައި ފަރުވާކުޑަކޮށް ދޫކޮށްލައިގެން ތިބެވޭނެވަރުގެކަމެއް ނޫން ކަމަށެވެ.

ޝުޖާއު އަކީ ޕީއެންސީ އަދި ޕީޕީއެމްގެ އިސް ސަފުގައްޔާއި އެޕާޓީން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ. އަދި، ޓްވިޓާފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޭނާގެ ޚިޔާލު ފާޅުކުރަމުން އަންނަ ބޭފުޅެކެވެ.