"ކިތަންމެ އަވަދިނެތި އުޅެމުންވެސް ހެދުނާއި ހަވީރުގެ ޒިކުރުކުރުން ދޫކޮށްނުލާށެވެ. އެއީ ނުބައިކަންތައްތަކުން ނަފުސް ސަލާމަތްކޮށްދޭ އައްޑަނައެކެވެ."

***

"ކޮމްޕްލެއިން ނުކުރޭ. ބުނިގޮތަށް ނެހެދުނެއްނު......" ހުސާމް ބުމަކައިރިކޮށްލިއެވެ. "މިނޫ އަހަންނަށް އިތުބާރުކޮށްފައި އެވާހަކަ ބުނީމަ އެހެން މީހުންނަށް އިތުރަށް ހިތާމަނުދީ އެކަން ސިއްރުކުރަން އެހީވާން ހުރީ. އެކަމަކު....ކީއް ތިކުރީ؟ ލިއަމް ފަކީރު....."

މިނަލް ބެއާގެ މޭގައި މޫނު ފޮރުވައިލިއެވެ.

"މެރީ ހިމް......"

މިނަލް ކުއްލިއަކަށް ބެއާ މޫނުމަތިން ދުރުކޮށްލިއިރު މޫނަށް ފިޔާތޮށިކުލަ އަރާފައިވިއެވެ. "ހުސާމް މިތަނުން ދޭބަލަ. ވާހަކަދައްކާކަށް ނޫޅެން. އަހަރެންގެ އެއްވެސް މީހެއްނޫން ތިއީ ބުނާގޮތަށް ހަދަން. އަހަރެން މަރުވިޔަސް މިކޮޓަރިއަށް އަންނާނެކަމެއްނެތް.. އައި ހޭޓް ޔޫ.........ހޭޓް ޔޫ......."

"އައުޗް ދެޓް ހާޓް..އެހެންވިއްޔަ އަހަރެން ދަނީ..."

"ވެއިޓް..."ހުސާމް ދާން ހިނގައިގަތުމުން މިނަލް ތުންފިތައިލިއެވެ.

ހުސާމް ބީރުކަންފަތެއް ދީފައި ދުރުދުރުގައި ފިޔަވަޅު އަޅަމުންގޮސް ލޯމަތިން ގެއްލުމުން މިނަލް ދެފައި ތަޅައިގަތެވެ.

***

އަދާރާ މާބްލް ގޮނޑިއެއްގައި އިށީދެލައިގެން ވައިޖެހޭ މަންޒަރާއި ގަސްތަކުގައި ފޮޅިފައިވާ ކުލަކުލައިގެ މާތަކަށް ބަލަން އިނދެ ހިތްހަމަޖައްސަމުން ދިޔައެވެ. މުޅި ހިސާބުގައި ހިފާލާފައިވަނީ މީރުވަސް ދުވާ މާތާކުގެ ހިތްގައިމު ލުއިވަހެވެ. އެއްފަރާތުގައި ބަހައްޓާފައި ހުރި ކޮފީ ޖޯޑުވެސް ލަސްލަހުން ހުސްވަމުން ދިޔައެވެ. އެދިމާލަށް ޝުވޭކާރު އަންނަތަން ފެނުމުން އަދާރާ އަވަހަށް ތެދުވުނެވެ."ފަސްޓްލޭޑީ"އަކީ އޭނަގެ މައިދައިތައަށް ވުމުން ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް އިހުސާސްކުރެވުނެވެ. އޭނަގެ މައިދައިތައަކީ މަޝްހޫރު ޑޮކްޓަރަކަށްވެފައި ސިޔާސީގޮތުންވެސް ފާހަގަކޮށްލެވޭ ކަނބަލެކެވެ.

"އަދާރާ ގާތުގައި އަދި މިވާހަކަ ނުބުނެވޭ ދޯ. މިއުޅެނީ ފުރަން..."

"އޯ...އަޅުގަނޑު ހަނދާނެއްނެތް."

"އެކޮޅަށް ގޮސްފައި އާރިސް ފޮނުވާނަން. އަދާރާ ހާސްވާނެކަމެއްނެތް...އަޔާއާއި މައިމޫންވެސް އުޅުއްވާނެ...އަދާރާއާއި ހުރިހާ ޒިންމާއެއް ހަވާލުކޮށްފައި ދާނީ. ޚާދިމާއިންވެސް އަދާރާ ބުނާގޮތަށް މަސައްކަތްކުރާނެ. ސުޕަވައިޒްކޮށްފައި ކަންތައްކުރަންވީގޮތް ބުނެދޭނީ. ތަންކޮޅެއް ސްޓްރިކްޓްވާންވެސް ޖެހޭނެ. ނޫނީ އެމީހުން އަދާރާއަށް ގަދަރެއްނުކޮށް ބިރުކުޑަކޮށް އަމުރަށް ނުކިޔަމަންތެރިވާން ފަށާނެ. ލީޑާޝިޕް ސްކިލްސް ހުންނަން ޖެހޭނެ ދޯ...އެކަމަކު ހެޔޮކޮށްވެސް ހިތަންވާނެ އެއީވެސް ނިކަމެތި އިންސާނުންކަމާއި އެމީހުންގެވެސް ހިތެއްވާކަން ދަންނަންވާނެ............"

ޝުވޭކާރުގެ ވާހަކަތައް އަހަން އިންއިރު ކޮންމެވެސް ވަރެއްގެ ބޮޑާކަމެއް ހިތުތެރޭގައި ރަސްކަން ކުރިއެވެ. ނިކަމެތި ކުއްޖަކަށް އެފަދަ މަގާމެއް ލިބުމުންވާނީވެސް އެފަދަ ގޮތެއްނޫންހެއްޔެވެ؟ ކުށްވަޅު ފަލިންގެ ވާހަކަ ހަނދާންވިއެވެ. ކޮންމެހެން މިހާ މަތީ މަގާމެއް ލިބުނީމައެއް ނޫނެވެ. އޮފީސްތަކުގެ ވަކި ސެކްޝަނެއްގެ ހެޑަކަށްވިޔަސް ފޮނިވެގެން ދަށަށް ތިބިމީހުންނަށް ބަލައިލާނީވެސް ދަށް ނަޒަރަކުންނެވެ. ތިމާ ކުރިން އުޅުނު ނިކަމެތިކަމާއި ފެންވަރު ދާދި އަވަހަށް ހަނދާން ނެތިގެން ހިނގައިދާނެއެވެ.

"އަހަރެން ފަހަރެއްގައިވެސް ފެންވަރު އޮޅެން ބޭނުމެއްނޫން..." އަދާރާ ހިތަށް ވިސްނާދޭން މަސައްކަތްކުރިއެވެ. "ނޫނީ އިބުލީހަށް ޖެހުނު ދަތުރު ޖެހިދާނެ. މިގެއަށް އައި އިންޓެންޝަންވެސް ބަދަލުވާން ފެށީކަން ނޭގޭ. ދާނީގެ ސަބަބުން އަހަންނަށް ކުށްވެރިކަންވެސް އެބަ އިހުސާސްކުރެވޭ. ނިގާބު ނެގުނުކަމަށްޓަކާ ލަދުގަންނަންވެސް ފަށައިފި. ދާނިޔާގެ އަޚުލާގުން އަސަރުވެސް ކުރުވާ. ހިތަށް އަރަނީ ދާނިޔާކަހަލަ ރަގަޅުކުއްޖަކަށް ވެވޭނެނަމައޭ. ހިތް ބަދަލުކުރާނީ ކިހިނެއްތަ؟ ބޭރުފުށުން ބަލާފައި ޖަޖްކުރަން ނުވާނެކަމުގެ މިސާލަކީ އަހަރެން. ނިގާބު އަޅައިގެން ހުރިއިރު ކިހާ ހިތް ކަޅު. ހަސަދައާއި ނަފްރަތާއި މާޔޫސްކަން ނޫން އެއްޗެއް ހިތަކުނެތް. އެކަމަކު މިވީ ރަގަޅަށްކަން ނޭގޭ. އަހަންނާއި ނިގާބު އެކަށީގެނެއްނުވޭ. އަދި އެހާ އީމާންތެރިކަން ވަރުގަދައެއްނުވޭ...ބަހަނާ...މުޅިންވެސް ބަހަނާތައް މިދެއްކެނީ....."

***

ޖުއާނާއަށް އަދާރާއާއި ދާނިޔާ ކޮފީއެއްގައި ތިބިތަން ފެނުމާއެކު އެކުދިންގާތަށް އައީވެސް ބްލޫޓޫތް ކަންފަތުގައި އަޅައިގެންނެވެ. ހެދުމުގެ މަތިން ޑޮކްޓަރ ކޯޓުލައިގެން ހުރިއިރު ގަދަރުކުރެވޭފަދަ ޝަޚުސިއްޔަތެއްގެ ވެރިއެކެވެ. ޖުއާނާ ކޮންމެފަދަ ގޮތަކަށް ހެދުން އަޅައިގެން ހުއްޓަސް އޭނަގެ ހިތުގައި އިސްލާމްދީނަށްޓަކާ އޮންނަ ލޯތްބާއި ގަދަރު އޭނަގެ އަމަލުތަކާއި ސޯޝަލްމީޑިއާއިންވެސް ކޮންމެވެސް ވަރަކަށް ފެނެއެވެ. މިފަހަރުވެސް އޭނަ އަޑުއަހަމުން އައީ ގާރީ އަބްދުލްބާސިތު ހިތްގައިމު ރާގަކަށް ކިޔަވާފައިވާ މަރިޔަމް ސޫރަތުގެ އާޔަތްތަކެވެ. ޖުއާނާގެ ހިތަށްވެސް އެންމެ ބޮޑު ހަމަޖެހުމެއް ލިބެނީ ގުރުއާނުގެ އާޔަތްތަކުންނެވެ.

"އައްސަލާމް އަލައިކުމް. އަދާމެން މިތަނުން ފެނުނީމަ ވަރަށް އުފާވެއްޖެ..."

"ދާނީގެ އަތް ފުދޭވަރަކަށް ބޮޑުކޮށް ޒަޚަމްވެގެން ބޭސް އަޅާ ނިމިގެން މިއައީ. ދާނީ ބުނީ ހެދުނު ޒިކުރުނުކުރާ ދުވަހެއްގައި ނޫނީ މިފަދަ އަނިޔާއެއް ނުލިބެއޭ......"

"ސީރިޔަސްކޮށްތަ؟ އަހަންނަށްވެސް އެންމެ ހިތްހަމަޖެހުން ލިބެނީ ގުރުއާން އަހައިލީމަ.........މެސްމެރައިޒިން.." ޖުއާނާ އޭނަ އަޑު އަހަން ހުރި އާޔަތްތައް އެކުދިންނަށް އިއްވާލަދިނެވެ.

އަދާރާ ގަބޫލުކުރަން ދަތިވެފައި ކަހަލަ ގޮތަކަށް ބަލައިލިއެވެ. ހަގީގަތުގައިވެސް އޭނަ އަދާރާއާއިވެސް ވާދައަށް އަޅުވެރި ކުއްޖެއްކަމުގައި މީހުންނަށް ދެއްކެން އުޅެނީއެވެ. ދެއްކުންތެރި އަމިއްލައެދުން ބޮޑު އަންހެނެކެވެ. ޖޯކެކެވެ. ކުއްލިއަކަށް އަދާރާ އަމިއްލަ ނަފުސަށް މަލާމާތްކުރީ ނިގާބު ނެގީތީއެވެ. ނުނެގުނުނަމައޭ ހިތަށް އެރިއެވެ.

"ޖުއާނާ އަޑުއަހަނީ ގުރުއާންތަ؟ މިއުޒިކްކަމަށް ހީކުރީ. ހެހެ.." އަދާރާ މެންގޯ ސްމޫތީ އިން އެތިފޮދެއް ބޯލިއެވެ. "މްމްމް...ޔަމީ.."

"ސޭމްގެ ލަވަ އަޑުނާހަމޭ ބުނެފިއްޔަ ދޮގަކަށްވާނީ. އެކަމަކު އަބަދުވެސް ސޭމް ގާތު ބުނަން ގާރީއަކަށް ވާށޭ. ސޭމް ގުރުއާން ކިޔަވާނެނަމައޭ، ހާދަ އަސަރުގަދަވާނެއޭ...އައި ލަވް ގުރުއާން....ކުޑައިރުއްސުރެ ގުރުއާނާއިހެދި އުޅޭ ކަމަށް މަންމަވެސް ބުނޭ...ޚާއްސަކޮށް މާމަގެ ރަތްކުލައިގެ މުސްހަފްއާއިހެދި ރޮއިގެން އަތުން ދޫނުކޮށް ގެންގުޅޭ ވާހަކައަކީ ގޭތެރޭގައި މަޝްހޫރު ވާހަކައެއް............." ޖުއާނާ އެކުދިންގެ ހުއްދަ ހޯދައިގެން އިށީދެ ކޮފީއަކަށް އޯޑަރުދިނެވެ.

"ހުސާމް ބުނާގޮތުން ގުރުއާނާއި މިއުޒިކް އެކީގައި އަޑުއަހައިލެވޭނެ..." އަދާރާ އަށް ބަލަން އިދެވުނީ ޖުއާނާގެ އިނގިލީގައި ވިދަ ވިދާއޮތް އަނގޮޓިއަށެވެ. ހިންދިރުވާލެވުނެވެ.

"އެހެން ބުނާކަށް ނޭގޭ. އޯލް އައި ނޯ އިޒް ގުރުއާން އަޑުއެހުމުން މެންޓަލް ހެލްތަށް ރަަގަޅު އަސަރުކޮށް ވަރަށް ބޮޑަށް ރިލެކްސްކޮށްލާކަން..." ޖުއާނާ ހިނިތުންވެލިއެވެ.

"ދާނީ ގުރުއާން މެމޮރައިޒް އެބަކުރޭ. އަހަރެންވެސް މިއުޅެނީ ފަށަންކަމަށް.....ޖޫނީ ގުރުއާން ހިތުދަސްކުރަން ބޭނުންތަ؟" އަދާރާގެ އެފަދަ ނިޔަތެއް ނެތަސް ޖުއާނާގެ ޚިޔާލު ބަލައިލަންވެގެން ބުނެލިއެވެ.

"އޮފްކޯޒް. ވައިނޮޓް؟ކޮންމެވެސް ދުވަހަކުން އެކަންވެސް ކުރާނަން......." ޖުއާނާގެ ހިތްހެޔޮކަމާއި ރަގަޅުކަމުން ދާނިޔާގެ ހިތުން މަގާމެއް އަތުލިއެވެ. އެކުވެރިއެއް ކަމުގައި ދެކެން އެކަށީގެންވާ ކުއްޖެކެވެ.

އެދުވަހުން ފެށިގެން ޖުއާނާއާއި ދާނިޔާ ގާތް އެކުވެރިންނަށްވިއެވެ. ޖުއާނާގެ މުއްސަދިކަމާއެކު އެއްވެސް ބޮޑާކަމެއްނެތް ހިތްތިރި އޯގާތެރި ކުއްޖަކަށްވުމާއެކު އެކީއުޅެން ފަސޭހަވެސް ކުއްޖެކެވެ. ދާނިޔާއާއި ދެކުދިން އެތައް އިރެއްވާންދެން ދީނީ މައުޟޫއަށް ވާހަކަދެއްކުމާއި ބަހުސްކުރުމުގައި ތިބެއެވެ. އަދާރާގެ ހިތުގައި ޖުއާނާއަށް އޮތް ހަސަދަވެރިކަން ކޮންމެވެސް ވަރަކަށް ކެނޑުނަސް ބައެއްފަހަރު ހިތުގައި ޝަކުވާވެސް އޮވެއެވެ. ޖުއާނާ ކިތަންމެ ލޯބި ހިތްހެޔޮ ކުއްޖަކަށްވިޔަސް އާރިސްގެ ފަހަތުން އުޅޭކަމުގެ ޝައްކާއި ވަހުމްވެސް ހިތުގައި ބޮޑުވަމުން ދިޔައެވެ. އަނެއްބައި ފަހަރު އަދާރާ އަމިއްލަ ނަފުސްކުށްވެރިކުރެއެވެ. ވަހުމާއި ޝައްކަކީ ޝައިތާނާގެ މަޅިއެކެވެ. އެމަޅީގައި ޖައްސައިގެން ފާފަތަކަށް އަރައިގަންނަން ޝައިތާނާ ވެވުނުހާ މަސައްކަތެއްކުރާނެއެވެ. އިންޖީނެއްނެތް އުޅަދެއްފަދައިން އަދާރާގެ ހިތްވެސް އޮޔާއި ބެހެމުން ދިޔައެވެ. ހިތުގެ މިސްރާބެއްވެސް ނޭގިފައިވާ ފަދައިންނެވެ.

އަދާރާ އެބޮޑު ޕިއާނޯގެ މަތީގައި އަޅާފައި އޮތް ފޮތިގަނޑު ނަގާފައި މަޑުމަޑުން އިނގިލި ހިންގައިލުމުން ރީތި ރާގެއްގެ އަޑު ތަނުގައި ހަރުލިއެވެ. ހުސާމް ފަހަތުން އައިގޮތަށް ދާދި ކައިރީގައި ހުއްޓުމާއެކު އަދާރާ ދުރަށް ޖެހުނެވެ. ކަޅުފެހިކުލައިގެ ޓީޝާޓަކާއި ޖިންސެއްގައި އޭނަ ފެންނަލެއް ވަރަށް ހިތްގައިމެވެ. ދެންމެ ފެންވަރާލައިގެން އައުމުން ތާޒާކަމާއެކު މޫނުމަތީގައި ހުރި ހިތްހަލާކުކޮށްލާފަދަ ގޮތެކެވެ.

"މާދަން ފުރަން މިއުޅެނީ. އިންތިޒާރުކުރައްޗޭ. އަހަރެން އަދި އަދާރާގެ ކައިރިއަށް އަންނާނަން............."

"މޮޔަވީތަ ހުސާމް؟"

"އަދި ނުވޭ..."

"ޖުއާނާފަދަ ފުރިހަމަ އަންހެންކުއްޖެއް ލިބުނީމަވެސް ހިތް ނުފުރުނީތަ؟" އަދާރާ ހީކުރީ ޖުއާނާގެ ސަބަބުން ހުސާމް އިސްލާހުވާނެ ކަމުގައެވެ. ނަމަވެސް ހުސާމްއަކީ ފަހަރިންނަށްވެސް ހުރި ބިރެކެވެ.

"އަދާ ކަހަލަ ކުދިން އަބަދު ކުރިމަތިން ފެނުނީމަ........" ހުސާމް އަދާރާގެ މޫނުގައި ބީހެން އުޅުމުން އަދާރާ ފަހަތަށް ޖެހުނެވެ. "ޑޯންޓް.......އަތްނުލާ ދުރުގައި ހުރެގެން ވާހަކަަދައްކާ.........."

"އެކަމަކު ލޮލުން ބުނެދެނީ އެހެން ވާހަކައެއް. އަހަރެން ހުއްޓާލާނީ އަދާވެސް އަހަރެންގެ އަންބަކަށް ހަދާފައި. މުސްލިމުންނަށް ހަތަރު އަނބިން ހުއްދައެއްނު. އަހަރެން ކަހަލަ މަޝްހޫރު މީހަކަށް ރަގަޅުވާނީވެސް އެގޮތް. އޭރުން އެޓްލީސްޓް ހަތަރު އަންހެންކުދިންނަށް އުފަލާއި ހިތްހަމަޖެހުން ދެވޭނެ...ދެން ތިބޭނީ ޖާރިޔާއިން.............." ހުސާމް ހެމުން ބުނެލިއެވެ. "ވައިފްއެއްގެ މަގާމު ލިބޭނީ ވަރަށް ސްޕެޝަލްވީމައެއްނު އެކަމާއި ފަޚުރުވެރިވާން ޖެހޭނެ އަދާ...އަހަންނަށް ހެދުނު މިސްޓޭކްގެ ކައްފާރާއަކަށްވެސް އެކަން ކޮށްދޭނަން. ސަބަބަކީ އަދާގެ ހިތުގައި އަހަންނަށްޓަކާ ވާ ލޯބި ތި ލޯވެސް ހެކިދޭ. އަދިވެސް އަހަރެންދެކެ ލޯބިވާތީ..............."

އަދާރާ އަނގަޔަށް ގޮތެއް ހަދައިލިއެވެ.

"ބިގް އިގޯއެއްގެ ވެރިއެއް...އަހަރެން އެޑްވައިސްއެއް ދީފާނަން...ތިއުޅުން ދޫކޮށްފައި ރަގަޅުމީހަކަށްވޭ. ތައުބާވޭ. ވަގުތު ފާއިތުނުވަނީސް...."

"އަހަރެންގެ ހަޔާތަށް އަދާ އައީމަ. އެނޫނީ އަހަރެން ރަގަޅުމީހަކަށް ވާކަށް ބޭނުމެއްނޫން. އަހަންނަށް އެކަށީގެންވާ ތަނަކީ ޖަހަންނަމް....."

"ހުސާމް. ކުފުރުނުވޭ...."

ހުސާމް ހިތްގައިމު ނަޒަރަކުން ބަލަން ހުރިގޮތުން އަދާރާގެ ހިތް އަވަސްވިއެވެ.

"ޖުއާނާ ދޫކޮށްފައި އަހަރެން އަދާއާއި މެރީކޮށްފާނަން. ސަބަބަކީ ޖުއާނާއަށް ހަގީގަތް އެނގުމުން ދެމީހުން އެހެން ޕްލެނެޓަކަށް ފޮނުވާނެކަން ޔަގީންވާތީ...ސޯ......ޖޫނީ ގާތު ހަގީގަތް ކިޔައިދީ........."

ޝުވޭކާރު އެތަނަށް އައުމުން ދެމީހުންގެ ވާހަކަ ހުއްޓުމަކަށް އައެވެ. އަދާރާ ހުސާމްއާއެކު ހުރުމުން ޝުވޭކާރުގެ މޫނުމަތިން ކުޑަކޮށް ހިތްހަމަނުޖެހުނު ކަމުގެ ކުލަވަރެއް ފެނިލިއެވެ.

"އަދާރާވެސް ޕިޔާނޯ ކުޅޭހިތުން..."

"ސޭމް. މަންމަ މިއުޅެނީ މާކް ކުޅެން ދިޔަގޮތަށް ޚަބަރެއްނުވެގެން...ފޯނުވެސް ނަގަނީއެއްނޫން. މާ ބޮޑެތި ކުދިންނާއިއެކު އުޅެން ދޫކޮށްލައިގެން ދެރައެއްވެސްލިބިދާނެ. ދަރިފުޅު ދަނޑަށް ގޮސްދާނަންތަ؟"

"ޝުއަ..." ހުސާމް ހިނގައިގަތެވެ.

***

އަދާރާ ގަސްތުކުރީ ޖުއާނާ ގާތު ހަގީގަތް ހާމަކުރުމަށެވެ. އޭނަގެ ހިތުގައި ހުސާމްއަށް އޮތް ތެދުވެރި ލޯބި ހިއްސާކޮށް އޭނަގެ ލޯބިވެރިޔާ އަނބުރާ ދިނުމަށް އެދޭނީއެވެ. ނޫނީ މި ޝާހީ އާއިލާއާއި މި ޗެރީވުޑް ޕެލެސް ދުވަހަކު އަމާނެއްނުވާނެއެވެ. ދުވަހަކު އުފާވެރިކަމާއި ހަމަޖެހުން އެކުލެވޭ މާހައުލަކަށް މިތަން ނުވާނެއެވެ. އެންމެ ރަގަޅުގޮތަކީ ޖުއާނާ ގާތު އާދޭސްކޮށްގެންވެސް އޭނަގެ ލޯބި ހޯދުމެވެ.

ސިޑި ގިރާކޮށް ތިރިއަށް އަންނަނިކޮށް ދާނިޔާގެ ފޯނެއް އައުމުން ނެގިއެވެ. "އަދާ..މީހުންގެ ވާހަކަ ދައްކާހިތެއްނެތް. އެއްކަލަ ރޫޒާ އެނގެއެއްނު. އިސްޕިރީނުހެން ހީވާ ބުޅި އިސްތަށިގަނޑެއްލާފައި ހުންނަ ލަވަކިޔާ މަޝްހޫރުކުއްޖާ. އެދެމީހުން އުޅެނީ ރައްޓެހިވެގެން...ރޭގައިވެސް އެކީގައި އުޅުނީ. ހިތަށް އަރަނީ ހެއްދެވި ފަރާތަށް ބިރެއްވެސް ނުގަންނަނީހެއްޔޭ، ފާފަތަކަށް އަރައިގަންނައިރު މާދަންވެސް ދުނިޔެއަށް ނޭވާލާނެކަމެއް ނޭގޭ. އެކަމަކު........."

"ދާނީއަށް ޔަގީންވީ ކިހިނެއްތަ؟"

"ޔަގީންވީމަ ދޯ އެވަރުގެ ވާހަކައެއް ބުނާނީ......"

ނުނިމޭ