ހޯސޭ މޮރީނިއޯ އަކީ އޭނާ ގަބޫލު ކުރާ ގޮތުގައި ހާއްސަ މީހެކެވެ. މާތްކަނލާގެ ފިޔަވައި އެންމެ ހާއްސަމީހަކީ ވެސް މޮރީނިއޯ ގަބޫލުކުރާ ގޮތުގައި އޭނާ އެވެ. ބައެއް ފަހަރު އޭނާ އަކީ ވަރަށް މަޑުމައިރި މީހެކެވެ.

ނަމަވެސް ޕްރެސް ކޮންފަރެންސްތަކުގައި އޭނާ އަކީ ފޮނި ވާހަކަ ދެއްކުމަށް މަޝްހޫރު މީހެކެވެ. ޗެލްސީގެ ކޯޗަކަށް ހުއްޓައި ޕްރެސް ކޮންފަރެންސަށް އޭނާ ގެންގުޅޭ ކުއްތާ ވެސް ވައްދަން ފެށި އެވެ. ފަހުން އެކުއްތާ ނުފެންނާތީވެ ނޫސްވެރިން ސުވާލު ކުރުމުން ބުނީ މޮރީނިއޯގެ ގައުމު ޕޯޗުގަލް އަށް ފޮނުވާލައިފި ކަމަށެވެ. އެއީ އިނގިރޭސި ވިލާތުން އެ ކުއްތާ އަށް ޖާގަ ނެތްކަމަށް ބުނެ އެވެ.

ފޮނިވާހަކަ ދެއްކި ނަމަވެސް ޕްރެޝަރު ދަނޑިވަޅުތަކުގައި މިހާރު މޮރީނިއޯ ނޫސްވެރިންނަށް ފިލާހަދާކަމަށް ސްޕޭނުގެ ނޫސްވެރިން ވަނީ ސިފަކޮށްފަ އެވެ. އެއީ ރޭ އެތްލެޓިކޯ މެޑްރިޑާއެކު ރެއާލް މެޑްރިޑް ކުޅެން އޮތް މެޗުގެ ޕްރެސް އަށް އޭނާ ހާޒިރު ނުވުމުންނެވެ. މިއީ ފާއިތުވެދިޔަ އަހަރު ރެއާލްގެ ކޯޗުކަމާ ހަވާލުވި ފަހުން މޮރީނިއޯ ކަޓުވާލި 43 ވަނަ ޕްރެސް ކޮންފަރެންސެވެ.

ނޫސްވެރިން ސިފަކުރާ ގޮތުގައި މޮރީނިއޯ އޭނާގެ އެސިސްޓެންޓް ކަރަންކާ ޕްރެސް އަށް ފޮނުވަނީ ޕްރެޝަރުވަގުތުތަކުގައި ބާސެލޯނާއާ ބެހޭ ގޮތުން ސުވާލުކުރާނެކަން ޔަގީންވެއްޖެނަމަ އެވެ. އަދި އޭނާ އަށް މިސްޓޭކް ހެދިގެން ޓީމު ބަލިވެއްޖެނަމަ އެވެ. މީގެ އިތުރުން ކުޅުންތެރިންނާ ގުޅުން ގޯސްވެއްޖެނަމަވެސް މޮރީނިއޯ ސްޕޭނުގެ ނޫސްވެރިންނަށް ފިލާކަމަށް އެމީހުން ތުހުމަތު ކުރެ އެވެ.

ރެއާލް މިހާރު އޮތީ ވާދަވެރި ބާސެލޯނާ އަށްވުރެ ފަސް ޕޮއިންޓް ކުރިން ތާވަލުގެ އެއްވަނާގަ އެވެ. ނަމަވެސް މިމަހު ފަހުކޮޅު ބާސެލޯނާގެ ދަނޑުގައި މި ދެ ޓީމު ކުޅެންޖެހޭ މެޗަކީ ލީގް ޗެމްޕިއަންކަން ލިބޭނެ ޓީމެއް ޔަގީންވާނެ މެޗުކަމަށް ގިނަބަޔަކު ޔަގީންކުރެ އެވެ.