އަންނަ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ "ޗާލު މިސްކިތް" ފަންޑް ރައިސިން ހަރަކާތުން މިހާތަނަށް، 27،000 އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެކައުންސިލުން ބުނެފިއެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތައް ބަލަހައްޓައި، އާބާތުރަ ފިލުވުމުގެ މަސައްކަތަށް ބޭނުންވާ ފަންޑު ހޯދުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި ހަރަކާތް ފަށާފައިވަނީ މިއަދު ހަވީރުއެވެ. ސިޓީ ކައުންސިލުން ބުނީ މިއަދު ހަވީރު 16:00 އިން 18:00އާ ހަމައަށް އެހީގެ ގޮތުގައި ޖުމްލަ 27،671.67 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިސްކިތްތައް ބަލަހައްޓައި ޒީނަތްތެރި ކުރުމަކީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެދަށުން އެންމެ އިސްކަމެއްދީގެން ކުރާ މަސައްކަތް ކަމަށެވެ.

މޭޔަރު ވިދާޅުވީ މިސްކިތްތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ނަމަވެސް އެކަމަށް އެންމެ އެކަށީގެންވާ އާމްދަނީއެއް ސަރުކާރުގެ ފަރާތުން ފޯރުކޮށްނުދޭ ކަމަށެވެ. ސަރުކާރުން އެ މަސައްކަތަށް ކޮންމެ އަހަރެއްގެ ވެސް ބަޖެޓުގައި ކަނޑައަޅާފައިވަނީ އެއް މިލިއަން ރުފިޔާއެވެ.

މާލެ ސިޓީ ކައުންސިލްގެ "ޗާލު މިސްކިތް" ފަންޑް ރައިސިން އިވެންޓް / ސަން ފޮޓޯ: ނާއިލް ހުސެއިން

އަޅުގަނޑުމެންގެ ފަލްސަފާއެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނާނެ މާލޭގެ އެންމެ ރީތި ބިނާތަކެއްގެ ގޮތުގައި ވާން ޖެހޭނީ މާލޭގެ މިސްކިތްތައް ކަމަށް. އެ މަސައްކަތް މިދިޔަ 18 މަސްދުވަހު އަޅުގަނޑުމެންގެ ކެރިފޯރުންތެރިކަންހުރި މިންވަރަކުން ކައުންސިލުން އަންނަނީ ކުރަމުން. ބައެއް މިސްކިތަތްކުގައި ކުލަ ލާންޖެހޭ، ބައެއް މިސްކިތްތަކުގެ ބޮކިތައް ބަދަލުކުރަން ޖެހޭ. ފާހާނާ ހަދަން ޖެހޭ. އެމަސައްކަތް ކުރުމަށްޓަކައި އާންމުންގެ ފަރާތުން، ވިޔަފާރިވެރިންގެ ފަރާތުން އަދި ދަރުމަވެރިންގެ ފަރާތުން އަޅުގަނޑުމެންނަށް އެހީތެރިކަން ދެއްވުމަކީ އަޅުގަނޑުމެންގެ އެދުން.މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ "ޗާލު މިސްކިތް" ފަންޑް ރައިސިން އިވެންޓް / ސަން ފޮޓޯ: ނާއިލް ހުސެއިންމޭޔަރު ވިދާޅުވީ، އެކި މިސްކިތަތްކުގައި ނުނިމިހުރީ އެކިވަރުގެ މަސައްކަތްތައް ކަމަށާއި، ކައުންސިލްގެ އަމާޒަކީ މި ހަރަކާތާއެކު ކުރިއަށްއޮތް ރަމަޟާން މަސް ފެށުމުގެކުރިން އެ މަސައްކަތްތައް ފުރިހަމައަށް ނިންމާލުން ކަމަށެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި މިއަދު ހަވީރު މި ހަރަކާތް ފަށާފައިވަނީ ކުޑަކުދިންގެ ހަވީރަކާ ވެސް އެކުއެވެ. މާލޭ ސަރަހައްދުގެ ކޮންމެ މިސްކިތަކަށް ވަކިން ސްޓޯލެއް ގާއިމްކޮށްފައިވާއިރު، އެމީހަކު ބޭނުންވާ މިސްކިތަކަށް ބޭނުންވާ މިންވަރެއް ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ހަރަކާތް ކުރިއަށްދާ ވަގުތު ރާއްޖޭގެ ދީނީ އިލްމުވެރިން ދީނީ ނަސޭޙަތް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ސިޓީ ކައުންސިލުން ބުނީ މި ހަރަކާތް ނިމުމަށްފަހު ވެސް އެހީވާން ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލާފައި ހުންނާނެ ކަމަށެވެ.

ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 އިން 23:00 އަށް އަދި ނަމާދު ގަޑިތައް ފިޔަވައި މާދަމާ 09:00 އިން 18:00 އަށެވެ.