06 Jan 2023, 22:00
ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަދެއްކުމަކީ ބިޔަ، ބޮޑު އެމްޑީޕީގެ ހިތްވަރުގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންގެ ބުރަ މަސައްކަތުން 2018ވަނަ އަހަރު ނުކުމެ ބަދަލު ކުރަން ވޯޓުލީ އެތައް ކަމެއް އަލުން އަނބުރާ އިޔާދަކުރަމުން ދާކަމުގެ ކަންބޮޑުވުން އެޕާޓީގެ ވަރަށްގިނަ މެމްބަރުން ފާޅުކުރާކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެގޮތުން މުވައްޒަފުންނަށް ބިރުދެއްކުމާއި، ދަތިކުރުން ހުއްޓައިލުމަށް ގޮވައިލައި ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނުގައި ބުނީ، ދައުލަތުގެ އެކިއެކި ވަޒީފާތަކުގައި ތިބި ރައީސް ނަޝީދަށް ތާޢީދުކުރާ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ ރަށް ނޫން އެހެން ރަށްރަށުގެ ވަޒީފާތަކަށް ބަދަލުކުރަމުން ގެންދާކަމުގެ ޝަކުވާ ލިބެމުން ދާކަމަށެވެ.
އެކަން އެހެން ކުރަނީ، ވޯޓުލާ ދުވަހު އެ މީހުން ވޯޓުލުމުން މަހްރޫމްކުރުމާއި، އެމީހުންގެ ރަށްރަށުގައި ރައީސް ނަޝީދަށް ކެމްޕެއިން ކުރުމުން ދުރުކުރުމަށްކަމަށް އެ ބަޔާނުގައި ވެއެވެ.
އެއަށް ރައްދުދެއްވާ މާރިޔާ ވިދާޅުވީ، އެމްޑީޕީއަކީ ވަޒީފާގެ ބިރަށް ފަސް ނުޖެހުނު މީހުންގެ ޕާޓީ ކަމަށެވެ. އަދި ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ ބިޔަ، ބޮޑު އެމްޑީޕީގެ ހިތްވަރު ގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއްކަމަށް މާރިޔާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނުގައި ވަނީ، ރައީސް ޞާލިޙްގެ ކެމްޕޭން ހަރަކާތްތަކަށް ދިޔުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އެކުންފުނިތަކުގެ އިސްވެރީން އަންގަމުން ގެންދާ ކަމަށް ބުނެފައެވެ. އަދި އެ ހަރަކާތްތަކުގައި ބައިވެރިނުވާނަމަ އެ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު ދޭކަމުގެ ޝަކުވާވެސް ކެމްޕްއިން ޓީމަށް ލިބޭކަމަށް ބުންޏެވެ.
ހަމަ އެއާއެކު، ވާދަވެރި ކެނޑިޑޭޓުގެ ކެމްޕޭން ހަރަކާތްތައް ހިންގުމަށް ސަރުކާރުގެ އޮފީސްތައް ބޭނުން ކުރާ ކަމަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް ބައެއް ވެރީން މަޤާމުގެ ނާޖާއިޒް ބޭނުން ހިފަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެފަދަ ނާތަހުޒީބީ އަމަލެއް އަލުން އިޔާދަ ކުރުމުން އެކަމާ ކަންބޮޑުވާކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނެފައިވެއެވެ. އަދި އެމްޑީޕީއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުޞޫލުތައް ނަގަހައްޓައި، އިންސާނީ ޤަދަރާއި ކަރާމާތް ޙިމާޔަތްކުރާން މަސައްކަތްކުރާ ޕާޓީއެއް ކަމަށް ކެމްޕެއިން ޓީމުން ބުނެފައިވެއެވެ. އެހެންކަމުން، މުވައްޒަފުންނަށް ބިރުދެއްކުމުގެ ޢަމަލުތަކުން ދުރުވެ ތިބުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ގޮވާލާފައެވެ.
އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާއި ރައީސް ޞާލިހު ވާދަކުރައްވައެވެ. ދެ ފެކްޝަނުންވެސް އެއް ފެކްޝަން އަނެއް ފެކްޝަނަށް ނުސީދާ ބަހުގެ ހަމަލާތައް ވެސް ދަނީ ފޮނުވަމުންނެވެ. މި މަހު 28ގައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންދާއިރު ދެ ބޭފުޅުންގެ ކެމްޕެއިން ވެސް ވަނީ ފައްޓަވާފައެވެ. އަދި ދެ ބޭފުޅުން ވެސް ދަނީ ކެމްޕެއިން ޖަލްސާތައް ބާއްވާ، ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ.