ސައޫދީ އަރަބިއާގެ އަލް އިއްތިފާގު އަތުން 2-0 އިން ރޭ ބަލިވެ، އޭއެފްސީ ކަޕުން، ވީބީ އައްްޑޫ އެފްސީ ގާތްގަނޑަކަށް ކަޓައިފި އެވެ.

ގްރޫޕް ސީގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވީބީ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެއީ މާލޭގައި ކުވޭތު އެފްސީއާއެކު ކުޅެ 2-2 އިން އެއްވަރުކުރި މެޗުން ލިބުނު ޕޮއިންޓެވެ. ކުވޭތު އެފްސީ އަކީ މިވަގުތު ގްރޫޕް ސީގެ ދެ ވަނާގައި އޮތް ޓީމެވެ. އެ ޓީމަށް 7 ޕޮއިންޓް ލިބިފައިވާއިރު އެއްވަނާގައި އޮތް އިއްތިފާގަށް ވަނީ 10 ޕޮއިންޓް ލިބިގަ އެވެ. މި ގްރޫޕުގައި ދެން ހިމެނޭ ލީބިއާގެ އަލްއަހުދަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. މުބާރާތުގައި ވީބީ އަށް ބާކީ ދެން އޮތް ދެ މެޗުން މޮޅުވެގެން ވެސް ހަމަކުރެވޭނ ހަތްޕޮއިންޓެވެ. އެކަަމަކު މިހާތަނަށް ބައިކޮޅަށް 15 ގޯލު ވަދެ، ގެއްލުން ހަތް ގޯލު އޮތުމުން ތާވަލުގެ ކުރީގައިވާ ޓީމެއް ކަޓުވާލުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ. ރާއްޖޭން މުބާރާތުގައި ވާދަ ކުރާ ހަމައެކަނި ޓީމު، ވީބީ އަށް ބާކީ އޮތީ އަހްދާއެކު މާލޭގައި ކުޅެން ޖެހޭ މެޗާއި ކުވޭތާއެކު އެ ގައުމުގައި ކުޅެން ޖެހޭ މެޗެވެ.

މެޗަށް ފަހު ވީބީގެ ކޯޗު ތުރުކީގެ ޖޭން ވަންލީ ބުނީ އިނދިކޮޅު ޓީމަކީ މާމޮޅު ޓީމެއް ކަމަށާއި އޭނާގެ އިރުޝާދުތަކަށް ފުރަތަމަ ހާފުގައި ކުޅުންތެރިން ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް ފަހުހާފުގައި މިސްކޭޓް ހެދުނީ ކަމަށެވެ.
"މިއީ ރަނގަޅު ނަތީޖާ އެއް. އަހަރެންގެ ޓީމުން ކުޅުން ރަނގަޅުކޮށްފައިވާތީވެ އެކަމަށް ހިތްހަމަޖެހޭ،" ފައިރުވެދިޔަ ދެ އަހަރު ވެސް ޓީމަށް އިރުޝާދުދިން ވަންލީ ބުންޏެވެ.

އިއްތިފާގުގެ ކޯޗު ބްރާންކޯ އިވަންކޮވިޗް ބުނީ އޭނާގެ ކުޅުންތެރިން ތިބީ މެޗުގެ ކުރީކޮޅު ލިބުނު ފުރުސަތުތައް ބޭކާރު ވުމުން ހާސްވެފައި ކަމަށާއި އެކަން ހައްލުވީ އިންޓަވަލް ގަޑީގައި ކުޅުންތެރިންނާ ވާހަކަ ދައްކައި އަދި ޓީމަށް ބަދަލު ގެނައުމުން ކަމަށެވެ.

މި ދެ ޓީމު މާލޭގައި ކުޅެގެން ވީބީ ބަލިވީ 6-3 އިންނެވެ.