06 Jan 2023, 11:26
މިއަހަރުގެ ފެބްރުއަރީ މަހުގެ 17އިގައި ރިލީޒްކުރުމަށް ނިންމި އަޖޭ ދޭވްގަންގެ ފިލްމު "މައިދާން" ރިލީޒްކުރާނެ ތާރީޚެއް އިޢުލާނުކޮށްފިއެވެ.
ފިލްމު "މައިދާން" ރިލީޒްކުރުމަށް ނިންމާފައިވަނީ މިހާރު ޝޫޓިންގް އެއްކޮށް ނިމި ރިލީޒްކުރުމަށް ތައްޔާރުވެފައިވާ އަޖޭގެ ފިލްމު "ބޯލާ" ރިލީޒްކުރުމަށްފަހުއެވެ. މިއަހަރުގެ މާރިޗް މަހުގެ 10ވަނަ ދުވަހު ފިލްމު "ބޯލާ" ރިލީޒްކުރުމަށްފަހު ފިލްމު "މައިދާން" ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހުއެވެ.
ފިލްމު "މައިދާން"އަކީ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމަކަށްވެފައި މިއީ އަޖޭ ގެނެސްދޭ ފިލްމުތަކުން އެކްޓަރު ވަކި ޚާއްޞަކަމެއް ދީފައިވާ ފިލްމެކެވެ. އެހެންވެ މިފިލްމު ރިލީޒްކުރުން ލަސްކުރުމަށް އެކްޓަރު ވަނީ ޕްރޮޑިއުސަރުންގެ ފަރާތުން އެދިފައިކަމަށް ފިލްމާ ގުޅުންހުރި ރަސްމީ ފަރާތަކުން ވަނީ މީޑިއާއަށް މަޢުލޫމާތުދީފައެވެ.
ފިލްމު "މައިދާން" މެއި މަހު ރިލީޒްކުރުމަށް ނިންމާފައިވާއިރު ހަމަ ޖެހިގެން އަންނަ ޖޫން މަހު އެކްޓަރު ޝާހްރުކް ޚާންގެ ފިލްމު "ޖަވާން"ވެސް ތިއޭޓަރަށް ދާނެއެވެ. އެހެންކަމުން މިއީ އެކްޓަރުންނާއެކު ފިލްމު ބަލަން ވަންނަ މީހުންގެ މެދުގައިވެސް ވަރަށް ވާދަވެރި ދުވަސްކޮޅަކަށް ވެގެންދާނެއެވެ.
އަޖޭ ދޭވްގަން މުހިއްމު ރޯލްއިން ފެނިގެންދާ ފިލްމު "މައިދާން"އަކީ، ޒީ ސްޓޫޑިއޯއިން އުފައްދާ ފިލްމެކެވެ. އަޖޭގެ އިތުރުން ފިލްމުގައި ބަތަލާގެ ރޯލްއިން ފެނިގެންދާނީ އެމޭޒަން ޕްރައިމްގެ "ދަ ފެމިލީ މޭން"ގެ ބަތަލާ ޕްރިޔާމަނީއެވެ.
މި ފިލްމަކީ، ކާމިޔާބު ގިނަ ފިލްމުތައް ސިނަމާއަށް ގެނެސްދިން ޕްރޮޑިއުސަރު ބޮނީ ކަޕޫރު ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފިލްމުވެސްމެއެވެ. ފިލްމުގެ ރޯލަކުން ބޮނީ ކަޕޫރު ފެންނައިރު ފިލްމުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ބޮނީ މަސައްކަތް ކުރާނެއެވެ. ހިންދީ ބަހުގެ އިތުރުން ތަމަޅަ، ތެލުގޫ އަދި މަޅަޔާލަމް ބަހުރުވައިން ފިލްމު ރިލީޒްކުރުމަށް ޒީއިން ވަނީ ނިންމާފައެވެ.
ނިމިގެން މިދިޔަ އަހަރަކީ އަޖޭ ދޭވްގަންގެ ގިނަ ފިލްމުތަކެއް ރިލީޒްވި އަހަރެކެވެ. ފަސް ފިލްމެއް ރިލީޒްވިއިރު އެންމެ ފަހުން އަޖޭ ފެނިގެންދިޔައީ މިދިޔަ ނޮވެމްބަރު މަހު ރިލީޒްވި ފިލްމު "ދްރިޝްޔަމް 2"އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްވި ފިލްމު "ތޭންކް ގޯޑް"އަކީވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމެކެވެ.