އެކްޓަރު ޝާހިދު ކަޕޫރުގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް "ފަރްޒީ"ގެ ފުރަތަމަ ޓީޒާ ރިލީޒްކޮށްފިއެވެ. އެމޭޒަން ޕްރައިމްގެ ރަސްމީ ސޯޝަލް މީޑީއާ ޕްލެޓްފޯމްތަކުން "ފަރްޒީ"ގެ ޓީޒާ ރިލީޒްކޮށްފައިވާއިރު ޝާހިދު ކަޕޫރުގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ވަނީ މިޓީޒާ އާއްމުކޮށްފައެވެ.

ވެބް ސީރީސް "ފަރްޒީ"އަކީ އެމޭޒަން ޕްރައިމްގެ އެންމެ ކާމިޔާބު ވެބް ސީރީސްކަމަށްވާ "ދަ ފެމިލީ މޭން" ގެނެސްދިން ރާޖް ނިދިމޮރޫ އާއި ކްރިޝްނާ ޑީކޭ ގުޅިގެން ގެނެސްދޭ ވެބް ސީރީސްއެކެވެ.

ޝާހިދު ކަޕޫރުގެ އިތުރުން ސައުތް ސިނަމާގެ އެކްޓަރު ވިޖޭ ސެތޫޕަތީ، ރާޝީ ކަންނާ، ކޭކޭ މެނޮން، ރެޖީނާ ކަސެންޑްރާ އަދި ޒާކިރް ހުސައިން "ފަރްޒީ"ގެ މުހިއްމު ރޯލްތަކުން ފެންނާނެއެވެ. މި ސީރީސްގެ ޓީޒާއިން ޝާހިދު ކަޕޫރު ފެނިގެންދަނީ ކުރެހުމުގެ މަސައްކަތުގައި އަވަދިނެތިކޮށް އުޅެނިކޮށެވެ. މިދިޔަ އަހަރު މިސީރީސްގެ މަސައްކަތް ނިންމާފައިވާއިރު "ފަރްޒީ" ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިޢުލާނެއްނުކުރެއެވެ.

ވެބް ސީރީސްއަކަށް ސޮއިކުރުމާއި ގުޅޭގޮތުން ޝާހިދު ކަޕޫރު ބުނެފައިވަނީ، 20 އަހަރަށްވުރެ ގިނަ މުއްދަތަކަށް ފިލްމީ ދާއިރާގައި މަސައްކަތް ކުރެވިއްޖެ ކަމަށާއި ދެން ބޭނުން ވަނީ ތަފާތު އެހެން ކޮންސެޕްޓެއް ތަޖުރިބާކޮށްލުމަށް ކަމަށެވެ. އަދި މިއީ ޚުދު އޭނާ އަމިއްލަ މީހާއަށްވެސް ކުރާ ޗެލެންޖެއްކަމަށް އެކްޓަރުވަނީ ބުނެފައެވެ.

މި ސީރީސްގެ ފުރަތަމަ ސީޒަން އުފައްދާފައިވަނީ ނުވަ އެޕިސޯޑުގެ މައްޗަށެވެ. ފިލްމެއްގައި މަސައްކަތް ކުރުމާ ޚިލާފަށް ވެބް ސީރީސްގައި މަސައްކަތްކުރުމަކީ، ވަރަށް ތަފާތު ތަޖުރިބާއެއްގެގޮތުގައި ޝާހިދު ކަޕޫރު ވަނީ ސިފަކޮށްފައެވެ.

ޝާހިދު ކަޕޫރުގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ، 2019 ވަނަ އަހަރު ރިލީޒްވި ތެލުގޫ ފިލްމު "ޖާޒީ" އަސްލަކަށް ބަލައިގެން އެނަމުގައި އުފެއްދި ހިންދީ ފިލްމު "ޖާޒީ"އެވެ. ބަތަލާ މްރޫނަލް ތާކުރްއާއެކު އެކްޓަރު ފެނިގެންދިޔަ މިފިލްމު ރިލީޒްވީ މިދިޔަ އަހަރުއެވެ. ޗާހިދުގެ އަތުގައި މިވަގުތު ހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު "ބްލަޑީ ޑެޑީ"ގެ ނަމުގައި އުފައްދާ ފިލްމަކާއި ލޯބީގެ ކޮމެޑީ ފިލްމެއް އެބައޮތެވެ.