05 Jan 2023, 23:09
ރ. އަލިފުށީ އެއާޕޯޓަށް މި އަހަރު ފްލައިޓް ޖެއްސުމުގެ އުންމީދު އެބައޮތް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އަލިފުށީ އެއާޕޯޓް ޓާމިނަލްގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެ ކުންފުންޏަކީ ހުރިހާ ކައުންސިލަކުން ވެސް އިތުބާރު ކުރާ ކުންފުންޏެއް ކަމަށެވެ. ސަބަބަކީ އެ ކުންފުނިން އަމަލު ކުރާނެ ކަމަށް ބުނާ ގޮތަށް ކަންކަން ކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަކީ ބަސްފުޅާއި އަމަލުފުޅު ދިމާވާ، އަދި ރައްޔިތުން އިތުބާރު ކުރާ ވެރިޔެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެނަމަ އެކަން ކޮށްދެއްވާނެކަން އެންމެން ވެސް މިއަދު ގަބޫލު ކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އަލިފުށީގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިންއާއި، ކައުންސިލްގެ ރައީސް އާދަމް އިމްރާންގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާޒިމް އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. އެ ރަސްމިއްޔާތުގައި އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅުއްވައިދެއްވީ މެމްބަރު މުޙައްމަދު ރަޝިދު ހުސައިންއާއި އެމްޓީސީސީގެ ސީއީއޯ އާޒިމްއާއި ކައުންސިލްގެ ރައީސް އިމްރާންއެވެ.

އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅުއްވައިދެއްވީ މެމްބަރު މުޙައްމަދު ރަޝިދު ހުސައިންއާއި އެމްޓީސީސީގެ ސީއީއޯ އާޒިމްއާއި ކައުންސިލްގެ ރައީސް އިމްރާން--- ފޮޓޯ/ އެމްޓީސީސީ
އަލިފުށީގައި އެއާޕޯޓް ޓާމިނަލްގެ މަސައްކަތްތައް ނިމުމުން، އެ ސަރަހައްދު ވައިގެ ދަތުރުފަތުރުގެ އާ ޒަމާނަކަށް އަލިވިލޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ފަތުރުވެރިކަމާއި، ވަޑާންކުރުމާއި، ބޯޓުޔާޑުގެ ވިޔަފާރި ފުޅާވެ، އިގްތިޞާދު އާ މިސްރާބަކަށް ބަދަލުވާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
އެ ކުންފުނިން ބުނީ އެ އެއާޕޯޓާއެކު އެ ސަރަހައްދުގައި އާ ރިސޯޓުތައް އުފެދި، ގެސްޓް ހައުސް ވިޔަފާރި ވެސް ފުޅާވާނެ ކަމަށެވެ. އަދި އެ އެއާޕޯޓުން ފުރައިގެން 20 ވަރަކަށް މިނެޓުތެރޭގައި އެ އަތޮޅު ވާދޫއާއި، ރަސްގެތީމާއި، އަނގޮޅިތީމާއި ށ. ކޮމަންޑުއަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އަލިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 50.5 ހެކްޓަރުގެ ބިން ރަށަށް އިތުރު ކުރެވޭއިރު، އެ ބިމަކީ ސީދާ ރަށު ފަސްގަނޑާ އެއްފަސްވެގެން ހިއްކޭ ބިމެއް ކަން އެމްޓީސީސީން ފާހަގަކުރެއެވެ. އެހެންކަމުން، 451 މިލިއަން ރުފިޔާގެ އެ މަޝްރޫއު ނިމިގެންދާއިރު އަލިފުށީ ބިމުގެ ސައިޒް ވެސް ދެގުނައަށް ބޮޑުވެ، 109 ހެކްޓަރުގެ ބޮޑު ރަށަކަށް އަލިފުށި ބަދަލުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. އެގޮތުން 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ، ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.