ވަޅިއަކުން ހަމަލާދީ ޒުވާނަކު މިރޭ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިރޭ 12 ޖަހާ އެހާކަންހާއިރު ބަޑޭރި ކޮށި ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ މއ. ލެއްގި، ގައިސުﷲ އަބްދުލްޣަފޫރު، 26އ. ކަމަށެވެ. އޭނާގެ ކަރަށާއި ބަޑަށް އަދި އަތަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އޭނާއަށް އައިޖީއެމްއެޗުން ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ބުނީ އެ މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

"އެ މައްސަލަ މި އަންނަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މަންޒަރުދުއް މީހަކު ބުނީީ ވަޅިހެރި ޒުވާނާ ދުވަމުން އައިސް ވެއްޓިފައި އޮތީ ނިކަގަސް މަގުން، ކުރީގެ ބައު ޖަމާލުއްދީން ސަރަހައްދަށް ކަމަށާއި ވަޅިހެެރުމުގެ ސަބަބުން އެމީހާ އޮތީ ލެއިން ތައްތެޅިފައި ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ދިޔުމަށް އިންކާރު ކުރިކަމަށާއި ނަމަވެސް ހޭނެތިގެންް ވެއްޓުމުން ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށްވެސް ބުންޏެވެ.

"ހަޅޭއްލަވާ އަޑު އިވިގެން ބޭރަށް ނުކުތްއިރު ޒުވާނަކު ލެއިން ތައްތެޅިފައި އޮތީ، ފުލުހުންވެސް އޭނާ ކައިރީގައި ތިބި، ހަޅޭއްލަވަމުން އޭނާ ބުނަމުން ދިޔައީ ހޮސްޕިޓަލަށް ނުގެން ދާށޭ. އިރުކޮޅަކުން ހޭނެތިގެން ވެއްޓުނީމައި ހޮސްޕިޓަލަށް ގެންދިޔައީ،" އެމީހާ ބުންޏެވެ.

ފަހަކަށް އައިސް މާލޭގައި ވަޅިޖެހުމާއި ވައްކަމާއި ފޭރުން ވަނީ އާންމުކަމަކަށް ވެފަ އެވެ. މިދިޔަ ދެ މަހެއްހާ ދުވަތެރޭގައި ވަޅި ޖަހާ ވަނީ ދެ ޒުވާނަކު ވަނީ މަރާލާފަ އެވެ.