06 Jan 2023, 11:12
ނެޓްފްލިކްސް އިން މިހާތަނަށް ނެރުނު އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނިފައިވާ އާ ޝޯ، "ވެނިސްޑޭ" ނެޓްފްލިކްސް އަތުން ނުގެއްލޭނެ ކަން ކަށަވަރުވެއްޖެއެވެ.
މަޝްހޫރު ފެންޓެސީ ޑްރާމާ ކެރެކްޓާސް ކަމަށްވާ "އެޑަމްސް ފެމިލީ"ގެ ކެރެކްޓަރަކަށް ބިނާކޮށް ތައްޔާރުކުރި އާ ޝޯ ވެނިސްޑޭގެ ފުރަތަމަ ސީޒަން ރިލީޒްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ. އެއާއެކީ އެތައް ބަޔަކު އެ ޝޯތައް ބަލަން ފަށައި ނެޓްފްލިކްގެ އެތައް ރެކޯޑުތަކެއް މުގުރަން ފެށިއެވެ.
ނެޓްފްލިކްސް އިން ތަފާތު އެކި މާކެޓިން ބޭނުންކޮށްގެން މި ޝޯ ޕްރޮމޯޓުކޮށްފައިވާއިރު މި ޝޯ ވެފައިވަނީ އެ ސްޓްރީމިން ސާވިސްއަށް ކާމިޔާބު ޝޯއަކަށެވެ. ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު އުއްމީދު ކުރަމުން އަންނަނީ ޝޯގެ ދެވަނަ ސީޒަނެއް ނެރޭނެ ކަމަށެވެ.
ނަމަވެސް މި ހަފުތާ ކުރީކޮޅުގައި ނޫހަކުން އާންމުކުރި ގޮތުގައި އެ ޝޯ ނެޓްފްލިކްސް އަތުން ގެއްލިގެން ގޮސްދާނެ ކަމަށެވެ. ޝޯގެ ޕްރޮޑަކްޝަން ކުންފުނި އެހެން ސްޓްރީމިން ސާވިސް އަކަށް ދާތީ ނެޓްފްލިކްސް އަތުން އެ ޝޯ ގެއްލިދާނެ ކަމުގެ އިޝާރާތްތަކެއް ވަނީ ކޮށްފައެވެ.
ނެޓްފްލިކްސްގެ ޝޯތަކުގެ މައުލޫމާތު ހޯދައި ގްރޫޕެއް ކަމަށްވާ "ވަޓްސް އޮން ނެޓްފްލިކްސް" އިން ވަނީ މިކަމާ ގުޅިގެން ދާދިފަހުން އެތެރޭގެ މީހުންނާ ވާހަކަ ދައްކާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ނެޓްފްލިކްސްގެ އަތުން ވެނިސްޑޭއެއް ނުގެއްލޭނެއެވެ. މައުލޫމާތު ލިބޭގޮތުގައި އެ ޝޯ ނެޓްފްލިކްސްގެ އަތުގައި ބޭއްވުމުގެ ބާރު އޮތީ ނެޓްފްލިކްސް އަށެވެ.
ޝޯގެ ދެވަނަ ސީޒަނެއް އިއުލާނުކޮށްފައި ނުވާއިރު ދެވަނަ ސީޒަން އިއުލާން ކުރުމުން ނެޓްފްލިކްސް އަށް ޝޯ ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް ކެންސަލުވެއްޖެ ނަމަ އެ ޝޯ ދާނީ ޕްރޮޑަކްޝަނުން އެއްބަސްވެފައިވާ ސްޓްރީމިން ސާވިސް އެމޭޒަން ޕްރައިމް އަށް ކަމަށް މައުލޫމާތު ލިބެއެވެ.