ޓްރެއިލާ ނެރުމާއެކު ފްލޮޕަކަށް ވާނެ ކަމަށް ބުނި ބިރުވެރި އަދި ކޮމެޑީ ފިލްމު "މޭގަން" ކްރިޓީކުންގެ މެދުގައި ބޮޑު ހިޓަކަށް ވެއްޖެއެވެ.

ތަފާތު އެކި ކަހަލަ ކޮންސެޕްޓްތަކަށް ބިރުވެރި ފިލްމު އުފެއްދުމަށް މަޝްހޫރު ޖޭމްސް ވާންގެ އާ ފިލްމު މޭގަންގެ ޓްރެއިލާ ދައްކާލީ މިދިޔަ އަހަރުގައެވެ. އެއާއެކު އެތައް ބަޔަކު ބުނަމުން އައީ އެ ފިލްމު ބަލަން ކަމު ނުދާނެ ކަމަށާއި ފްލޮޕަކަށް ވާނެ ކަމަށެވެ. ނަމަވެސް ދާދިފަހުން ފިލްމު ދައްކަން ފެށުމާއެކު ލިބެން ފެށީ ތަފާތު ޖަވާބެކެވެ.

މި ފިލްމު މިހާރު ޕްރައިވެޓް ސްކްރީނިންގައި ކްރިޓީކުންނަށް ދައްކާފައިވާއިރު ހަފުތާ ބަންދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކަން ފަށާނެއެވެ.

ފިލްމު ރިވިއުތައް ހިމެނޭ ރޮޓެން ޓޮމާޓޯސް އިން އެންމެ ފުރަތަމަ ފިލްމުގެ ރޭޓިން އާންމުކުރިއިރު ފިލްމަށް ވަނީ 96 ޕަސެންޓް ލިބިފައެފެ. ޖުމްލަ 24 ރިވިއުއަކާއެކު ފިލްމަށް އެހާ މަތިން ލިބުމަކީ ބޮޑު ކާމިޔާބީއެކެވެ. ނަމަވެސް ފިލްމުގެ ރިވިއުތައް އިތުރުވުމާއެކު މިފަހަރު ވީ ތަފާތު ގޮތެކެވެ. ފިލްމުގެ ރޭޓިން ވަނީ މަތިވެފައެވެ. މިހާރު އެ ފިލްމު ރިވިއު ކުރި ކްރިޓީކުންގެ އަދަދު 44 އަށް އަރާފައިވާއިރު ފިލްމުގެ ރޭޓިން ވަނީ 98 ޕަސެންޓަށް އިތުރުވެފައެވެ.

އާންމުކޮށް ފެންޓަސީ އަދި ސުޕަނެޗުރަލް ބިރުވެރި ފިލްމު އުފައްދާ ވާން މިފަހަރު ތައްޔާރުކުރީ ސައިފައި ބިރުވެރި ފިލްމެކެވެ. މި ފިލްމުގައި ސައިންޓިސްޓެއް ކަމަށްވާ ޖެމާ އޭނާގެ ދަރިފުޅުގެ ހާލަތު ރަނގަޅަށް ބަލައި އޭނާއަށް އެކުވެރިއެއް ހޯދައިދިނުމަށް އާޓިފިޝަލް އިންޓެލިޖެންސް ބުދެއް އުފައްދައެވެ. އިންސާނަކާ ވައްތަރު މި ބުދު އެމީހުންގެ ގެއަށް ގެނައުމާއެކު ކަންތައްތައް ވެގެން ދާ ގޮތް މި ފިލްމުން ދައްކައިދޭނެއެވެ.