ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރ. އަތޮޅު ކައުންސިލާއެކު އެ އަތޮޅު އަލިފުށީގައި މިއަދު ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށާއި، އެކަމާ ގުޅިގެން މިހާރު ނުނިމިއޮތީ، އެއާޕޯޓް އަޅާނެތަނެއް ކަނޑައެޅުން ކަމަށެވެ.

ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަކީ ސަރުކާރުގެ ވައުދެކެވެ.

އެ ސަރަހައްދުގައި އެއާޕޯޓް އަޅާނެ ރަށަކާމެދު ކައުންސިލްތަކުގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާއިރު ގިނަ ކައުންސިލްތަކުން ސަރުކާރުގައި އެދިފައިވަނީ އެ އަތޮޅު ބެރިޔަންފަރުގައި އެއާޕޯޓް އަޅައި. އިންޓަނޭޝަލް އެއާޕޯޓަކަށް އެތަން ހަދައިދިނުމަށެވެ.

މި ބައްދަލުވުމުގައި ރ. އަތޮޅު ކައުންސިލުން ވަނީ، އަތޮޅުގެ ރަށް ރަށަށް ބޭނުންވާ އުމްރާނީ އަދި އިޖްތިމާއީ ތަރައްގީއާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ރައީސަށް އަރުވާފައެވެ.

ރ. އަތޮޅުގެ ރަށް ރަށަށް ބޭނުންވާ އުމްރާނީ އަދި އިޖްތިމާއީ ތަރައްގީއާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ރައީސަށް އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސްގެ މިބައްދަލުކުރެއްވުމުގައި ރ. އަތޮޅު ކައުންސިލުން ފާހަގަކުރި މުހިއްމު ބައެއް ކަންކަމުގެ ތެރޭގައި، ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓުގެ މަސައްކަތް އަވަސްކުރުމާއި، ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ފައިބަރު ކުނި ނައްތާލެވޭނެގޮތް ހެދުމާއި، ރ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޕިކްނިކް ދިޔުމަށް ތިން ރަށެއް ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގޭ މަޝްރޫއުތައް އިތުރަށް ހަލުވި ކުރަންޖެހިފައިވާކަމަށާއި، ތާރީޚީ ރަށެއްގެ ގޮތުގައި ރ. ކަނދޮޅުދޫ ތަރައްގީކުރުމަށް، އެ ރަށް އަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވުމަށް، ކައުންސިލުން ވަނީ ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރ. އަތޮޅު ކައުންސިލާ ބައްދަލުކޮށްލެއްވުމުގެ ބޭނުންފުޅަކީ ވެސް އަތޮޅުގައި މިހާރު ހިންގޭ މަޝްރޫއުތަކާއި އަދި ރޭވިފައިވާ މަޝްރޫއުތައް ހިންގުމުގައި ކައުންސިލާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުން ކަމަށެވެ. އަދި، އެ ބައްދަލުވުމުގައި ކައުންސިލަރުން ފާޅުކުރި ޚިޔާލާއި ދެއްވި މަޝްވަރާއަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ކައުންސިލަރުން ފާހަގަކުރި ކަންކަމަށް އަލިއަޅުއްވާލައްވައި ރައީސް އިތުރަށް ވިދާޅުވީ، ދެން އެންމެ އަވަހަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ ސަރަހައްދުތަކުގެ ތެރޭގައި ރ. އަތޮޅު ހިމެނޭނެ ކަމަށެވެ.

މި ކަންކަމުގެ އިތުރުން ވެސް ކުރިން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރ. އުފުލަންދޫ ސަރުކާރަށް ނަގާފައިވާ ކަމަށާއި އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އެރަށް އަލުން ދޫކުރައްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި އަތޮޅު ކައުންސިލް މެމްބަރުން ފާހަގަކުރި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރެވެން ހުރި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދު މެންދުރުފަހު ރ. އަތޮޅު ކައުންސިލް މެމްބަރުންނާއެކު ބޭއްވި މިބައްދަލުވުމުގެ ކުރިން ރައީސްގެ ދެކަނބަލުން ވަނީ، ސަރުކާރުން އަލިފުށީ ސްކޫލުގައި އިމާރާތްކޮށްދިން މަލްޓިޕާޕަސް ހޯލު ހުޅުއްވައި ދެއްވައި އެ އިމާރާތް ބައްލަވައި ލައްވާފައެވެ.

ރ. އަތޮޅުގައި މިވަގުތު އޮތީ އެންމެ އެއާޕޯޓެކެވެ. އެއީ އިފުރު އެއާޕޯޓެވެ. އެ އަތޮޅު އަލިފުށީ ފަޅުން 50 ހެކްޓަރުގެ ބިން ހިއްކައިގެން އެއާޕޯޓެއް ހެދުމުގެ މަސައްކަތް އެމްޓީސީން މިހާރު ވަނީ ފަށާފައެވެ. މި ޕްރޮޖެކްޓަށް ޖުމުލަ 451 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.