ރައީސް މުހައްމަދު ނަޝީދު ވެރިކަންމުން އިސްތިއުފާދެއްވި ދުވަހު، މި އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު އެމަނިކުފާނު އަވަހާރަކޮށްލަން ބަޔަކު އުޅުނު ކަމަށް ވިދާޅުވަމުން ދާތީ އެ މައްސަލަ ތަހުގީގު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އިން އަންގައިފި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަށް އުޅުނު މައްސަލަ ބެލުމަށް އެ މުއައްސަސާތަކަށް އެންގީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ. ނަޝީދު އެގޮތަށް އެންގެވީ އިއްޔެ ބޭއްވި ކޮމެޓީގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

ޕީޖީއާއި އެޗްއާރްސީއެމާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން ހާޒިރު ކުރި ކޮމެޓީގައި ހާމިދު އެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާ ކުރެއްވި ސުވާލަކީ ކުރެއްވީ "މިރާއްޖޭގައި ކުރިން ވެރިކަން ކުރި މުހައްމަދު ނަޝީދު މަރަން އުޅުނު ކަމަށް ދެނެހުރިންތޯ؟" މިހެންނެވެ. މިހެން ސުވާލު ކުރެއްވުމުން ޕީޖީ އަހުމަދު މުއިއްޒު ވިދާޅުވީ "އެކަމެއް ނުވެސް ދެނެހުރިން" ކަމަށާއި އަދި "އެވާހަކައެއް ދެއްކި އަޑެއް ވެސް" އިވިވަޑައިގެންފައި ނުވާ ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ މަރިޔަމް އަޒްރާ ވިދާޅުވީ "އަޅުގަނޑުމެން ސީދާ އަޑެއް" ނާހާ ކަމަށެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއިލް ވިދާޅުވީ "އެހެން ވިދާޅުވި އަޑެއް އަޅުގަނޑު ވެސް ނާހާ" ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނާ ހަވާލާދެއްވައި ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ ޕީޖީ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާން ކުރާ އެ ގާނޫނުގައި ޖިނާއީ ކުށެއް ކުރިކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެ މައްސަލައެއް ތަހުގީގު ކުރުމަށް ޕީޖީ އަމުރު ކުރަންވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ޕީޖީގެ ގާނޫގެ 15 ވަނަ މާއްދާގެ (ޅ) ގައި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ އަމަލެއް ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންވެސް ގޮތަކުން މިފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެ ހިނދެއްގައި، އެކަމެއް ތަހުގީގު ކުރުމުގެ ބާރު ގާނޫނުގެ ދަށުން ލިބިގެންވާ ފަރާތަކަށް އަންގާ ތަހުގީގު ކުރުމުގެ އަމުރު ޕީޖީ ނެރެންވާނެ އެވެ.

އެ މާއްދާއާ ހަވާލާދެއްވައި މިނިވަން މުއައްސަސާތަކުގެ ބޭފުޅުންނާ ހަމީދު ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ މައްސަލަތަކުގެ "ފޮލޯއަޕް" ކޮންމެ މުއައްސަސާއަކުން ބަލައި، އެކަންތައްތަކުގެ މަތިން އަމަލްކުރަންވާނެ ކަމަށެވެ.
"ކުރީގެ ރައީސް އަވަހާރަކޮށްލުމަށް މަސައްކަތްތަކެއް ކުރި ކަމަށް ބޭފުޅަކު ދެއްކެވި ވާހަކަފުޅެއް އެއްވެސް މުއައްސަސާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވާތީވެ، އެކަން ބައްލަވާލަދެއްވުމަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.

މާޗް 6، 2012 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ފެބްރުއަރީ 7 ގައި ބަންޑާރަކޮށީ ތެރޭގައި އެމަނިކުފާނު ހުންނެވިއިރު، އަވަހާރަކޮށްލުމަށް ނުވަތަ ހަވަރަށް ދިނުމަށް ބަޔަކު ތައްޔާރުވަމުން ދިޔަ ކަމަށެވެ. އެ ޕްރެސްކޮންފަރެންސްގެ ފަހުން ވެސް ރައީސް ނަޝިދު އެމްޑީޕީގެ ތަފާތު ރެލީޔަތުގައި ރައީސް ނަޝީދު ދަނީ އެ ވާހަކަ އެ ގޮތް ގޮތަކަށް ދައްކަވަމުންނެވެ.