08 Jan 2023, 08:50
އާ އަހަރެއްގެ ކިޔެވުން ނުވަތަ އާ ޓާމެއްގެ ކިޔެވުން ފެށޭއިރު ހުރިހާ ދަރިވަރުންގެ ވެސް އެންމެ ބޮޑު އުންމީދަކަށް ވާނީ ކުރިން ލިބުނު ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމެވެ. ނުވަތަ ވަކި ވަރަކަށްވުރެ ދަށް ނޫން ނަތީޖާއެއް ހޯދުމެވެ. ގިނަ ދަރިވަރުން މިކަމަށް އަޒުމް ކަނޑައަޅާ މަސައްކަތް ފެށި ނަމަވެސް، ވަކި ހިސާބަކުން "ޑީމޯޓިވޭޓް"ވެ އުންމީދު ގެއްލެއެވެ. ނުވަތަ އަމާޒަށް ވާސިލްވުމަށް ކޮށާ އަލިކުރަންޖެހޭ މަގު ބައެއް ދަރިވަރުންނަށް ސާފުނުވެ މަގު އޮޅޭގޮތްވެއެވެ.
ދަރިވަރުން ކަނޑައަޅާ އަމާޒަށް ވާސިލްވުމަށް، ރަން ވަނަތައް ހޯދާ ދަރިވަރުންގެ ވާހަކައަކީ ވެސް ބައެއް ދަރިވަރުންނަށް ލިބޭ ހިތްވަރެކެވެ. އެގޮތުން މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާ ދަރިވަރުންނަށް ހިތްވަރުދިނުމަށްޓަކާ މިފަދަ ދަރިވަރެއް އިމްތިހާނަށް ތައްޔާރުވާ ގޮތް ހިއްސާކޮށްލާނަމެވެ.
ހަދްބާ ހަމްދީއަކީ، 2018ވަނަ އަހަރު ނައިފަރު މަދަރުސަތުލް އިފްތިތާހުން އޯލެވެލް ހަދާ އެ ސްކޫލުގެ ބެސްޓް އޯލް ރައުންޑްގެ މަގާމާއި އެ އަހަރު ޓޮޕް 10ގެ އަށް ވަނަ ހޯދި ދަރިވަރެކެވެ. އަދި 2021ވަނަ އަހަރު ސީއެޗްއެސްސީން އޭލެވެލް އިން ޓޮޕް 10ގެ އަށް ވަނަ ހަދްބާ ހޯދިއެވެ.

ދަރިވަރުންތަކެއް އެސެމްބްލީގައި: ދެވަނަ ޓާމްގެ ކިޔެވުން މިއަދު ވަނީ ފަށައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ބުނީ އެ ކާމިޔާބީ އަކީ އެންމެ ދުވަހަކުން ހޯދި ކާމިޔާބީއެއް ނޫން ކަމަށެވެ. އެއީ އޭނާ އެތައް ރެއެއްގެ އަރާމު ނިދި ނަގާލާ ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް އޭނާ ބުންޏެވެ. އަދި އެއްވެސް ކަމަކަށް އަޒުމް ކަނޑައަޅާ މަސައްކަތް ފަށައިފިނަމަ އެކަމުގައި ގޮންޖެހުން ކުރިމަތިވާނެކަން ގަބޫލުކުރަން ވާނެކަމަށް އޭނާ ބުންޏެވެ. ކާމިޔާބު ލިބޭނީ ގޮންޖެހުންތަކާ ކުރިމަތިލާ އެ ގޮންޖެހުންތައް ގިރާކުރާ މީހުންނަށެވެ.
ނަމާދާއި ދީނީ ކަންކަމަށް ފަރުވާ ބެހެއްޓުން
ރަނގަޅު ނަތީޖާ ހޯދި ގޮތް ކިޔައިދެމުން ހަދްބާ ބުނީ ކިޔެވުމުގެ އިތުރުން އޭނާ ނަމާދަށާއި ދީނީ ކަންކަމަށް ފަރުވާ ބަހައްޓާކަމަށެވެ. އަދި ޤުުރުއާން ކިޔަވާ ނިމިގެން ފިލާވަޅު ކިޔުމުން ފަސޭހައިން ދަސްވާކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ފިލާވަޅު ދަސްކުރަން އޭނާއަށް އެންމެ ފަސޭހަ ވަގުތަކީ ފަތިސް ނަމާދަށް ފަހު ކަމަށެވެ. އެއީ ވަރަށް ހަމަހިމޭން ވަގުތެއްކަމަށް އޭނާ ބުންޏެވެ.

ދަރިވަރުންތަކެއް ކިޔެވުމުގައި: ރަނގަޅު ނަތީޖާއެއް ހޯދުމަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކިޔެވުމާއި އެހެން ކަންކަން ތާވަލެއްގެ ތެރެއިން ކުރިއަށް ގެންދިއުން
ސްކޫލުގެ ކަންކަމާއި އަމިއްލަ ކަންކަން އެކުވުމުން ފިލާވަޅުތައް ހެދުމަށާއި ދަސްކުރަން ވަގުތު ހޯދަން ބައެއް ދަރިވަރުންނަށް އުނދަގޫވެއެވެ. އެހެންކަމުން ހަދްބާ ބުނީ، އޭނާ ހުރިހާކަމެއް ވެސް ކުރަނީ ވަކި ތާވަލެއްގެ ތެރެއިންކަމަށެވެ.
"އޭރުން ހޯމްވޯކް ހަދާ، ދަސްކުރަން ޖެހޭ އެއްޗިހި ދަސްކުރަން ވަރަށް ފަސޭހަވާނެ،" އޭނާ ބުންޏެވެ.
ތާވަލުގެ ތެރެއިން ކޮންމެ ދުވަހަކު ވަކި ވަގުތެއް ފިލާވަޅު ދަސްކުރުމަށް ހޭދަކުރުމަށް ހަދްބާ ނަސޭހަތްތެރިވެއެވެ.
"ކޮންމެ ދުވަހަކު ވެސް ވަކި ވަގުތެއް، ދެ ގަޑި އިރު ނޫނީ ތިން ގަޑިއިރު ކިޔަވަން ހުސްކުރަން ވާނެ. ކޮންމެ ދުވަހަކު އެއް ގަޑިއެއްގަ ނޫނަސް ހަމަ ދުވަހުގެ ކޮންމެވެސް ވަގުތެއް،" އޭނާ ބުންޏެވެ.
މި ތާވަލުގެ ދަށުން ކޮންމެ ދުވަހަކު އެއް މާއްދާއެއް މުތާލިއާ ކުރެވިދާނެއެވެ. ނުވަތަ ކޮންމެ ދުވަހަކު ވެސް ކޮންމެ މާއްދާ އަކުން ކޮންމެވެސް ވަރަކަށް މުތާލިއާ ކުރެވިދާނެއެވެ. މިހެން ފިލާވަޅުތައް މުތާލިޔާކުރާއިރު، ކުރިން ނަގައިދިން ފިލާވަޅުތައް ވެސް ރަނގަޅަށް މުތާލިއާކުރަން ހަދްބާ ނަސޭހަތްތެރިވެއެވެ.
އޭނާ ބުނީ ކުރިން ނަގައިދިން ފިލާވަޅުތައް ދަސްކުރުމުގެ އިތުރުން ކޮންމެ ދުވަހަކު ނަގައިދޭ ފިލާވަޅުތަކުން ކޮންމެވެސް މިންވަރެއް ފަހަށް ނުބަހައްޓާ ދަސްކުރުމުން ވަރަށް ފަސޭހަވާނެ ކަމަށެވެ.
ބަންދުގައި ފޮތްތަކާ ދުރަށް ނުދިއުން
ގިނަ ދަރިވަރުން ގަބޫލުކުރާ ގޮތުގައި ސްކޫލު ބަންދުވުމުން އެ ލިބޭ ދުވަސްކޮޅަކީ "ސްކޫލް ސްޓްރެސް"އާ ދުރަށް ދިއުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެހެންކަމުން މި ދުވަސްތައް ހޭދަކުރަންޖެހޭނީ ސަކަރާތާއި މަޖަލުގައެވެ.
ރިޕޯޓް ފޯމް ދިން ދުވަހަކު ބެލެނިވެރިއަކު ދަރިވަރެއްގެ ފޯމް ބަލަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަމަވެސް ހަދްބާގެ ވާހަކަ ތަފާތެވެ. އަދި އޭނާގެ ނަސޭހަތް ވެސް މިއާ ދިމާ އިދިކޮޅެވެ. ހަދްބާ ބުނީ ސްކޫލު ބަންދުގައި ވެސް ފިލާވަޅުތައް ކިއުމަކީ މުހިންމު ކަމެއް ކަމަށެވެ. ސަބަބަކީ އެންމެ ދުވަހެއް ފޮތާ ދުރުގައި ހޭދަކުރިއަސް ފިލާވަޅުތައް ހަނދާން ނެތުމުގެ ފުރުސަތު ބޮޑުވުން ކަމަށް އޭނާ ބުންޏެވެ.
އެހެންކަމުން ދުވާލުގެ ބޮޑުބައި ކިޔެވުމުގައި ހޭދަ ނުކުރި ނަމަވެސް، މަޖަލާއި ސަކަރާތަށް ފަހު ދުވާލުގެ ކޮންމެވެސް ވަގުތެއް ފިލާވަޅުތަކަށް ހޭދަކުރުމަށް އޭނާ ނަސޭހަތްދެއެވެ.
ރަނގަޅު ނަތީޖާއެއް ހޯދުމަށް އަޒުމް ކަނޑައަޅާ އެކަމަށް ދަތުރު ފެށުމަށް ދަރިވަރުން ބަންނަ ދޯނީގެ ރިޔަލަކީ މުދައްރިސުންނެވެ. އެހެންކަމުން ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް މުދައްރިސުންގެ ނަސޭހަތަކީ ވެސް ވަރަށް މުހިންމު އެއްޗެކެއެވެ. މި ޓާމުގެ ނަތީޖާ ރަނގަޅު ކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަން އަހްމަދިއްޔާ ސްކޫލުގެ ސެކަންޑްރީ ދަރިވަރުންގެ އިންޗާޖް އަލީ އާސިމް "ސަން"އަށް ހިއްސާކުރިއެވެ.
ސްކޫލަށް ހާޒިރުވުން
ސްކޫލަށް ހާޒިރުނުވެ ރަނގަޅު ނަތީޖާއެއް ހޯދޭނެކަމަށް އުންމީދުކުރުމަކީ މޮޔަކަމެކެވެ. އެހެންކަމުން ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންވާ ދަރިވަރުން އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރުން އެންމެ މުހިންމު ކަމަކީ ގަވާއިދުން ސްކޫލަށް ހާޒިރުވުންކަމަށް އާސިމް ސާރ ވިދާޅުވިއެވެ.
ސަބަބަކީ އެންމެ ދުވަހެއްގެ ކިޔެވުން ގެއްލުނު ކަމުގައި ވީނަމަވެސް ދަރިވަރަށް އެކަމުގެ ވަރަށް ބޮޑު ގެއްލުމެއް ވުމެވެ. މީގެ އިތުރުން، އާސިމް ސާރ ވިދާޅުވީ، ސްކޫލަށް ހާޒިރުނުވުމުން ދަރިވަރަށް އެހެން ކުދިންނާ ގުޅިގެން އުޅެން ދަސްނުވާނެ ކަމަށެވެ.
"ގޭގަ ދަސްކުރީމަ ނޫނީ ޓިއުޝަނުގަ ފިލާވަޅު ދަސްކުރީމަ އެހެން ކުދިންނާ ގުޅިގެން އުޅޭކަށް ވެސް ދަހެއް ނުވާނެ. އޭގެ ބަދަލުގަ ސްކޫލަށް ހާޒިރުވެ އެހެން ކުދިންނާ ގުޅިގެން ފިލާވަޅު ކުރިއަށް ގެންދިޔައިމަ ދަރިވަރަށް ފިލާވަޅު ނަގައިގަންނަށް ވެސް ފަސޭހަވާނެ،" އާސިމް ސާރ ވިދާޅުވިއެވެ.
ދަރިވަރަކު ރިޕޯޓް ފޯމް ބަލަނީ: ނަތީޖާ ރަނގަޅު ކުރުމަށް ގިނަ ކަންކަން ކުރެވިދާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދަރިވަރަށް ދަސްކުރަން އެންމެ ފަސޭހަ ގޮތަކީ ކޮބައިކަން ދެނެގަތުން
އެއްބައި ދަރިވަރުން ފިލާވަޅު ދަސްކުރަނީ އަޑުއަހައިގެނެވެ. މިގޮތަށް ދަސްކުރާ ދަރިވަރުންނަށް ލިޔެފައި އޮންނަ ފިލާވަޅު ކިޔައިގެން މާބޮޑު އެއްޗެއް ފަހުމެއް ނުވެއެވެ. މިއާ ޚިލާފަށް އަނެއްބައި ކުދިން ދަސްކުރަނީ ފިލާވަޅު ކިޔާ އޭގެ ތެރެއަށް ވަދެ ދަސްކޮށްގެންނެވެ. އަދި އަނެއްބައި ކުދިން ދަސްކުރަނީ އަޑުއަހައިގެންނެވެ.
އެކުއްޖަކަށް ފިލާވަޅު ދަސްކުރަން އެންމެ ފަސޭހަ ގޮތެއް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އާސިމް ސާރ ވިދާޅުވިއެވެ. އަދި އެގޮތަކަށް ފިލާވަޅު ދަސްކުރުން ކުރިއަށް ގެންދިއުމުން ދަރިވަރަށް މާފަސޭހައިން ފިލާވަޅު ދޭހަވެ، ދަސްވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސްކްރީން ޓައިމާ ދުރުވުން
އާސިމް ސާރ ވިދާޅުވިގޮތުގައި ސްކްރީން ޓައިމަކީ ދަރިވަރާއި ކިޔެވުމާ ދެމެދު ލެވޭ ފާރެކެވެ. އޭނާ ވިދާޅުވީ ސްކްރީން ޓައިމްގެ ސަބަބުން ދަރިވަރުން ކިޔެވުމަށް ހޭދަކުރަން ޖެހޭ ވަގުތު ގެއްލޭކަމަށެވެ. އަދި ކިޔެވުން ނޫން އެހެން ބޭކާރު ކަންކަމުގައި ޝާމިލްވެ، ލަހުން ނިދުން ފަދަ ގޯސް އާދަތައް މިކަމުގެ ސަބަބުން ދަރިވަރުންގެ ގައިގައި އަށަގަންނަކަމަށް އޭނާ ވިދާޅުވިއެވެ.
"ސްކްރީން ޓައިމް ގެ ސަބަބުން ބައެއް ފަހަރު ދަރިވަރުން ނިދާ ގަޑިއަށް ވެސް އެބަ އަސަރުކުރޭ. ނުނިދާ ދަންވަންދެން ދަރިވަރުން ތިބޭ ސަބަބަކަށް ސްކްރީން ޓައިމް އެބަވޭ،" އާސިމް ސާރ ވިދާޅުވިއެވެ.
އާސިމް ސާރ ވިދާޅުވީ، އޭނާ ގަބޫލުކުރާ ގޮތުގައި ސްކްރީން ޓައިމް ވާންޖެހޭނީ ހަމައެކަނި ދަރިވަރު ކިޔަވަން ހޭދަކުރާ ވަގުތެއްކަމުގައެވެ. އަދި އެއްގޮތަކަށް ވެސް ވީީޑިއޯ ގޭމްތަކާ ގާތް ނުވުމަށް އޭނާ ނަސޭހަތްތެރިވެއެވެ.
ވީޑިއޯ ގޭމް ތަކުގެ ބަދަލުގައި ދަރިވަރުންގެ ހުސް ވަގުތު "ފިޒިކަލް އެކްޓިވިޓީ"އެއްގައި ހޭދަކުރެވިދާނެއެވެ. އެގޮތުން ފުޓުބޯޅަ ކުޅުން، ފެތުން ފަދަ ކުޅިވަރެއް ކުޅުމުގައި ބައިވެރިވެވިދާނެއެވެ. "ފިޒިކަލް އެކްޓިވިޓީސް"ގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އެދެވޭ ހެޔޮ ބަދަލެއް އަންނަކަމަށް ދިރާސާތަކުން ވެސް ދައްކައެވެ.
ޓިއުޝަން މުހިންމު ބާ؟
ސްކޫލު ދަރިވަރުން ސްކޫލުން ބޭރުގައި ހޭދަކުރާ ގިނަ ވަގުތަކީ ޓިއުޝަން ތަކުގައި ހޭދަކުރާ ވަގުތެވެ. ޓިއުޝަނަށް ދިއުމަށް މިހާރު ވަކި އުމުރުފުރާއެއް ނޯވެއެވެ. އެއީ އެންމެ ތުއްތު ކުދިން ވެސް ފޮނުވަން ޖެހޭ ތަނެއްކަމަށް ގިނަ ބެލެނިވެރިންނަށް އޮންނަނީ ގަބޫލުކުރެވިފައެވެ.
ނަމަވެސް އާސިމް ސާރގެ ޚިޔާލު މިކަމުގައި ވަރަށް ތަފާތެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ޓިއުޝަނަކީ ބޭކާރު ވަގުތާއި ބޭކާރު ޚަރަދެވެ.
"ބެލެނިވެރިން ވެސް ބޮޑަށް ބޮރޯސާ ވާންވީ ސްކޫލަށް. ޓީޗަރުންނާ ވާހަކަ ދައްކައިގެން ދަރިވަރުން ރަނގަޅުކުރަން ފެންނަ ކަމެއް ރަނގަޅުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
ކަން މިހެން އޮތް ނަމަވެސް، ބައެއް ހާލަތްތަކުގައި ބައެއް ދަރިވަރުންނަށް ޓިއުޝަން މުހިންމުކަމަށް ގަބޫލުކުރާކަމަށް އާސިމް ސާރ ވިދާޅުވިއެވެ.
"ބައެއް ދަރިވަރުން އުޅޭނެ ވަރަށް ސްލޯ ލާނާސް. އެކަހަލަ ކުދިންގެ ޓީޗަރުންނާ ވާހަކަ ދައްކައިގެން ޓީޗަރުން ރިކޮމެންޑް ކޮށްގެން އެދަރިވަރުން ޓިއުޝަނަކަސް ފޮނުވުން މުހިންމު،" އޭނާ ވިދާޅުވިއެވެ.
އާ އަހަރާއެކު މި ފެށުނު ދެވަނަ ޓާމްގެ ކިޔެވުމަކީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ދެކެން އެބަޖެހެއެވެ. ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި ތަޖުރިބާކާރު ޓީޗަރުންގެ މި ނަސޭހަތް ގަބޫލުކޮށް އެކަންކަމަށް އަމަލުކޮށްގެން ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރެވިދާނެއެވެ.