ސްކޫލުތަކުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމުން ރަސްމީ މުޤައްރަރުތަކުގައިވާ ބައިތައް ކިޔަވައި ދިނުމަށްފަހު، ދަރިވަރުންގެ އަޚްލާޤީ ބައިތައް އެކުދީންގެ ކިބައިގައި އަށަގެންނެވުމަށް ފުރުޞަތު ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރ. އަލިފުށި ސްކޫލުގެ މަލްޓިޕާޕޯސް ހޯލް ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ހޯލް ހުޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

އަލިފުށި ސްކޫލުގެ މަލްޓިޕާޕޯސް ހޯލް ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިނާއި، އަލިފުށީ ސްކޫލުގެ ޕްރިންސިޕަލް އާމިނަތު ޖަމީލްގެ އިތުރުން ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ވެސް ބައިވެރިވިއެވެ.

މި ރަސްމިއަޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ކޮންމެ ދަރިވަރަކީ، ކުރަންޖެހޭ ކޮންމެކަމެއް ކުރަން ކެރޭ، މުރާލި، އޯގާތެރި، އަޅާލުންތެރި ދަރިވަރުންތަކަކަށް ހެދުންކަމަށެވެ.

"މިފަދަ ދަރިވަރުންނަކީ، އައު ކަންކަން ދަސްކުރުމަށް ޝައުޤު ހުންނަ، މުޅި އުމުރުގައި އައު ކަންކަން ކިޔެވުމަށް ޝައުޤު ހުންނަ ކުދީން. ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ދަރިވަރަކީ ފަސްމީރު ކުރި ރުކަކަށް ހެދުން،" މިނިސްޓަރު ވިދާޅުވިއެވެ.

ކެޕްޝަން.. އަލިފުށި ސްކޫލުގައި އިމާރާތްކުރި މަލްޓިޕާޕޯސް ހޯލް -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ، އެފަދަ ދަރިވަރުން ތަރުބިއްޔަތު ކުރުމަށް، ރަސްމީގޮތުން އިމްތިޙާނުތަކުން ކިޔަވައިދޭ ތަކެތީގެ އިތުރަށް، އެތައް އައު ކަންތައްތަކެއް ދަސްކޮށްދީ، އައު ހުނަރުތަކެއް ހޯދައިދޭން ޖެހޭކަމަށެވެ.

އެފަދައިން ދަރިވަރުން ތަރުބިއްޔަތު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ބައެއް ސްކޫލުތައް ދެ ދަންފަޅިއަށް ހިނގުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންކަމުން މިސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކަށްވީ އަޅުގަނޑުމެންގެ ސްކޫލުތަކަކީ ފުރިހަމަ ވަސީލަތްތަކާއެކު އެއް ދަންފަޅިއަށް ހިންގޭ ސްކޫލުތަކަކަށް ހެދުން. އޭރުން މެންދުރުފަހުގައި ރަސްމީ މުޤައްރަރުތަކުގައިވާ ބައިތައް ކިޔަވައި ދިނުމަށް ފަހު، ދަރިވަރުންގެ އަޚްލާޤީ ބައިތައް އެކުދީންގެ ކިބައިގައި އަށަގެންނެވުމަށް ފުރުޞަތު ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލްތައް އެއް ދަންފަޅިއަށް ހެދުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ އޮޑިޓެއް އެކުލަވާލާފައެވެ. އަދި އެކަމަށް މިހާތަނަށް 1.6 ބިލިއަން ރުފިޔާ ބަޖެޓްކޮށް، އިމާރާތްތައް އެޅުމުގެ މަސައްކަތް ވަނީ ފަށައިގެންފައެވެ.

އަލިފުށީ ސްކޫލުގައި މަލްޓި ޕާޕޯސް ހޯލެއް ހުޅުވުމުން އެ ސްކޫލުގެ ވަަސީލަތްތައް ފުރިހަމަވެ، ދަރިވަރުންގެ ކިބައިގައި ކުރީން ނުހުންނަ ހުނަރުތައް އަށަގަންނާނެކަމަށް އުންމީދުކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަލިފުށީގައި އިމާރާތްކުރި މަލްޓިޕާޕޯސް ހޯލަކީ ޕީއެސްއައިޕީގެ ދަށުން 6،671،028.38ރުފިޔާއަށް ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.