05 Jan 2023, 17:57
ރ. އަލިފުށީގައި ކެންސަރު ބަލީގެ ކޭސްތައް އިތުރުވާތީ، އެކަމަށް މަގުފަހިވާ މައިގަނޑު ސަބަބުތައް ދެނެގަތުމަށްޓަކައި ޚާއްސަ ދިރާސާއެއް ހަދައިދިނުމަށް އަލިފުށީ ކައުންސިލުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ދަންނަވައިފިއެވެ.
ރައީސް ޞާލިހު އަލިފުށްޓަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި, މިއަދު އެމަނިކުފާނުވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ގިނަ ކަންތައްތަކަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އެ ކަންކަމާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޒަހީން ވިދާޅުވީ، މަ ބައްދަލުވުމަކީ މުހިންމު ކަންތައްތަކެއްގެ މަޝްވަރާ ކުރެވުނު ބައްދަލުވުމެއްކަމަށެވެ.
"މި ބައްދަލުވުމުގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއްކަމަށްވާ ކެންސަރު ބަލި އިތުރުވާތީ އެކަންވާނީ ސަމާލުކަމަށް ގެނެސްފައި. ހަމައެއާއެކު ސަރުކާރުގެ މަޝްރޫއުތައް ރަނގަޅު ފާލެއްގައި ހިނގަމުން އަންނާތީ އެކަން ފާހަގަކޮށް އަޅުގަނޑުމެން ޝުކުރު އަދާކޮށްފައިވާނެ،" ޒަހީން ވިދާޅުވިއެވެ.
މީގެއިތުރުން އެ ރަށަށް މިހާރު ބޭނުންވާ ކަންތައްތަކުގެ ވާހަކަ ވެސް ވަނީ ރައީސް ޞާލިހާ ހިއްސާކުރައްވައިފައެވެ.
އޭގެ ތެރޭގައި އަލިފުށީގެ އިރުމަތި ފަރާތު ބަނދަރު މަރާމާތު ކުރުމާއި، ސިނާއީ ސަރަހައްދަށް ބިން އިތުރުކުރުމާއި، އިޖުތިމާއީ މަރުކަޒެއް އެޅުމާއި އަދި އަލިފުށީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދިނުމަށް ވެސް ވަނީ ރައީސްގެ އަރިހުން އެދިފައެވެ.
މި ބައްދަލުވުމުގައި އަލިފުށީ އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ އަލިފުށީ ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރުކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމްކުރަން ބޭނުންވާކަމަށް ބުނެފައެވެ.
އެއާއެކު ޒަހީން ވިދާޅުވީ ރައީސް ޞާލިހުގެ ފަރާތުން އެ ކަންކަމަށް މަގުފަހިކޮށްދެއްވުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދޭނެކަމުގެ ޔަގީންކަން ދެއްވިކަމަށް ވިދާޅުވެފައެވެ.
"މި ފުރުސަތުގައި އަޅުގަނޑުމެން ދާއިރާގެ މެމްބަރު ބިގޭ [މުހައްމަދު ރަޝީދު ހުސައިން]އަށް ވެސް ވަަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ސަރުކާރަށް ވެސް. އުންމީދަކީ މި ރަށުގައި ތަރައްގީގެ ގިނަ މަޝްރޫތައް އަވަސް ދުވެއްޔެއްގައި ހިނގުން،" ޒަހީން ވިދާޅުވިއެވެ.