11 Apr 2012, 22:07
ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ "ފީފާ" އިން މި މަހު އިއުލާންކުރި "ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުން 10 ދަރަޖައިގެ ކުރިއެރުމެއް ދިވެހިރާއްޖެ ހޯދައިފި އެވެ. ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ އިންޑިއާ އަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން 164 ވަނައި ގަ އެވެ.
ފީފާގެ ރަސްމީ ވެބްސައިޓުގައި މިއަދު ޝާއިރު ކޮށްފައިވާ ރޭކިންގް ޓޭބަލަށް ބަލާ އިރު، ރާއްޖެ އަށް ދެކުނު އޭޝިއާގެ ސަރަހައްދުން މިހާރު ލިބެނީ ތިން ވަނަ އެވެ. އަދި ސަރަހައްދުގެ އެންމެ ކުރި މިފަހަރު ވެސް ހޯދީ، މިމަގާމް އެންމެ ފަހުން ހޯދި ނޭޕާލެވެ. އެގޮތުން ހަތަރު ދަރަޖައިގެ ކުރިއެރުމަކާ އެކު ނޭޕާލް އޮތީ 149 ވަނައިގަ އެވެ. ސަރަހައްދުން ދެވަނައިގައި އޮތީ 152 ވަނައިގައި އޮތް ބަންގްލަދޭޝެވެ.
އަދި އެންމެ ފަހުން އަމިއްލަ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިންޑިޔާ އަށް މިފަހަރު ސަރަހައްދުގެ ހަތަރު ވަނަ ލިބުނު އިރު، ދުނިޔޭގެ ލިސްޓުގައި އެގައުމު ހިމެނުނީ 165 ވަނައިގަ އެވެ.
ސަރަހައްދުން ދިހަ ދަރަޖައިގެ ކުރިއެރުމަކާ އެކު އަފްގާނިސްތާނަށް ފަސްވަނަ ލިބޭއިރު ދުނިޔޭގެ ރޭކިންގައި އެގައުމް އޮތީ 168 ވަނައިގަ އެވެ. އަދި ސަރަހައްދުގެ ހަ ވަނައިގައި ފަސް ދަރަޖައިގެ ކުރިއެރުމަކާ އެކު ސްރީލަންކާ އޮތްއިރު، ދުނިޔޭގެ ލިސްޓުގައި އެގައުމް އޮތީ 181 ވަނައިގަ އެވެ.
މިސަރަހައްދުން ޕާކިސްތާނަށް މިފަހަރު ހަތް ވަނަ ލިބޭ އިރު، ދުނިޔޭގެ ރޭންކިންގައި އެގައުމް އޮތީ 182 ވަނައިގަ އެވެ. އަދި ސަރަހައްދުގެ އެންމެ ފުލުގައި އޮތް ބޫޓާނަށް ދުނިޔޭގެ ރޭންކިން ލިސްޓުން މިފަހަރު ލިބުނީ 201 ވަނައެވެ.
ރާއްޖެ ހޯދި ކާމިޔާބާ ގުޅިގެން ސަން މީޑިއާ ގްރޫޕްގެ ސަން އޮންލައިނަށް ދެއްވި އިއްޓަވިއުގައި އެފްއޭއެމްގެ ރައީސް އަލީ އާޒިމް މިރޭ ވިދާޅުވީ، ދިހަ ދަރަޖައިގެ ކުރިއެރުމަކާ އެކު ރާއްޖެ އަށް ލިބުނު ކާމިޔާބީއަކީ މުޅިރާއްޖެ އަށް ވެސް ލިބުނު ރީތި ނަމެއް ކަމަށެވެ. އަދި ގައުމީ ޓީމުން މުޅިގައުމަށް ހޯދައިދިން ރީތި ނަމަށް އެފްއޭއެމްގެ ފަރާތުން މަރުހަބާ ކިޔާ ކަމަށެވެ.
"ރާއްޖޭގެ ފުޓްބޯޅަ މިއަންނަނީ ކުރިއަރަމުން. ގައުމީ ޓީމުގެ ކުޅުންތެރިން އަބަދުވެސް ނިކުންނާނީ ގައުމަށް ރީތި ނަން ހޯދާދިނުމުގެ މަގުސަދުގައި. މިފަހަކަށް އައީސް ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ ހިތް ވަރުކޮށްފައި." އާޒިމް ވިދާޅުވި އެވެ.
ރޭންކިން ލިސްޓުގެ އެއް ވަނާގައި މިފަހަރު އޮތް ގައުމަކީ ދުނިޔޭގެ ޗެމްޕިއަން ސްޕެއިން ނެވެ. އަދި އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު ދުނިޔޭގެ ދެ ވަނަ ޖަރުމަނަށް މިފަހަރު ލިބިފައިވާ އިރު، ތިން ވަނަގައި އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު އޮތީ އުރުގުއޭ އެވެ. އަދި ދެ ދަރަޖައިގެ ވެއްޓުމަކާ އެކު ނެދަލެންޑް ދުނިގޭ ހަތަރު ވަނައަށް ވެއްޓުނުއިރު، ދެ ދަރަޖައިގެ ކުރި އެރުމަކާ އެކު ފަސް ވަނަގައި އޮތީ ޕޯޗްގަލް އެވެ.