އިދިކޮޅު ސިޔާސީ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އިދިކޮޅުގައި ތިބޭ ބަޔަކަށް އެމަނިކުފާނުގެ ވަސް ފޯރާ ހިސާބެއްގައި ވެސް ޖަލްސާއެއް ބޭއްވުމުގެ ފުރުސަަތު ނުދެއްވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާއަކަށް ރޭ، ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ އެމްޑީޕީ ހަރުގެއަށް ވަޑައިގެންނެވިއިރު ހަރުގެ ކުރިމަތީ ޕީޕީއެމުން އެއްވުމެއް ކުރިއަށް ގެންދަން ފުރުސަތު ދީފައި އޮތުމުންނެވެ.

އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއެކު އެ އެއްވުން އާޓިފިޝަލް ބީޗުގައި ކުރިއަށް ދިޔައިރު ވެސް ގިނަ އަދަދެއްްގެ އެސްއޯ ފުލުހުން އެ ތަނުގައި ހަރަކާތްތެރިވެފައިވެއެވެ.

އިމްރާން ވިދާޅުވީ ރައީސް ޔާމީން އެ ފުރުސަތު ނުދޭނެކަން ޕީޕީއެމުން ވެސް އަމިއްލައަށް ގަބޫލުކުރާނެކަމަށެވެ.

އިދިކޮޅު ޕާޓީއެއްގެ ޖަލްސާއެއް މަގުގެ އަނެއް ފަރާތުގައި ބާއްވަން ފުރުސަތު ދީގެން ރައީސަކު ޖަލްސާއެއް ބޭއްވުމުން އެކަމުން ހާމަަވަނީ ރައީސް ޞާލިހުގެ ކެތްތެރިކަންކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

"ހަމަ ޔަގީނުން ވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއްގެ ވަސްފޯރާ ހިސާބުގައި ވެސް އިދިކޮޅު ބަޔަކު ޖަލްސާއެއް ބާއްވަން ފުރުސަތު ނުދެއްވާނެކަން ޕީޕީއެމް ބޭފުޅުން ވެސް ގަބޫލުފުޅުކުރައްވާނެ،" އިމްރާން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވެސް ވަނީ މައިނޯރިޓީގެ އަޑު އިއްވަން އެއްވެސް ހުރަހެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ.