ވޮޝިންޓަން (5 ޖަނަވަރީ 2023) : އެމެރިކާގެ ޕާލަމެންޓްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް ރައީސަކު އިންތިޚާބު ކުރުމަށް ބުދަ ދުވަހު ބޭއްވި ޖަލްސާގައިވެސް އެކަން ނުކުރެވިގެން އެންމެފަހުން ޖަލްސާ ނިންމާލަން ޖެހިއްޖެއެވެ.

މިއީ ހައުސްގެ ރައީސަކު އިންތިޚާބު ކުރުމަށް ބޭއްވި ހަ ވަނަ ޖަލްސާއެވެ. ހައުސްއަށް ރައީސަކު އިންތިޚާބު ކުރުމުގައި ކުރިމަތިވެފައިމިވަނީ ފާއިތުވި ސަތޭކަ އަހަރުތެރޭގައި ވެސް އެމެރިކާއަށް ކުރިމަތިވެފައިނުވާވަރުގެ ބޮޑު ސިޔާސީ މައްސަލައެކެވެ. ސިޔާސީ ދެބަސްވުންތަކާއި އާދަޔާ ޚިލާފު ވާދަވެރިކަމާއި ކޯޅުންތަކެކެވެ.

މީގެކުރިން އެމެރިކާގެ ކޮންގްރެސްއަށް ނުވަތަ ކޮންގްރެސްގައި ހިމެނޭ އެންމެ ބާރުގަދަ މަޖިލިސްކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް ރައީސަކު އިންތިޚާބު ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެއް ޖަލްސާއިން ކުރެވޭ ކަމެކެވެ. އާންމު ގޮތެއްގައި ހައުސްގެ ރައީސްކަމަށް އިންތިޚާބު ކުރަނީ ހައުސްގެ އަޣްލަބިއްޔަތު ހޯދާފައިވާ ޕާޓީގެ މެންބަރެކެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣްލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީއެވެ. ހައުސްގެ އަޣްލަބިއްޔަތު ހޯދި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ 222 މެންބަރުން ހައުސްގައި ތިއްބަވާއިރު ވެރިކަން ކުރާ ޑިމްކްރެޓިކް ޕާޓީ ހައުސްގައި ތަމްސީލު ކުރައްވަނީ 212 މެންބަރުންނެވެ.

ހައުސްގެ ރައީސަކު އިންތިޚާބު ކުރަނީ ހައުސްގެ މެންބަރުންގެ ތެރެއިންނެވެ. ރައީސް ކަމަށް ބޭފުޅަކު އިންތިޚާބު ކުރެވޭނީ ހައުސްގައި ހިމެނޭ ޖުމްލަ 435 މެންބަރުންގެ ތެރެއިން މަދުވެގެން 218 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

މިފަހަރު ހައުސްގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބު ނުކުރެވިގެން މިއުޅެނީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި ސިޔާސީ ދެބަސްވުންތައް އާދަޔާ ޚިލާފަށް ބޮޑުކަމުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސް

ހައުސްގެ ރައީސްކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. އެއީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ދެބޭފުޅަކާއި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ދެބޭފުޅެކެވެ. ރިޕަބްލިކަން ޕާޓީން އެމަގާމަށް ކުރިމަތިލައްވާފައިވާ ދެބޭފުޅުންނަކީ ކެލިފޯނިއާގެ މެންބަރު ކެވިން މެކާތީ އާއި ފްލޮރިޑާގެ މެންބަރު ބްރައިން ޑޮނަލްޑްސް އެވެ.

މިދެބޭފުޅުންގެ ތެރެއިން ހައުސްގެ ރައީސް ކަމަށް އައުމުގެ ފުރުސަތު ބޮޑީ ކެލިފޯނިއާގެ މެންބަރު ކެވިން މެކާތީ އަށެވެ. ނަމަވެސް މެކާތީ އަށް ބޭނުންވާ މިންވަރަށް ވޯޓު ނުލިބެނީ ރިޕަބްލިކަން ޕާޓީގެ ބައެއް ވޯޓު ބްރައިން ޑޮނަލްޑްސް އަށް ލިބިގެންދާތީއެވެ.

ހައުސްގެ އަޣްލަބިއްޔަތު ނެތްނަމަވެސް ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ނިޔުޔޯކް ތަމްސީލް ކުރައްވާ މެމްބަރު ހަކީމް ޖެނިފަޒް ވެސް ގެންދަވަނީ ހައުސްގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވަމުންނެވެ.

ހައުސްގައި ޑިމްކްރެޓިކް ޕާޓީ ތަމްސީލު ކުރައްވަނީ 212 މެންބަރުން ކަމަށްވެފައި އެޕާޓީއަށް އަޣްލަބިއްޔަތު ނެތުމުން ހަކީމް ހޮވޭނެ ކަމުގެ އެއްވެސް އުންމީދެއްނެތެވެ. ބުދަ ދުވަހުގެ ޖަލްސާގައި ވެސް ރައީސަކު އިންތިޚާބު ނުކުރެވުމުން ޖަލްސާވަނީ ނިންމާލާފައެވެ. މިއީ ހައުސްއަށް ރައީސަކު އިންތިޚާބު ކުރުމަށް ބޭއްވި ހަ ވަނަ ޖަލްސާއެވެ.

އެމެރިކާއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ދެބަސްވުންތަކާއި ސިޔާސީ ބައިބައިވުންތައް އެންމެ ބޮޑަށް ފެންނަމުން މިދަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ތެރެއިންނެވެ. އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް އަޣްލަބިއްޔަތު އޮތްނަމަވެސް އެޕާޓީގެ ތެރޭގައި ސިޔާސީ ކޯޅުންތަކާއި ވާދަވެރިކަމާއި ބައިބައިވުން ބޮޑުކަމުން އެ ޕާޓީ ވަނީ ހައުސް ލީޑު ކުރުމުގައި ނާކާމިޔާބުވެފައެވެ.

އެމެރިކާގެ ޕާލަމެންޓުން މިހާރު ފެންނަމުން މިދަނީ ލުބްނާނާއި އިރާގު ފަދަ ސިޔާސީ ގޮތުން ބައިބައިވެފައިވާ ތިންވަނަ ދުނިޔޭގެ ގައުމުތަކުން ފެންނަ ފަދަ ބައިބައިވުމުގެ މަންޒަރުތަކެވެ. މޮޅު ތަސައްރަފު ފުދިފައިވާ ސިޔާސީ މީހުންތިބޭ ކަމަށް ދައުވާކުރާ އެމެރިކާގެ ޕާލަމެންޓުން މި މަންޒަރުފެނުމަކީ އެމެރިކާ ދަލުގަންނަންޖެހޭ ކަމެއްކަމަށް އެމެރިކާގެ ނޫސްތައް ބުނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ޖަލްސާތައް ފެށިގެން ދާނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް ރައީސަކު އިންތިޚާބު ކުރެވިގެންނެވެ. އަދި ހައުސްއަށް އަލަށް އިންތިޚާބުކުރި މެންބަރުންނަށް މަގާމުގެ ހުވާ ކުރެވޭނީވެސް ހައުސްއަށް ރައީސަކު އިންތިޚާބު ކުރެވިގެންނެވެ.

އެމެރިކާގެ ޕާލަމެންޓްކަމަށްވާ ކޮންގްރެސްގެ ތިރިގެއަކީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއެވެ. މަތިގެއަކީ ސެނެޓްއެވެ. ސެނެޓްގެ ރައީސަކީ އެމެރިކާގެ ނައިބް ރައީސަކަށް ހުންނަވާ ބޭފުޅެކެވެ. ސެނެޓްގައި ތިއްބަވަނީ 100 މެންބަރުންނެވެ. ހައުސްގައި 435 މެންބަރުންނެވެ.

މިފަހަރުގެ އިންތިޚާބުގައި ހައުސްގެ އަޣްލަބިއްޔަތު ހޯދީ އިދިކޮޅު ރިޕަބްލިކަން ޕާޓީއެވެ. ސެނެޓްގެ އަޣްލަބިއްޔަތު ހޯދީ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީއެވެ. ކިތަންމެ ފަހަރަކު ޖަލްސާ ބާއްވަންޖެހުނަސް ހައުސްއަށް ރައީސަކު އިންތިޚާބު ކުރެވެންދެންޖެހޭނީ އެކަންކުރާށެވެ. އެނޫންގޮތެއް ނޯންނާނެއެވެ.