07 Jan 2023, 11:47
ދިރާގަކީ އަބަދުވެސް ތަފާތު، އިޖާދީ ކަންކަން ތަޢާރަފްކުރާ ކުންފުންޏެކެވެ.
އެގޮތުން މި ފަހަރު ދިރާގުން ތަޢާރަފްކުރި ކަލެންޑަރުން ހާމަކޮށްދެނީ 12 މީހެއްގެ ވާހަކައެވެ. އެންމެ ފުރަތަމަ އޭގައި ހިމެނެނީ މުހައްމަދު ސިރާޖް އަޙްމަދު ނުވަތަ ސިޑޭގެ ކަނޑު އަޑީގެ ދިރިއުޅުމުގެ ވާހަކައެވެ.
އޯޝަން ފެނެޓިކްސްގެ ވެރިޔާގެ ޙައިސިއްޔަތުން ސިޑޭ ކުރަނީ ބުރަ މަސައްކަތެކެވެ. އޭނާގެ ހިތުގައި ކަނޑަށް އޮންނަ ލޯބިން އޭނާގެ މުޅި ހަޔާތް އެކަމުގައި ދަނީ ވޭތު ކުރަމުންނެވެ.
ސިޑޭ އަކީ ކަނޑު އަޑީގެ ދިރުންތަކާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކޮށްދޭ މީހެކެވެ. ކަނޑު އަޑީގެ ދިރުންތަކުގެ ތަފާތު ތަޖުރިބާ ޢާންމުންނާއި ފަތުރުވެރިންނަށް ފޯރުކޮށްދިނުމުގެ މެދުވެރިއެކެވެ. އޯޝަން ފެނާޓިކްސް އިން ބާ އަތޮޅުގައި ކުރިއަށް ގެންދާ ޑައިވިން ފަދަ އެކި ހަރަކާތްތަކުން މިކަން ސާބިތުވެއެވެ.
ސިޑޭ އެންމެ ބޮޑަށް ހަރަކާތްތެރި ވަނީ ބާ އަތޮޅުގައި ޔުނެސްކޯއިން ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭގައެވެ. އެ ސަރަހައްދުން ފެންނަ މިޔަރުތަކާއި މަޑި ތަކަކީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިންނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެ ސަރަހައްދު ޢާންމުންނަށް ދައްކައި، އެ ސަރަހައްދުގެ ނާޒުކުކަން އާންމުންނަަށް ކިޔައިދީ، އެ މަސައްކަތް އެންމެ ބޮޑަށް ކޮށްދޭ އެއް ފަރާތަށް އޭނާ ވާނެއެވެ.
އޭނާގެ ހިތުގައި ބިންވަޅު ނެގުނު މި ލޯތްބާއެކު ދިރާގުގެ "އިންސްޕަޔާޑް ކަނެކްޝަން"ގެ ކަލެންޑަރުން އޭނާއަށް ޖެނުއަރީ މަސް މި ވަނީ ޚާއްސަކޮށްފައެވެ. އޭނާގެ ވާހަކައަށް ޚާއްސަ ކޮށްފައިވާ ސަފްހާގައިވާ ސްނެޕް ޗެޓް ކޯޑު ސްކޭން ކޮށްލުމުން އޭނާގެ ތަޖުރިބާ އެމީހަކު އަމިއްލައަށް ތަޖުރިބާ ކޮށްލެވޭނެއެވެ.
ދިރާގުގެ މި ކަލަންޑަރުގެ ޒަރިއްޔާއިން ދިރާގުން ފާހަގަކޮށް އަގުވަޒަންކުރަން ބޭނުންވަނީ ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކެވެ.
އެކުންފުނީގެ މިއަހަރުގެ ކަލެންޑަރު ބިނާކުރެވިފައިވަނީ ހަތަރު މައުޟޫއެއްގެ މައްޗަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ތިމާވެށި، ބަސް، އަތްތެރި މަސައްކަތާއި އަދި މިއުޒިކެވެ. މި ކަލެންޑަރުގައި ހިމެނޭ ކޮންމެ ވާހަކައެއްވެސް ގެނެސްފައިވަނީ އޭ.އާރް (އޮގްމެންޓެޑް ރިއަލިޓީ) މެދުވެރިކޮށެވެ.