05 Jan 2023, 13:24
ދިވެހި ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ވަޒީފާއަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އެސްއެސްސީ އިމްތިހާން ނުވަތަ ޖީސީއީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅުންހުރި ދާއިރާއަކުން ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
ފިރިހެނަކު ނަމަ، އިސްކޮޅުން ފަސް ފޫޓް ތިން އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން ފަސް ފޫޓު ހަމަވުމަކީ ވެސް ޝަރުތެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި އިއުލާނުގައި ވާގޮތުން އެޗްއެސްސީ އިމްތިޚާނުގެ ދިވެހި އަދި އިސްލާމް ނުހިމެނޭ ގޮތަށް އޭލެވެލްގެ ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބައިވާ މީހަކަށް ވާންޖެހެއެވެ.
މީގެއިތުރުން މީލާދީ ގޮތުން 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހަކަށް ވެސް ވާންޖެހެއެވެ.
ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ތަޢުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ މީހުނަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.
މީހުންހޮވުމުގައި ކުރިއަށްގެންދެވޭ އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ މީހުންނަށާއި ފުލުހުންގެ ޚިދުމަތަށް ޤާނޫނީގޮތުން ލާޒިމްކުރާ މަސައްކަތްތައް ކުރުމަށް ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ދާއިރާތަކަށް އަދި ދާއިރާތަކަށް ޚާއްސަ ކުރެވިފައިވާ އަދަދުތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުންނަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދުތަކުގެ ތެރެއިން ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުންވާ ސަރަހައްދުތަކާއި، ފުލުހުންގެ ޚިދުމަތް އަލަށް ގާއިމުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް ވަޒީފާ ދިނުމުގައި އިސްކަން ދޭނެއެވެ.
ވަޒީފާއަށް މީހުން ނެގުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ ޓެސްޓުތައް ފާސްވާން ޖެހޭނެއެވެ. އެގޮތުން ދޭނެ ޓެސްޓު ތަކަކީ:
ބެކްގްރައުންޑް އެސެސްމެންޓް
ފިޒިކަލް ފިޓްނަސް އެސެސްމަންޓް
ފެތުމުގެ އެސެސްމަންޓް
އެޕްޓިޓިއުޑް ޓެސްޓް
އިންޓަވިއު
ޕޮލިގްރަފީ ޓެސްޓް
މެޑިކަލް އެގްޒަމިނޭޝަން
މި ވަޒީފާއަށް ކުރިމަތިލާ މީހަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ކޮންމެ ތަނެއްގައި މަސައްކަތް ކުރެވޭނެ މީހަކަށް ވާން ޖެހޭނެއެވެ.
މި ވަޒީފާއަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ، މި މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 04:00އެވެ. ފޯމު ހުށަހަޅަން ޖެހޭނީ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށެވެ. މި ވަޒީފާއަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.