05 Jan 2023, 10:29
އެމްޑީޕީގެ ފިކުރާއި ދިރުމަކީ ވަކި މީހެއް ނޫން ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނުސީދާ ގޮތެއްގައި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.
މިމަހު ބާއްވާ އެޕާޓީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ހޯދުމަށް ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ ކުރީ ސަރުކާރުގެ އަނިޔާވެރިކަން ނިމި، މި ސަރުކާރާއެކު ރާއްޖޭގައި ޑިމަކްރަސީ ގާއިމް ކުރެވިއްޖެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީ ތެރޭގައި ބައެއް މީހުން އެބަ ހިތަށް އަރާ، މިހާރު މި އޮތީ މި ރާއްޖެއަށް ޑިމޮކްރެސީ އައިސްފައޭ، އެތެރޭގައި ކޯޅިގަންނަންވީއޭ، ތިމަންނަމެން ނޫން އެހެން ބަޔަކު މި ޕާޓީގައި ހުރެގެން ނުވާނެއޭ، ވެރިކަން ކުރަން ޖެހޭނީ ވެސް ވަކި ބައެކޭ، އެ ބައެއްގެ އަޑު އެއީއޭ އަޅުގަނޑުމެން އެންމެންގެ ދިރުމަކީ،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަމާން އޮމާން ސަރުކާރެއް ގާއިމު ކުރުމުން، އެޕާޓީ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުން ގަސްތުގައި ޕާޓީ ތެރެ ހަލަބޮލި ކުރަން މަސައްކަތް ކުރާ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސައިން
"އެމްޑީޕީގެ ފިކުރަކީ މީހެއްގެ ވަށާލައި އެނބުރޭ ފިކުރެއް ނޫން. އެމްޑީޕީގެ ދިރުމަކީ މީހެއްގެ ވަށާލައި އެނބުރޭ ދިރުމެއް ނޫން. އަޅުގަނޑުމެން އަބަދުވެސް ތަން ދިނީ މިނިވަން ހިޔާލާއި މިނިވަން ފިކުރަށް." ނުސީދާ ގޮތެއްގައި ނަޝީދަށް ރައްދުދެއްވާ މާރިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އުފެދިގެން އައި އެކަކު ވަށާ އެނބުރޭ ފިކުރު ނައްތާލާ، އަސާސީ މިނިވަންކަން އެންމެހާ ރައްޔިތުންނަށް ކަށަވަރު ކުރުމަށް ކަމަށެވެ.
"އެތެރޭގެ އިންތިޚާބުގައި މިގޮތަށް ކަން ކުރަން ވެއްޖިއްޔާ އަޅުގަނޑުމެން އަތުގައި އޮންނަ ސަރުކާރު ވެސް ގެއްލިގެން ހިނގައިދާނެ." އޭނާ ވިދާޅުވިއެވެ.
މިވަގުތު މުޅި ޕާޓީގެ ވިސްނުން ވެސް ބައްޓަން ކުރަންވީ އެމްޑީޕީގެ ވެރިކަން ދެމެހެއްޓޭނެ ގޮތަކަށްކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ ވެރިކަން ގެއްލިއްޖެ ނަމަ އަނެއްކާވެސް ރާއްޖެ ސޮއްސާލާނީ ފަހަތަށް ކަމަށެވެ.
"މިއަދު ނޫންތޯ ސާފު ބޯފެނާއި ނަރުދަމާއާ ލިބިގެން ތާހިރު ދިރިއުޅުމަކާ ދިމާލަށް މި ދެވެނީ." މިނިސްޓަރު ވިދާޅުވިއެވެ.
ނަޝީދަށް ސުވާލެއް: ތާއީދު ނެތިއްޔާ ކުރިމަތިލެއްވީ ކީއްވެ؟
އެމްޑީޕީގެ ދަފުތަރު ގަޑުބަޑުކޮށް، ނަޝީދަށް ތާއީދުކުރާ 39،000 މެންބަރުން ޕާޓީން ވަކިކޮށްފައިވާ ކަމަށް އެމަނިކުފާނު ކުރައްވާ ތުހުމަތުތަކަށް ވެސް މާރިޔާ ވަނީ ރައްދުދެއްވާފައެވެ.
"މި ފަހަރު ވޯޓުލާ އެންމެންނަކީ އެމަނިކުފާނަށް ތާއީދުނުކުރާ މީހުން ކަމަށްވަންޏާ، ދެން ކީވއްބާއޭ ނުކުމެވަޑައިގެން އެ ހުންނެވީ މި ޕްރައިމަރީގަ ބައިވެރިވެވަޑައިގަންނަވަން؟ އެއީ އަޅުގަނޑަށް އުފެދޭ ސުވާލެއް،" މީގެ ކުރިން ނަޝީދާ ވަރަށް އަރިސްކޮށް އުޅުއްވި މާރިޔާ ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސައިން
އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުގައި އެމްޑީޕީ ހަރުގެއަށް އެއްވެ، 'ބޮނޑިބަތް ކޮޅެއް ކާލަން' އުޅުނަސް ލަނީ ޖަލަށް ކަމަށެވެ. އެކަމަކު، ރައީސް ޞާލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ދުވަސްތައް މާޒީވެފައިވާ ކަމަށެވެ. އަދި، އެކަން އެޕާޓީގެ މެންބަރުން ހަނދާނުގައި ބެހެއްޓުން ކޮންމެހެން ވެސް މުހިއްމުކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.
"މިއަދު ބައްލަވާލައްވާ މި ޕާޓީގެ ތަފާތު. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ހުންނެވީ ރައީސް ޔާމީނުގެ އަތްޕުޅުގައި އޮތް ހަމަ މުޅި ހުރިހާ އާރަކާއި ބާރަކާ ވެސް ހަމަ އޮވެގެންނޭ. އެކަމަކު އަޅުގަނޑުމެންނަށް އެ އޮޅުންނުފިލައިފިއްޔާ، އެ ތަން ނުފެނިއްޖެއްޔާ، 2018 އިން އަޅުގަނޑުމެން މި ހޯދި ކުރިއެރުން އަޅުގަނޑުމެންނަށް ގެއްލިގެންދާނެ،" އޭނާ ވިދާޅުވިއެވެ.