11 Apr 2012, 22:01
ސިއްހީ ހިދުމަތްދޭ ފަރާތްތަކާއެކު އާސަންދަ ކުންފުނިން ކޮށްފައި ހުރި ކޮންޓްރެކްޓްތައް އެންސްޕާއާއެކު އަލުން ކުރަން ނިންމައި އެކަން އެ ފަރާތްތަކަށް އަންގައިފި އެވެ.
އާސަންދަ ކުންފުނީގެ މެނޭޖަރު އަހުމަދު ޝާބިގު މިއަދު ވިދާޅުވީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނުގެ ދަށުން ކޮންޓްރެކްޓްތައް ކުރަން ޖެހެނީ އެންސްޕާއާއެކު ކަމަށާއި ނަމަވެސް އާސަންދަ އުފެދުނު އިރު އެ ގާނޫނު ނެތުމުން ކޮންޓްރެކްޓްތައް ކުރެވިފައި ހުރީ އާސަންދައާ އެކު ކަމަށެވެ. އަދި ކޮންޓްރެކްޓްތައް އާކުރުމުގެ ކަންތައްތައް އިއްޔެ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޭރު ވެސް ވިސްނާފައި އޮތީ ގާނޫނު އައިމާ އޮނިގަނޑަށް އަމަލުކުރަން. އެގޮތުން އަޅުގަނޑުމެން ސިއްހީ ހިދުމަތްދޭ ތަންތަނަށް 30 ދުވަސް ތެރޭ ކޮންޓްރެކްޓް އާ ކުރާނެކަން މިހާރު ވަނީ އަންގާފައި،" ޝާބިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ކޮންޓްރެކްޓްތައް އާ ކުރި ނަމަވެސް އެލައިޑާއެކު ސަރުކާރުން ކޮށްފައިވާ ކޮންޓްރެކްޓަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެ ސްކީމް ގާނޫނަށް ފެއްތުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އެންސްޕާގެ ޗެއާމަން ތޯރިގު އަލީ ލުތުފީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ފޮނުއްވެވި ސިޓީގައި ބުނެފައި ވަނީ އާސަންދައަކީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނުގައި ބުނާ ފަދަ އިންޝުއަރެންސް ސުކީމެއް ނޫން ކަމަށެވެ. އާސަންދަ ނިޒާމު ބައްޓަންވެފައިވާ ގޮތުގެ މައްސަލަ ބޮޑުވެ އެ މައްސަލަ ވަނީ މާލިއްޔަތު ކޮމެޓީން ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ. އަދި އަންނަ މަހުން ފެށިގެން އާސަންދައިގެ ހިދުމަތް ޕްރައިވެޓް ކުލިނިކްތަކުން ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.