05 Jan 2023, 09:29
ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރ. އަލިފުށްޓަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ސަން"އަށް ވިދާޅުވީ މި ދަތުރުފުޅަކީ މި އަހަރުގެ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅެއްކަމަށެވެ.
ހަމައެއާއެކު މި ދުވަހާ ގުޅިގެން މިއަދު ހަވީރު އޮންނަ އާއިލީ ހަވީރުގައި ފަސްޓް ލޭޑީ ފަޒްނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
ދުވަހަށް ޚާއްސަ ރަސްމީ ޖަލްސާ އޮންނާނީ މިރެއެވެ.
"މީގެ އިތުރުން، މި ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައި،" މިއުވާން ވިދާޅުވިއެވެ.
އަދި އަލިފުށީގައި އަލަށް އިމާރާތްކުރި މަލްޓި ޕާޕަސް ހޯލު ވެސް ރަސްމީކޮށް ރައީސް ހުޅުވައިދެއްވާނެއެވެ.
މީގެ އިތުރުން ރ. އަތޮޅު ކައުންސިލުގެ މެމްބަރުންނާ ވެސް ބައްދަލުކުރެއްވުމަށްވަނީ ހަަމަޖެހިފައެވެ.
މާދަމާގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންނާއި ބައެއް ވަޒީރުން ބައިވެރިވެލައްވާނެއެވެ.