ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ މަސައްކަތްތަކާ ދުރުގައިހުރި ބަތަލާ ސޯނަމް ކަޕޫރުގެ ފިލްމެއް ރިލީޒްވާނެކަމުގެ އިޝާރާތެއް މީޑިއާއިން މި ވަނީ ދީފައެވެ.

މަސައްކަތް އެއްކޮށް ނިންމާފައިވާ "ބްލައިންޑް" ނަމަކަށްކިޔާ ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ޒީ5އިންނެވެ. މީގެކުރިން ނެޓްފްލިކްސްއިން ރިލީޒްކުރުމަށް ނިންމާފައިވާ މިފިލްމު ޒީ5އިން ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިޢުލާނެއްނުކުރެއެވެ.

ފިލްމުގެ ޑައިރެކްޓަރު ސުޖޯ ގޯޝް ޕްރޮޑިއުސްކުރަމުންދާ އިތުރު އެހެން ފިލްމަކާއެކު ފިލްމު "ބްލައިންޑް"ގެ ރައިޓްސް ނެޓްފްލިކްސްއަށް ވިއްކާލުމަށް މަޝްވަރާކުރެވުނު ނަމަވެސް ދެ ފަރާތުން ވަނީ އެއްބަސްވުމަކަށް ނާދެވިފައެވެ. ޑައިރެކްޓަރު ސުޖޯ ގޯޝް ޕްރޮޑިއުސްކުރާ ފިލްމުގެ ބަތަލާއަކީ، ކަރީނާ ކަޕޫރެވެ.

ސޯނަމް ކަޕޫރުގެ އިތުރުން ފިލްމު "ބްލައިންޑް"އިން ފެނިގެންދާނީ، ޕޫރަބް ކޮލީ، ވިނޭ ޕަތަކް އަދި ލިލެތް ދުބޭއެވެ. މި ފިލްމަކީ، 2011 ވަނަ އަހަރު ރިލީޒްވި ކޮރެއާގެ ކްރައިމް ތްރިލާގެ ރިމޭކްއެކެވެ. ދެހާސް ވިހި ވަނަ އަހަރު މަސައްކަތް ފެށި މި ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިންގް ކުރިޔަށްދިޔައީ ސްކޮޓްލޭންޑްގައެވެ.

ފިލްމުގެ މަސައްކަތަށް ކޮވިޑް19އިގެ ބަލިމަޑުކަމުގެ އަސަރުވެސް ކޮށްފައިވާ ކަމަށް ބުނަމުން ބަތަލާ ސޯނަމް ބުނެފައިވަނީ އެ ދުވަސްވަރު ފިލްމުގެ ރިހާސަލް ކުރިޔަށް ގެންދިޔައީ ވެސް ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.

ސޯނަމްގެ ފިލްމެއް ބެލުންތެރިންނަށް ގެނެސްދިނުމުގެ ޚަބަރާއެކު ފޭނުންނަށް އުފާވެރިކަން ލިބިގެންދާއިރު ސޯނަމްގެ އިތުރު ފިލްމެއް ސިނަމާއަށް އަންނާނެ ދުވަހެއް ބުނަން އަދި ދައްޗެވެ. މިދިޔަ އަހަރު އޯގަސްޓް މަހުގެތެރޭ ފިރިހެން ކުއްޖަކު ލިބިފައިވާ ބަތަލާ މިވަގުތު ވެސް ހުރީ ފިލްމީ މަސައްކަތްތަކާ ދުރުގައެވެ.

އިންޑިއާގެ ޒުވާން ވިޔަފާރިވެރިޔާ އާނަންދު އަހޫޖާއާ ކައިވެނިކުރުމަށްފަހު ސޯނަމްގެ ދިރިއުޅުމުގެ ބޮޑުބައި ހޭދަކޮށްފައިވަނީ އިންޑިއާއިން ބޭރުގައެވެ. ސޯނަމްގެ ފިލްމެއް އެންމެފަހުން ސިނަމާއަށް އައިސްފައިވަނީ 2019 ވަނަ އަހަރުއެވެ.