05 Jan 2023, 09:29
ސައުތް ސިނަމާގެ އެންމެ ނުފޫޒުގަދަ ކާމިޔާބު ޑައިރެކްޓަރު ރާޖާ މޮލީއާއެކު ފިލްމެއް ކުޅުމަކީ މިހާރު އެންމެ ބޮޑަށް ދެކެން ބޭނުންވާ ދުވަސްކަމަށް ރީތީގެ ރާނީ އަދި ބަތަލާ މަނޫޝީ ޗިލާ ބުނެފިއެވެ.
މަނޫޝީގެ ކުރިއަށްއޮތް ފިލްމު "ތެހެރާން"އާއި ބެހޭގޮތުން ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއާ ވާހަކަދައްކަމުން ބަތަލާ ބުނެފައި ވަނީ ރާޖާ މޮލީގެ ފިލްމުތައް އޭނާއަށް ވަރަށް ކަމުދާކަމަށެވެ. އެކްޓަރު ޖޯން އަބްރަހަމްއާއެކު މަނޫޝީ ލީޑް ރޯލްއިން ފެންނަ މިފިލްމަކީ، ބަތަލާގެ ދެވަނަ ބޮލީވުޑް ފިލްމެވެ.
މިދިޔަ އަހަރު ފިލްމު "ސަމްރާތް ޕްރިތްވީރާޖް"އިން މަނޫޝީ ބޮލީވުޑަށް ތަޢާރަފްވެފައި ވަނީ އެކްޓަރު އަކްޝޭ ކުމާރްއާއެކުއެވެ. ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ނުލިބުނުނަމަވެސް އެއްވެސް ފިލްމީ ބެކްގްރައުންޑެއް ނެތް މަނޫޝީގެ އެކްޓިންގްއަށް ކްރިޓިކުން ވަނީ ތަޢުރީފުކޮށްފައެވެ.
ޖޯން އަބްރަހްމްއާއެކު ފިލްމަކުން ފުރުޞަތު ލިބުމުން އުފާވެފައިހުރި ބަތަލާ ބުނީ ސައުތް ސިނަމާގެ ފިލްމުތައް ވަރަށް ކަމުދާކަމަށާއި ވަކި އެކްޓަރަކާއެކު މަސައްކަތް ނުކުރަން ނިންމާފައި ނެތް ކަމަށެވެ.
ރާޖާ މޮލީ ޑައިރެކްޓްކުރާ ފިލްމަކާ މެދު ވިސްނުމަކީވެސް ހުވަފެނެއް ބަލާލުންކަހަލަ ކަމެއްކަމަށް ބަތަލާ ވަނީ ސިފަކޮށްފައެވެ.
މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތައް ގެނެސްދީފައިވާ ރާޖާ މޮލީގެ ކާމިޔާބު ފިލްމުތަކުގެތެރޭގައި، "ބަހޫބަލީ"، "ރާދޭ ޝްޔާމް"، "އާރްއާރްއާރް" އަދި ދާދިފަހުން ރިލީޒްވި ފިލްމު "ބްރައްމަސްތުރާ"ވެސް ހިމެނެއެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު އިންޑިއާއަށް ހޯދައިދިން ރީތި ބަތަލާ މަނޫޝީ ބުނެފައި ވަނީ ފިލްމު ކުޅުމުގެ އިތުރުން ވެބް ސީރީސް ކުޅެން ވެސް ޝައުޤުވެރިކަން އެބަހުރި ކަމަށެވެ. މަނޫޝީ ބޮލީވުޑަށް ތަޢާރަފްވިއިރު ދިޔައީ މެޑިކަލް ޑޮކްޓަރަކަށްވުމަށް ތަޢުލީމީ ހަރުފަތްތައް ގިރާކުރަމުންނެވެ. މަނޫޝީގެ މައިންބަފައިންނަކީ ވެސް ޞިއްޙީ ދާއިރާއަށް ނިސްބަތްވާ މަޤުބޫލު ދެ ޑޮކްޓަރުންނެވެ.
ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކުރުމަށް މަސައްކަތްކުރަމުންދާ މަނޫޝީއަކީ، ޢާއްމުން ހޭލުންތެރިކުރުމުގެ ތަފާތު އެކި ކެމްޕޭންތަކުގައި ޔުނިސެފާއި ގުޅިގެން މަސައްކަތްކުރާ ފަންނާނެކެވެ.