ރައީސް ސާލިހް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރުމުގެ މާނައެއް ނެތްކަމަށާއި، އެކަން ހުދު އެމަނިކުފާނުގެ އަމިއްލަ ޕާޓީން ވެސް ޤަބޫލުކުރާކަމަށް އިދިކޮޅު ކޯލިޝަނުގެ ނައިބުރައީސް، އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިނަށް ކުރި ޖަލު ހުކުމާ ދެކޮޅަށް ބާއްވަމުންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން، ޕީޕީއެމް ކޯލިޝަނުން މިރޭ އާޓިފިޝަލް ބީޗުގައި، ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ސާލިހް އެމްޑީޕީ ޕްރައިމަރީ ހޯއްދެވުމުގެ ބޭނުމެއް ނެތްކަމަށް އެމްޑީޕީގެ ޕްރައިމަރީ ރޭހުގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައިވާކަމަށެވެ.

ރައީސް ސާލިހުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ހަޤީޤަތަކީ ރައީސް ސާލިހަށް އަމިއްލަ ޕާޓީތެރޭން އަދި ސަރުކާރުތެރޭން ވެސް އެއްވެސް ތާއީދެއް ނެތްކަމެވެ. ރައީސް ޔާމީނު ސަރުކާރުގައި އިޤްތިސާދީ ވަޒީރުކަން ކުރެއްވި ސައީދު ވިދާޅުވީ، ރައީސް ޔާމިނުގެ ދައުރު ހަމަވެ، ރައީސް ސާލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ބިލިއަން ޑޮލަރާއި ގާތްކުރާ އަދަދަށް ދައުލަތުގެ ރިޒާވް ހުންނާނޭކަމަށެވެ.

ޕީޕީއެމް ކޯލިޝަނުން މިރޭ އާޓިފިޝަލް ބީޗުގައި، ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ/ޕީޕީއެމް

ނަމަވެސް ރައީސް ސާލިހް ވެރިކަމާ ހަވާލުވިފަހުން ދައުލަތުގެ ރިޒާވް ދަށަށްގޮސް، މިހާރު މަސްދުވަހުގެ ކާޑު ގަނެވޭނެހާ ފައިސާ ދައުލަތުގެ ރިޒާވްގައި ނެތްކަމަށާއި، މިކަމުގެ ކަންބޮޑުވުން ހުދު ރައީސް ސާލިހްއާ ދެކޮޅަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު ވެސް، އެތައްފަހަރެއްގެ މަތިން ފާހަގަކުރައްވާފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

"މިހާރު ރާއްޖެއަށް ހަނޑޫ، ހަކުރު، ފުށް ގަންނަން ޖެހެނީ އިންޑިއާއިން. އެވެސް ވަލު ދޮރޯށިން. ރާއްޖޭގެ މިނިވަންކަން ވިއްކައިގެން. ގޮތްނޭނގޭ ލޯނުތައް އިންޑިއާއިން ނަގައިގެން. އެ ނަގާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓެއްވެސް އެނގެނީކީނޫން" މުހައްމަދު ސައީދު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ސާލިހް ވެރިކަމާ ހަވާލުވެ މިހާތަނަށް އައިއިރު ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމަށާއި، ބޯހިޔާވަހިކަމޭ ކިޔައިގެން ރައްޔިތުންނާ ދައްކާނެ ވާހަކައެއް ނެތްކަމަށެވެ. އަބްދުލް ރަހީމް ވިދާޅުވީ ދެންވެސް ހިޔާ ފްލެޓްގެ ކުލި ކުޑަކުރާނީ ރައީސް ޔާމީނު ވެރިކަމަށް އައުމަށްފަހު ކަމަށާއި، ހިޔާ ފްލެޓުގެ ކުއްޔަކީ 5600 ރުފިޔާކަމަށް ރައީސް ޔާމިނު މާކުރިންވެސް ނިންމަވާފައިވާކަމަށެވެ.

ޕީޕީއެމް ކޯލިޝަނުން މިރޭ އާޓިފިޝަލް ބީޗުގައި، ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް ވާހަކަދައްކަވަނީ -- ފޮޓޯ/ޕީޕީއެމް

ޕީޕީއެމް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާއަށްފަހު ދެން އެ ކޯލިޝަނުގެ ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުގައެވެ. ޕީޕީއެމް ކޯލިޝަނުން ބުނީ ރައީސް ޔާމީން 2023 ކެމްޕެއިނު ޖަލްސާތައް މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް ނ އަތޮޅުގެ ރަށްތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.