04 Jan 2023, 23:24
ޖަލަށް ވަނުމުގެ ވާދަވެރިކަމެއް ބައެއް މީހުންގެ މެދުގައި އުފެދެމުން އަންނަ މަންޒަރު ފެންނަމުން އެބަދާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، އެ ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ހައްޔަރުކޮށްފައިވެއެވެ. އެހެންކަމުން މިނިސްޓާ އިމްރާންގެ ޓުވީޓަކީ، އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕަށް އަމާޒުކުރެއްވި ބަހުގެ ހަމަލާތަކެއް ކަމަށް ބެލެވެއެވެ.
މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުގައި ހިމެނޭ ބައެއް ބޭފުޅުންގެ ތެރޭގައި، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުއާއި ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ހިމެނެއެވެ.
ރޭގެ މުޒާހަރާގެ ތެރެއިން މޭޔަރު މުއިއްޒު ހައްޔަރުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، މާލޭ ސިޓީ ކައުންސިލުން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރުމާއި، ސިޓީ ކައުންސިލުގެ މުވައްޒަފުން އެކަމާ ދެކޮޅަށް އިހުތިޖާޖުކުރަން ނެރުމަކީ، ރިޔާސީ ޓިކެޓް ހޯދުމަށް ކެމްޕެއިން ކުރުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް އާންމުން ވަނީ މުއިއްޒުއަށް ފާޑުކިޔާފައެވެ.
މޭޔަރު މުއިއްޒު ހައްޔަރުކުރުމާ ގުޅޭގޮތުން ގިނަބަޔަކު ވާހަކަދައްކަމުން އައި ދަނޑިވަޅެއްގައި މިނިސްޓާ އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓެއް ކަމަށް ޝަރުތު ހަމަވަނީ ޖަލަށް ގޮސްގެން ކަމަށް ދެކި، ޖަލަށް ވަނުމުގެ ވާދަވެރިކަމެއް ބައެއް ފަރާތްތަކުގެ މެދުގައި އުފެދިގެންދާ މަންޒަރު ފެންނަމުން އަންނަ ކަމަށެވެ.
"މިފަހަރު ކެންޑިޑޭޓުކަން ދެވެނީ އެކަމަށް ބަލައިގެން ނޫން ކަމަށް ބެލެވޭ ގިނަ ކަންކަން ފެންމަތިވަމުން އެބަދޭ،" އިމްރާން ވިދާޅުވިއެވެ.
ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފުވެ، ގިނަ ޕާޓީތަކެއް އެކުލެވޭ އިންތިޚާބުތަކެއް ބާއްވަން ފެށިފަހުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވި ގިނަ ބޭފުޅުންނަކީ ޖަލުގައި ނުވަތަ އެ ނޫން ވެސް ބަންދެއްގައި ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ބޭފުޅުންތަކެއްކަން ފާހަގަކޮށްލެވެއެވެ.
ރިޔާސީ އިންތިޚާބު ބާއްވާ ދުވަސް ގާތްވަމުން އަންނައިރު، އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓާ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ އިތުރުން އެލްޖީއޭގެ ނައިބު ރައީސްކަން ކުރެއްވި ސުޖާއު ހުސެއިން ފާހަގަ ކުރެވެއެވެ.
ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓް ކަށަވަރު ވާނީ މިމަހުގެ 28ގައި ބާއްވައި އެޕާޓީގެ ޕްރައިމަރީއަށް ފަހުގައެވެ. އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ފަރާތުން ވާދަ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މަޖިލިސް ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ރިޔާސީ ޓިކެޓު ރައީސް ޔާމީނާ ރަސްމީކޮށް ހަވާލުކޮށްފައިވީ ނަމަވެސް، އެމަނިކުފާނަށް އައިސްފައިވާ 11 އަހަރުގެ ޖަލު ހުކުމާއެކު، އެމަނިކުފާނަށް މިހާރު ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ދޮރު ބަންދުވެފައެވެ.
އެހެންކަމުން އިދިކޮޅު ކޯލިޝަންގެ ފަރާތުން އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓަކާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.