04 Jan 2023, 22:14
ނަސޭހަތާއި ލަފާ ދިނުމުގެ ފުރުސަތު ފުރިހަމައަށް އެބައޮތްކަމަށާއި އެހެންނަމަވެސް އެއްވެސް މީހެއްގެ އަޅަކަަށް ނުވޭނެކަމަށް ވިދާޅުވެ، ނުސީދާ ގޮތެއްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަރުގަދަ ރައްދެއް މިރޭ ދެއްވައިފިއެވެ.
މި މަހު 28ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް، ރައީސް ޞާލިހް ބައިވެރިވެވަޑައިގެން ބޭއްވެވި އެންމެ ފުރަތަމަ ޖަލްސާގައި، މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، އެ މަނިކުފާނަކީ ރައްޔިތުންނާއި އެންމެންގެ އަޑުއަހާ ބޭފުޅަކަށް ވެވަޑައިގަންނަވާނެކަމަށެވެ. އަދި ކަންކަން ނިންމުމުގައި އެހެން މީހެއްގެ ނުފޫޒަށް ނުގުޑާނެކަމަށެވެ.
"އަޅުގަނޑެއް އެއްވެސް މީހެއްގެ އަޅަކަށް ނުވާނަން. މަޝްވަރާ ކުރަންވީ، ވާހަކަތައް ވެސް ހިއްސާކުރަންވީ. އަޅުގަނޑު ކަންތައްތައް ނިންމާނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނާއެކު،" އެ މަނިކުފާނު ވިދާޅުވިއެވެ.
"ދެވަނަ ކަމަކަށް އަޅުގަނޑު އެ ދުވަހު ދެންނެވީ އަޅުގަނޑުގެ ޓީޗަރަކު އަޅުގަނޑުކައިރީ ދެންނެވި ވާހަކަ. ދުނިޔޭގައި ވަރަށް މަދުވާނޭ އަޑުއަހާ މީހުން. އޭގެ މީހަކަށް ވެވޭތޯ ބަލާށޭ. އަޅުގަނޑު މިހުރީ އެ ދިން ނަސޭހަތް ގަބޫލުކޮށްގެން. ދައުލަތް އަޅުގަނޑު މި ހިންގަނީ އަޅުގަނޑާއެކު ތިއްބެވި ކެބިނެޓުގެ މެމްބަރުންނާއި ޕާޓީގެ މެމްބަރުންނާއި، މަޖިލީހުގެ މެމްބަރުންނާއ، މި އެންމެންގެ އަޑު އަހައިގެން،" އެ މަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
4 ޖެނުއަރީ 2023: ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އެ މަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވަހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން
ހަމައެއާއެކު އެ މަނިކުފާނު ނުކުމެ ހުންނެވީ، އެމްޑީޕީއާއެކު ކުރިއަށް ދިޔުމަށް ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ނިކުމެ މިހުރީ. އެއް އަހަރަކަށް ނޫން، ދެ އަހަރަކަށް ނޫން، ތިން އަހަރަކަށް ނޫން، ހަތަރު އަހަރަކަށް ނޫން، ފަސް އަހަރަށް ރިޔާސީ ދައުރެއް ކާމިޔާބުކޮށްދޭން. އަޅުގަނޑު ނިކުމެ މިހުރީ ތަޖުރިބާ ތަކަކާއެކު. ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ހަ އިންތިޚާބު އަޅުގަނޑު ކާމިޔާބުކޮށްފިން. މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު،" ރައީސް ޞާލިހު މިރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިޚާބުތައް ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެ މަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ވޯޓު ހޯދައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެ މަނިކުފާނަށް ކާމިޔާބުކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެތް ނެތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
4 ޖެނުއަރީ 2023: ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އެ މަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވުމަށް ހަރުގެއަށް ވަޑައިގަންނަވަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން
މިރޭގެ ކެމްޕެއިން ޖަލްސާގައި، ރައީސް ޞާލިހަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ އާންމު މެމްބަރުން ބައިވެރިވެފައިވެއެވެ. ހަމައެއާއެކު ރައީސް ޞާލިހަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުންނާއި، ސަރުކާރު ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވެފައިވެއެވެ.
4 ޖެނުއަރީ 2023: އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން --ސަން ފޮޓޯ/ ނާއިލް ހުސައިން
ޖަލްސާގައި ރައީސް ޞާލިހުގެ ކެމްޕެއިން ތަރުޖަމާނު މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ވެސް ވާހަކަދެއްކެވިއެވެ.
މިރޭ ރައީސް ޞާލިހުގެ ކެމްޕެއިން ޖަލްސާ އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ އެމްޑީޕީ ހަރު ގޭގައި ކުރިއަށް ދިޔައިރު، އިދިކޮޅު ޕީޕީއެމުން ވެސް ވަނީ، ހަރުގެ ކުރިމައްޗަށްވާ ގޮތަށް އާޓިފިޝަލް ބީޗުގައި އެއްވުމެއް ބާއްވައިފައެވެ.