11 Apr 2012, 20:48
ޓޫރިސްޓުންތަކަކަށް ބިރުދައްކައި އެމީހުންގެ އަތުން ގިނަ އަދަދެއްގެ ސާމާނުތަކަކާއި ފައިސާ ފޭރިގަތް މީހަކު ފުލުހުން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެރޭ "ވަން އެންޑް އޯލް ހޮޓެލް"ގައި ތިބި ޓޫރިސްޓުންތަކެއްގެ އަތުން ފޭރުމަށް ފަހު ފިލައިގެން އުޅޭ ކަމަށް ތުހުމަތު ކުރެވެނީ އއ. ފެރިދޫ އެވަރެސްޓް ޢަލީ ޖިނާން، 20އ. ކަމަށެވެ.
ވަން އެންޑް އޯލް ހޮޓަލްގައި ޓޫރިސްޓުން ތިބި ކޮޓަރިއަށް ވަދެ އެ މީހުންނަށް ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފޭރިގެންފައި ވަނީ 200 ޑޮލަރުގެ ކެނޯން ކެމެރާ އަކާއި 450 ޑޮލަރުގެ ރަންފަށަކާއި 750 ޑޮލަރުގެ އައިފޯން ފޯއެސް އަކާއި 600 ޑޮލަރުގެ ނޮކިއާ ފޯނަކާ އަދި 2000ރ. ކަމަށް ފުލުހުން ބުންޏެވެ.
ޖިނާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތްތަކުން އެ މައުލޫމާތު ވީއެންމެ އަވަހަކަށް ފުލުހުންނަށް ފޯރުކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ފަހަކަށް އައިސް ވަޅި ޖެހުމާއި، ވައްކަމާއި އަދި ފޭރުމުގެ ހާދިސާތައް ވަނީ މާލޭގައި ހިނގުން އިތުރުވެފަ އެވެ.