އަންނަ ރަމަޟާން މަހަށް މާލޭގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމުގެ ގޮތުން އަންނަ ހަފްތާ ބަންދުގައި ހާއްސަ ޓެލެތޯނެއް ބޭއްވުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ, މިސްކިތްތައް މަރާމާތުކުރަން ފަންޑު ހޯދުމަށް ޓެލެތޯންއެއް ބޭއްވުމަށް ނިންމާފައިވަނީ, މިސަރުކާރުން، މިސްކިތްތައް ކައުންސިލާ ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލައި ކަމަށްވުމުން ކަމަށެވެ. އަދި މިސްކިތްތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު އެތަންތަން ބެލެހެއްޓުމަށް ރަނގަޅު ފަންޑެއް ބޭނުންވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އެހެންކަމުން މިސްކިތްތަކުގެ މެއިންޓެއިން މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭގޮތަށް ނުކުރެވޭކަން ކައުންސިލުން ފާހަގަކުރިއެވެ.

ސިޓީ ކައުންސިލުން ބުނީ ޓެލެތޯންގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވޭނެ ކަމަށާއި، ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ޓެލެތޯން ބާއްވަން ނިންމީ އާންމުންނާއި ވިޔަފާރިވެރިންގެ އެހީއާއެކު މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަގްސަދުގައެވެ.

މިވަގުތު ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ޖުމްލަ 34 މިސްކިތެއް އެބަ ހުއްޓެވެ. މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ.