ޑިޒްނީ މާވެލްގެ ކެރެކްޓަރެއް ކަމަށްވާ ހޯކް އައިގެ ރޯލުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ޖެރެމީ ރެނާއަށް އެކްސިޑެންޓެއްގައި ލިބުނު ބޮޑެތި އަނިޔާތަކަކަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ރެނާ ވަނީ ގޭ ދޮށުގައި ސްނޯ ސާފު ކުރަން އުޅުމުގެ ތެރޭގައި ވަރަށް ބޮޑަށް އަނިޔާތަކެއް ލިބިފައެވެ. އެ އަނިޔާތަކާ އެކު އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ ހާލަތު ކްރިޓިކަލް ކަމަށް ހާމަކުރިއެވެ.

އެއަށްފަހު ރެނާއާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް އަދި އޭނާއަށް ލިބިފައިވަނީ ކޮން ކަހަލަ އަނިޔާތަކެއް މައުލޫމާތެއް އެނގިފައެއް ނުވެއެވެ. އެއާއެކު ފޭނުން ތިބީ ރެނާގެ ހާލަތު އެނގުމަށް ކެތްމަދުވެފައެވެ.

އެންމެފަހުން ރެނާގެ ހާލަތުގެ އަޕްޑޭޓެއް ދީފައިވަނީ އޭނާ އަމިއްލައަށެވެ. ސޯޝަލް މީޑިއާއަށް ކުރި ޕޯސްޓެއްގައި އޭނާ ވަނީ ސެލްފީއެއް ހިއްސާކޮށްފައެވެ. ސެލްފީއިން ވެސް ފެން ގޮތުގައި އޭނާގެ މޫނުމައްޗަށް ވަނީ އަނިޔާތަކެއް ލިބިފައެވެ.

View this post on Instagram

A post shared by Jeremy Renner (@jeremyrenner)

ރެނާ ބުނެފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން މިވަގުތު ޓެކްސްޓު ކުރަން ނުވަތަ ލިޔަން ވަރަށް އުނދަގޫ ކަމަށެވެ. ނަމަވެސް ހުރިހާ ފޭނުންގެ ހެޔޮ ބަސްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށް އޭނާ ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރެނާއަށް އެކްސިޑެންޓުގައި ފަޔަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި އެކަމާ ގުޅިގެން ދެ ސާޖަރީއެއް ވެސް ހަދަން ޖެހުނު ކަމަށް މައުލޫމާތު ލިބެއެވެ.

މިދިޔަ އަހަރު ކުރީކޮޅުގައި ޝޫޓުކުރި ފިލްމެއްގެ ސެޓުގެ ތެރޭގައި ވެސް ރެނާއަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް އެފަހަރު ލިބިފައިވާ އަނިޔާތައް ސީރިއަސް އެއް ނޫނެވެ. އޭނާ އެންމެ ފަހުން ހޯކް އައިގެ ރޯލުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ޑިޒްނީ ޕްލަސްއިން ނެރުނު ލިމިޓެޑް ސީރީޒް އިންނެވެ. ހޯކް އައިގެ ވާހަކަ ދައްކުވައިދޭ މި ޝޯގައި ހެއިލީ ސްޓައިންފީލްޑް އާއި ފްލޯރެންސް ޕިޔޫ ފެނިގެން ގޮސްފައިވެއެވެ.